ވޭތުވެދިޔަ ތިން މަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީގެ މިިނިސްޓްރީ (ކުރީގެ ޖެންޑާ މިނިސްޓްރީ)އަށް ހުށަހެޅި މައްސައްލަތަކުގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިޖުތިމާއީ މިނިސްޓްރީން އިއްޔެ ނެރެފައިވަ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު 205 މައްސަލައެއް އެ މިނިސްޓްރީން އެޓެންޑުވެފައިވެއެވެ. އެ އަދަދު ސެޕްޓެމްބަރު މަހު ހުރީ 213 ގައެވެ. އަދި އޮޓަސްޓު މަހު 254 މައްސަލައަށް އެޓެންޑުވެފައިވެއެވެ.
ވޭތުވެދިޔަ ތިން މަހުވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 90 އަށްވުރެ ގިނަ މަައްސަލަ ރިޕޯޓުކޮށްފައިވީ ނަމަވެސް ތިންމަހުވެސް އެ އަދަދު ދަށްވެފައިވެއެވެ. އެގޮތުން އޮގަސްޓު މަހު ކުޑަކުދިންނާ ގުޅުންހުރި 96 މައްސަލައެއް ހުށަހެޅި އިރު ސެޕްޓެމްބަރު މަހު ހުށަހަޅާފައިވަނީ 92 މައްސަލައެކެވެ. އަދި މިދިޔަ މަހު ހުށަހެޅީ އެފަދަ 90 މައްސަލައެވެ.
ވޭތުވެ ދިޔަ ތިން މަހު އާއިލީ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރުވެސް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އޮގަސްޓު މަހު އާއިލީ މައްސަލަތަކާ ގުޅުންހުރި 44 މައްސަލައެއް ހުށަހަޅާފައިވާއިރު، ސެޕްޓެމްބަރު މަހު ހުށަހަޅާފައިވަނީ 25 މައްސަލައެކެވެ. އަދި މިދިޔަ މަހު ހުށަހަޅާފައި ވަނީ އެ ބާވަތުގެ 24 މައްސަލައެކެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބާލާއިރު ކުޑަކުދިންނާ ގުުންހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރީ ގެވެށި އަނިޔާގެ އަމަލެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 25 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ 19 މައްސަލައެއް ހުށަހަޅާފައިވާއިރު، ޖިންސީ އަނިޔާގެ 16 މައްސަލައެއް ހުށަހަޅާފައިވެއެވެ.
އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ 21 މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ބޭނުންވެގެން 17 މައްސަލައެއް ހުށަހަޅާފައިވެއެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުޑަކުދިން އެބަ ތިއްބެވެ. މިދިޔަ މަހު އަލަށް ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު ތިން ކުއްޖަކު އާއިލާއަށް އަނބުރައި ގެންގޮސްފައިވެއެވެ. އަދި އެއް ކުއްޖަކު ފޮސްޓާ ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު