ދުނިޔޭގައިވާ އެންމެބޮޑު އިސްލާމީ ގައުމަކީ އިންޑޮނީޝިއާއެވެ. އެގައުމަށް 1945 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން ވެރިކަން ކުރަމުންދަނީ ޖަކާޓާގައެވެ. އެރަށަށް ކުރީޒަމާނުގައި ދިވެހިން ކިޔަނީ ބަތާވީސްކަރައެވެ. ޖަކާޓާއަކީ ވެރިރަށަށް ވުމުގެ އިތުރަށް ގައުމުގެ އެންމެ ބޮޑު ސިޓީވެސްމެއެވެ. ޖަކާޓާގައި ގާތްގަޑަކަށް 11 މިލިޔަން މީހުން ދިރިއުޅެއެވެ. އިންޑޮނީޝިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ސުރަބާޔާއަށްވުރެ ޖަކާޓާ ހަތަރުގުނަ ބޮޑެވެ. ޖަކާޓާއެކޭ އެއްފަދައިން ސުރަބާޔާވެސް އޮންނަނީ ޖާވާގައެވެ. އިންޑޮނީޝިއާގެ ޖުމްލަ އާބާދީ ކަމަށްވާ 274 މިލިޔަން މީހުންގެ ތެރެއިން 56 ޕަސަންޓް ނުވަތަ 152 މިލިޔަން މީހުން ދިރިއުޅެނީ ޖާވާގައެވެ. އެކަމަކު ޖާވާއަކީ އިންޑޮނީޝިއާގެ އެންމެ ބޮޑު ޖަޒީރާއެއްވެސް ނޫނެވެ. ފަސްވަނައެވެ. ބޯނިއޯއާއި ސުމަޓްރާ ފަދަ ޖަޒީރާތައް މާބޮޑެވެ. މުޅި އިންޑޮނީޝިއާއަށް ނިސްބަތްކުރާއިރު ޖާވާއަކީ އެގައުމުގެ ހިކިފަސްތަނުގެ އެންމެ ހަތް ޕަސެންޓެވެ. ޖާވާއަކީ މުޅިދުނިޔޭގައިވެސް އެންމެ އާބާދީ ބޮޑު އެންމެ ތޮއްޖެހިފައިވާ ޖަޒީރާއެވެ.

ތޮއްޖެހުމުގެ އިތުރަށް ޖާވާއަކީ ގުދުރަތީ ކާރިސާތައް ގިނަ ޖަޒީރާއެކެވެ. އަލިފާންފަރުބަދަތައް ގޮވުމާއި ބިންހެލުންތަކާއި ސުނާމީތަކާއި ބިންގަނޑު ކަނޑައިގެންދިއުން ފަދަ ކަންކަން ވަރަށް ގިނައެވެ. ކޯރުތަކާއި ފެންފެންގަނޑުތައް ވަނީ ވިހަވެ ތަޣައްޔަރު ވެފައެވެ. ޖަކާޓާއަކީ މަޑުމަޑުން އަޑިޔަށް ގެނބެމުންދާ ސިޓީއެކެވެ. ޖަކާޓާގެ ސާޅީސް އިންސައްތައަށްވުރެ ބޮޑުބައެއް ވަނީ ސީލެވެލްއަށްވުރެ ތިރީގައެވެ. އިތުރުވަމުންދާ އާބާދީޔާއި އުސްވަމުން ބަރުވަމުންދާ އިމާރާތްތައް ގިނަކަމުން ޖަކާޓާ ހިމެނިފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުވިކޮށް ގެނބެމުންދާ ސިޓީކަމުގައެވެ. އަންދާޒާ ކުރެވިފައިވާ ގޮތުން އަދި ފަންސަވީސް އަހަރުފަހުން ޖަކާޓާގެ ތިންބައިކުޅަ އެއްބައި އޮންނާނީ ފެނުގެ އަޑީގައެވެ. މިކަންކަން މިހެން ހުރުމާއެކު ގައުމުގެ ވެރިރަށް ތަންކޮޅެއް އަމާން ސަރަހައްދަކަށް ބަދަލުކުރުމަށް ވަރަށް ކުރީއްސުރެ އަންނަނީ ވިސްނަމުން ޚިޔާލު ކުރަމުންނެވެ. ތޮއްޖެހިފައިވާ ޖާވާގެ އާބާދީގެ ބޮޑުބައެއް އެހެން ހިސާބުތަކަށް ބަދަލުކުރުމަށްވެސް އައީ ވިސްނަމުންނެވެ.

ޖާވާއާއި ޖަކާޓާގެ މައްސަލަތަކާ ދުރަށް ވެރިރަށް ބަދަލުކުރުމުގެ ޚިޔާލަކީ އިންޑޮނީޝިޔާގެ ފުރަތަމަ ރައީސް ސުކާނޯގެ ދައުރުން ފެށިގެން އުފަންވެފައިވާ ޚިޔާލެކެވެ. ސުކާނޯ ވެރިކަން ކުރެއްވީ 1945 ވަނަ އަހަރުން ފެށިގެން 1967 ވަނަ އަހަރާ ހަމައަށެވެ. އެހެންނަމަވެސް މި ޚިޔާލަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ފެށިފައިވަނީ ވަރަށްވެސް ފަހުން ދާދިއިހަކަށް ދުވަހުއެވެ. މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯގެ ވެރިކަމުގެ ދެވަނަ ދައުރުގައި ހުސްވި 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އައު ވެރިރަށަކީ ކޮބައިބާވައެވެ. އައު ވެރިރަށް އާބާދުކުރަނީ ކޮންތާކުބާވައެވެ. އައު ވެރިރަށުގެ ނަމަކީ ނުސަންތަރާއެވެ. މިއީ މުޅިން އަލަށް އާބާދުކުރާ އައު ސަހަރެކެވެ. މި ސަހަރު ބިނާކުރަނީ އިންޑޮނީޝިޔާގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ ބޯނިއޯގެ އިރުދެކުނު އައްސޭރީގައެވެ. މިއީ މުޅިއެކު ފަސް ފިޔަވައްސަކަށް ބަހާލެވިފައިވާ ވަރަށް ބިޔަ މަޝްރޫއެކެވެ. ކުރިއަށްއޮތް 2024 ވަނަ އަހަރު ފުރަތަމަ ފިޔަވަހި ނިމޭނެއެވެ. އެންމެފަހު އަދި ފަސްވަނަ ފިޔަވަހި ނިމޭނީ 2045 ގައެވެ.

އައު ވެރިރަށް ނުސަންތަރާ ބިނާކުރަމުން ދަނީ 35 ބިލިޔަން ޑޮލަރުގެ ބޮޑު ބަޖެޓަކުންނެވެ. މި ސިޓީ ބިނާކުރަމުންދާ ބޯނިއޯއަކީ އިންޑޮނީޝިއާގެ އެންމެ ބިޔަ ޖަޒީރާކަމަށް ވުމުގެ އިތުރަށް އެއީ މުޅިދުނިޔޭގައިވެސް އެންމެބިޔަ ތިންވަނަ ޖަޒީރާއެވެ. އެކަމަކު މުޅި ބޯނިއޯ ނިސްބަތްވަނީ އިންޑޮނީޝިއާ އަކަށް ނޫނެވެ. މެލޭޝިއާގެ އެންމެ ބޮޑު ދެ ސްޓޭޓްކަމަށްވާ ސަރަވަކާއި ސަބާ އޮންނަނީ ބޯނިއޯގައެވެ. ބުރޫނާއީ އޮންނަނީވެސް ބޯނިއޯގައެވެ. އެކަމަކު މުޅި ބޯނިއޯގެ 73 ޕަސަންޓް ނިސްބަތްވަނީ އިންޑޮނީޝިއާއަށެވެ. އިންޑޮނީޝިއާއިން ކޮންޓްރޯލްކުރާ ބަޔަށް ކިޔަނީ ކަލިމަންޓާންއެވެ. މިބައިވެސް އޮންނަނީ އިދާރީގޮތުން ފަސް ޕްރޮވިންސަކަށް ބަހާލައިފައެވެ. އައު ވެރިރަށް ނުސަންތަރާ އޮތީ އީސްޓް ކަލިމަންޓާނުގައެވެ. އިންޑޮނީޝިއާގެ މުޅި އާބާދީގެ ތެރެއިން ބޯނިއޯގައި ދިރިއުޅެނީ އެންމެ 12 މިލިޔަންއެވެ. އެހެންވީމާ ބޯނިއޯ ހިމެނެނީ އިންޑޮނީޝިއާގެ އެންމެ ބައިމަދު ޖަޒީރާ ކަމުގައެވެ. ކޮންމެ އަކަމޭލަކަށް ޖެހޭ ބޮލުގެ އަދަދަށް ބެލީމައެވެ.

ބޯނިއޯގެ އީސްޓް ކަލިމަންޓާނުގައި އައު ވެރިރަށް ބިނާކުރުމަށް އިންޑޮނީޝިޔާގެ ސަރުކާރުން ނިންމީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ. އިންޑޮނީޝިޔާގެ ސަރަހައްދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ރައްކާތެރި ސަރަހައްދަކީ އެއީއެވެ. ބިންހެލުންތައް މަދެވެ. މުޅި ބޯނިއޯގައިވެސް އަލިފާން ފަރުބަދައެއް ނެތެވެ. ފެހިކަން ގަދައެވެ. ބިންގަނޑު މޮޅެވެ. ގުދުރަތީ ބިޔަ ބަނދަރެއް އެބައޮތެވެ. ސަރަހައްދުގެ އެހެން ގައުމުތަކާ ނުހަނު ކައިރިއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. ޖާވާއާ ކިތަންމެ ދުރަސް، އަދި ބޯނިއޯގައި މާގިނަބަޔަކު ނެތަސް މުސްތަގުބަލަށް ވިސްނައިގެން ކަމެއް ކުރަންޏާ އެތަނަކީ ބޯނިއޯކަމަށް އެންމެނަށްވެސް އިއްތިފާގު ވެވެއެވެ. އެހެންވީމާ ރައީސް ޖޯކޯ ވިޑޯޑޯގެ ސަރުކާރުން މިކަން މިގޮތަށް ނިންމީއެވެ. ވެރިރަށުގެ ފުރަތަމަ ފިޔަވަހި ނިންމައި ހުޅުވުންއޮތީ އަންނަ އަހަރުގެ އޮގަސްޓް ސަތާރައިގައެވެ. އެއީ އިންޑޮނީޝިއާގެ މިނިވަން ދުވަހެވެ.

ތަފާތު ސަބަބުތަކަށްޓަކައި މުޅިން އައު ސިޓީއެއް ވުޖޫދުކޮށް އެ ސިޓީއަކަށް ވެރިކަން ބަދަލުކުރުމަކީ އެހެން ބައެއް ގައުމުތަކުންވެސް ކޮށްފައިވާ ކަމެކެވެ. ކުރަމުން އަންނަ ކަމެކެވެ. އެމެރިކާގެ ވެރިރަށް ވޮޝިންޓަނަކީވެސް އެކަމަށްޓަކައި ބިނާކުރެވުނު އައު ސިޓީއެކެވެ. ބްރެޒިލްގެ ވެރިރަށް ބްރެސީލިއާ، ނައިޖީރިއާގެ ވެރިރަށް އަބޫޖާ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު، އަދި ޓެންޒޭނިއާގެ ވެރިރަށް ޑޮޑޯމާ، އައިވަރީކޯސްޓްގެ ވެރިރަށް ޔަމުސޯކްރޯ، ކަޒަކަސްތާނުގެ ވެރިރަށް އާސްތާނާ، އަދި ބަރުމާގެ ވެރިރަށް ނޭޕިޑޯއަކީ އިތުރު މިސާލުތަކެކެވެ. މިސްރުގައިވެސް އައު ވެރިރަށެއް ބިނާކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ދަނީ ކުރިއަށެވެ. އެކަމަކު އެއީ މިހާރުގެ ވެރިރަށް ގާހިރާއާ ޖެހިގެންނެވެ. ގާހިރާގެ ބައެއްގެ ގޮތުގައެވެ. ތައިލެންޑަކީވެސް ދާދިއަވަހަށް އައު ވެރިރަށެއް ބިނާކުރުމުގެ ވިސްނުން ގެންގުޅޭ ގައުމެކެވެ. މިހާރުގެ ވެރިރަށް ބެންކޮކް ގެނބެމުން ދިޔުމާއި ތޮއްޖެހުން ބޮޑުވުމުގެ ސަބަބުންނެވެ.