ނާލާގެ ޖުމްލައިން ރުހައިމްއަށް ލިބުނީ ސިހުމެވެ. ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ވެސް ބިމުގައި ތަތްލައިފިއެވެ. ބޮޑުވެގެން ދިޔަ ދެލޮލާއެކު އޭނާއަށް ބަލަން ހުރެވުނީ ނާލާގެ މޫނަށެވެ. ހިތުގެ ތެޅުން ކުއްލިއަކަށް އަވަސްވެގެން ދިޔައެވެ. ނާލާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނާއަށް ވާހަކަތަކެއް ކިޔައިދޭން އުޅުނެވެ. އޭނާ ގާތުގައި ޝަކުވާ ކުރާ ކަހަލައެވެ. ކަރުނަތަކުގެ ހިއްސާދާރަކީ އޭނާކަން އަންގައިދޭން މަސައްކަތް ކުރާ ކަހަލައެވެ.

އިތުރު ހާސްކަމެއް ރުހައިމްއަށް ލިބުނެވެ. ހިތަށް ވެރިވެގެން އައި ހިޔާލާއެކު ރުހައިމްއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. ހިތަށް އަންގައިދޭން ބޭނުންވީ އެފަދައިން ނުވާނެ ކަމަކަށެވެ.

ނާލާއަށް ރޮވެމުން ދިޔައެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ފިޒާޔާ ދެއްކި ވާހަކަތަކެވެ. ހިތުގެ ތަކުލީފުތަކަށް ނިމުމެއް ނުވާ ކަހަލައެވެ. ރުހައިމްއާ ކުރިމަތިލުން އޭނާ ހީކުރި ވަރަށް ވުރެން އުނދަގޫ ކަމަކަށް ވެއްޖެއެވެ. އެ ހިތް އިތުރަށް ބަލިކަށިވި ކަހަލައެވެ.

''ނާލާ...'' ރުހައިމްއަށް ގޮވައިލެވުނެވެ. އޭނާގެ އަޑުގައިވަނީ ބިރުވެރިކަމެވެ. ނާލާގެ ހިތާމަތަކާ ގުޅިފައިވާ ސަބަބާ މެދު ވިސްނާލެވުމާއެކު ހިތަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. ސިކުނޑިއަށް ލިބުނު ހާސްކަމުން އޭނާއަށް ރަނގަޅަށް ވިސްނައެއް ނުގަނެވުނެވެ. ނާލާގެ ހިތާމަތައް ފެނި ނާލާއާ ދުރުގައި ވެސް ނުހުރެވުނެވެ. އޭނާ ބޭނުންވީ ނާލާގެ ކަރުނަތައް ފޮހެލަދޭށެވެ. ގެނެސް އެމޭގައި ފޮރުވާލާށެވެ. ހިތާމަތަކުގެ އާލަމުން މިންޖުކޮށްދޭށެވެ. ނަމަވެސް އެއީ ވުން މުސްތަހީލުކަމެއްކަން އަންގައިދިނީ ނާލާގެ އަމަލުތަކުންނެވެ.

''ދުރުގަ ހުންނާށޭ!...'' ރުހައިމް އައިސް އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލައި މޭގައި ޖައްސަން އުޅުމުން ނާލާގެ ގިސްލުން ވޭނީ ހަޅޭކަކަށް ބަދަލުވެއްޖެއެވެ. މޭގައި އުތުރި އަރަމުން އައި ތޫފާނުގެ ރޯޅިތައް ބޭރުވެގެން ދިޔައެވެ. ހިތްދަތިކަމުގެ ގިސްލުންތަކެއް ސިފައިގައެވެ.

''އަހަރެން ގާތަށް ނާދޭ، ރުހައިމްގެ އެހީއެއް އަހަރެން ބޭނުމެއް ނޫން!، އަނިޔާ ދީފައި މިހާރު ފިރުމަން ތިއުޅެނީ ކީއްވެގެންތަ؟... ކީއްވެ؟... ކީއްވެ؟... އެހެން ކަންތައް ކުރީ ކީއްވެތަ؟... އަހަންނާ މެދު ނުވިސްނީ ކީއްވެގެންތަ؟ ރުހައިމް...'' ރުޅިވެރިކަން އެކުލެވިގެންވި ނާލާގެ އަޑު ރުއިމަކަށް ބަދަލުވެއްޖެއެވެ. އޭރު އެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ދަތްދޮޅީގައި އެކުލެވިގެންވީ މަޑު ތުރުތުރުލުމެކެވެ. މޫނަށް ވެރިވެފައިވި އުދާސްކަމުން ބަރުދާސްތުކުރަން ދަތި ވޭނެއް އުފުލަމުންދާކަން ހާމަކޮށްދިނެވެ.

ރުހައިމްގެ ހަރަކާތްތައް ވަގުތުން ހުއްޓުމަކަށް އަތުވެއްޖެއެވެ. އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވި ކަހަލައެވެ. އެ މޫނުގެ ކުލަވަރު ވެސް ބަދަލުވިއެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ މުޅި މީހާ ސިއްސުވާލައިފައެވެ. އޭނާއަށް މަޑުމަޑުން ދެފަރާތަށް ބޯހޫރައިލެވުނީއެވެ. ކުރިމަތިން ނިއުޅެމުން އެދާ ހަގީގަތާ ކުރިމަތިލާން ބޭނުން ނުވެފައެވެ. އޭރު އޭނާއަށް ހިތާ ސުވާލުކުރެވުނެވެ. ނާލާއަށް ހުރިހާކަމެއް އެނގުނީ ހެއްޔެވެ؟ އެހާވަރުން ސިއްރުކުރަން އުޅުނުކަންތައް ހާމަވީ ހެއްޔެވެ؟

ރުހައިމްގެ ނަފުސު ތެޅިފޮޅިގަތެވެ. ހަގީގަތް އިންކާރުކުރަން ބޭނުންވެފައެވެ. ނަމަވެސް ނާލާގެ ކަރުނަތަކާއި، ގިސްލުމާއި، ހިތްދަތިކަމުން ފުރިގެންވި އަޑުން ރުހައިމްގެ މުޅި ނަފުސު ހިމޭންކުރުވައިފިއެވެ. ނާލާގެ ކުރިމަތީގައި ރުހައިމްއަށް އިސްޖަހައިލެވުނީއެވެ. އޭރު މޭގައި އަބަދުމެވާ ރިހުން އިހުނަށްވުރެ ބާރުގަދަވެއްޖެކަމުގެ އިހުސާސް ރުހައިމްއަށް ކުރެވުނެވެ. އޭނާއަށް ބޭރުކޮށްލެވުނީ އުދާސްކަމުގެ ނޭވާއެކެވެ. ނާލާގެ ކުރިމަތީގައި ދައްކާނެ ބަހަނާއެއް ރުހައިމްއަކަށް ނޭނގުނެވެ. ދޫ ވަނީ ހިމޭން ވެފައެވެ.

ރުހައިމްގެ ހިމޭންކަމުން ނާލާއަށް ލިބުނީ އިތުރި ހިތްދަތިކަމެވެ. ރުހައިމް ކުށްވެރިވާ މިންވަރު ނާލާއަށް އަންދާޒާކޮށްލެވުނީ ދެނެވެ. އެއީ ހަގީގަތަކަށް ނުވުމަށް އެދި އުއްމީދުގެ ވާފަށުގައި ހިފަހައްޓަން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ނާލާއަށް އޭނާގެ މޫނުގައި އަތް އަޅައިލެވުނެވެ. އޭނާއަށް ގިސްލެވެނީއެވެ. ހިތް ފިސްފިސްވަމުން ދާތީއެވެ. ލޯތްބަށް ކުރި ހުރިހާ އިތުބާރެއް އޮޔާލާ ގޮސްފިއެވެ.

ކަކުލުހުޅުން ވާގި ދޫވިކަމުގެ އިހުސާސާއެކު ނާލާއަށް ބިންމައްޗަށް ތިރި ވެވުނެވެ. އެ ހަށިގަނޑުގައި ހަކަތައެއް ނުވެއެވެ.

މަންޒަރު ބަލަން ހުރި ރުހައިމްއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް މިފަހަރު އޭނާ ހިފެހެއްޓީ ކުށްވެރިކަމުގެ ކަސްތަޅުތަކުންނެވެ. ކުރިއަށްވުރެ ބޮޑަށް ރުހައިމްއަށް އިސްއޮބާލެވުނީއެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ދައްކާނެ ބަހަނާއެއް ރުހައިމްއަކަށް ނޭނގުނެވެ.

''އަހަރެން ހާދަ ވަރަކަށް ރުހައިމްއަށް އިތުބާރުކުރީމޭ، ލޯބިވީމޭ!، އެކަމުގެ އަގު އަދާކުރަން ރުހައިމްއަށް އެނގުނު ގޮތަކީ އެއީތަ؟... ރުހައިމްގެ ސަބަބުން އަހަންނަށް ލިބުނީ ކޮންފަދަ ބޮޑު ނިކަމެތިކަމެއްކަން އެނގޭތަ؟... ކީއްވެ؟، ކީއްވެހޭ އެހެން ކަންތައް ކުރީ!... އަހަރެންގެ އުނިކަމެއް ހުރީމަތަ ރުހައިމް އެފަދަ ދަރަޖައަކަށް ދާން ޖެހުނީ؟... ރުހައިމް ދެކެ ލޯބި ވެވުނީ ހަމައެކަނި އަހަންނަށްތަ؟، އެކުގައި އުޅެން މަސައްކަތްކުރީ ވެސް ހަމައެކަނި އަހަރެންތަ؟..... ކީއްވެ ހިމޭނުން ތިހުންނަނީ؟... ޖަވާބު ދެށޭ!... ކީއްވެގެންތަ އެހެން ކަންތައް ކުރީ؟...'' ހިތުގެ ޝަކުވާތައް ރުޅިވެރިކަން އިހްތިޔާރުކުރިއެވެ. ލިބިގެން ދިޔަ ކުޑަ ހިތްވަރާއެކު ނާލާ ކޮޅަށް ތެދުވުނެވެ. ކަރުނަތައް ފޮހެލަމުން އޭނާ ގޮސް ރުހައިމްގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ވެސް ދެލެލޮލަށް ތާޒާ ކަރުނަތައް ޖަވާމެފައި ވިއެވެ. ތުރުތުރުއަޅަމުން ދިޔަ އަތުން ރުހައިމްގެ މޭގައި ނާލާއަށް ޖަހައިލެވުނެވެ. އަދި ކޮއްޕާލެވުނެވެ.

ރުހައިމްއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭނާއަށް ނާލާގެ ސުވާލުތަކަށް ޖަވާބުދާރީ ނުވެވުނެވެ. ހަގީގަތް ނާލާއަށް ހާމަވުމުން ދައްކާނެ ބަހަނާއެއް ވެސް ދުލަކަށް ނައެވެ. އޭރު ރުހައިމްއަށް ވިސްނެމުން ދިޔައީ ނާލާއަށް ހެދުނު ދޮގުތަކާ މެދުގައެވެ. އޮޅުވައިލެވުނު މިންވަރާ މެދުގައެވެ. އެ ދަރަޖައަށް އޭނާ ދިޔައީ ނާލާއަށް ހަގީގަތް ސިއްރުކުރުމަށެވެ. އެހެނަސް މިއަދު ހުރިހާކަމެއް އެވަނީ ހާމަވެފައެވެ. ނާލާއަށް ހަގީގަތް އެނގުނު ގޮތަކާ މެދު ވެސް ރުހައިމްއަށް ވިސްނައިލެވުނެވެ. އެއާއެކު ޔަޝްފީގެ ނަން ރުހައިމްގެ ހިތަށް ވެރިވެގެން ދިޔައެވެ. ނާލާއަށް ހަގީގަތް ހާމަކުރީ ޔަޝްފީ ހެއްޔެވެ؟ އެހެންވެއްޖެނަމަ ޔަޝްފީ ކިޔައިދިނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ޔަޝްފީއާ މެދުގައި ރުހައިމްގެ ހިތުގައި ޝަކުވާ އުފެދުނެވެ. ނަމަވެސް އެ ހައިސިއްޔަތު އޭނާއަށް ލިބިގެންވޭ ބާވައޭ ވެސް ހިތާ ސުވާލުކުރެވުނެވެ.

''ވައި ޑިޑް ޔޫ ޑޫ ދެޓް؟... ރުހައިމްއަށް ނޭނގުނީތަ އަންހެނުންނަށް ރެސްޕެކްޓްކުރަން؟، އެހެންވިއްޔާމު ރުހައިމްގެ ހިތުގައި އަހަންނާ މެދު ވަނީ ކީކޭތަ؟... ގަދަ މަޖުބޫރުން ތިމާގެ ބޭނުން ފުއްދަން އުޅުނީ ކީއްވެގެންތަ؟... ރުހައިމްގެ އަނބިމީހާ ހުއްޓައި އިތުރު އަންހެން ކުއްޖެއްގެ ނިކަމެތިކަމުގެ ފައިދާ ނެގީ ކީއްވެގެންތަ؟... ޔޫ ޑޯންޓް އީވެން ރެސްޕެކްޓް ވިމެން!، ދެން ކިހިނެއް އަހަރެން ރުހައިމްއާ އެކުގައި އުޅޭނީ، ބުނެބަލަ... ވާހަކަދައްކަބަލަ، ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ...''

ރުހައިމްގެ ޓީޝާޓް އަތުގެ ތެރެއަށް ބޮނޑިކޮށްލަމުން ނާލާއަށް އެހިތުގެ ޝަކުވާތައް ބަންޑުން ކުރެވުނެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނާއަށް ވާހަކަދައްކަން ވެސް އުނދަގޫކަމަކަށް ވިއެވެ. ނާލާއަށް އެހިތުގެ ވޭނީ އާހްތައް ބޭރުކުރެވުނެވެ. ނަމަވެސް ހިތުގެ ރިހުންތަކުގެ ސިލްސިލާއަށް ނިމުމެއް ނުވާ ކަހަލައެވެ. ރުހައިމްގެ ހިމޭންކަމުން އެ ހިތުގައި ޅިޔަ އެޅިގެން ދިޔައެވެ. އޭނާގެ ކުރިމަތީގައި ރުހައިމް އިސްޖަހާލައިގެން ހުރުމުން ކުށްވެރިވާ މިންވަރު ވެސް ދެނެގަނެވުނެވެ. އެކަމުން ވެސް އިތުރު ތަކުލީފެއް ނޫނީ ނުލިބުނެވެ.

''ރުހައިމް އަހަންނަށް އޮޅުވާލި މިންވަރާ މެދު ވިސްނާލަބަލަ، ކިތައް ދޮގުތަ އަހަންނަށް ހެދީ؟... އަހަރެންގެ މޮޔަކަމުން ރުހައިމް ބުނިހާ އެއްޗެއް ގަބޫލުކުރެވުނީ... ރުހައިމް ދެކެ އަހަރެންވާ ލޯބީގެ ސަބަބުން ރުހައިމް ބުނިހާ ގޮތަކަށް އުޅެވުނީ... އަހަރެން މުޅި އުމުރު ހޭދަކުރަން ބޭނުންވީ ރުހައިމްއާއެކުގައި، މިހިތް ދިން ހަމައެކަނި މީހަކީ ވެސް ރުހައިމް، އަހަރެންގެ ހުރިހާ އެއްޗެއް ވެސް ރުހައިމްއަށްޓަކައި ގުރުބާން ކުރިން، މަންމަގެ ނުރުހުމުގައި ވެސް ރުހައިމްއާ ކައިވެނި ކުރިން، އެކަމަކު ރުހައިމް އަހަރެން ދެކެ ލޯތްބެއް ނުވޭ، ލޯބިވާނަމަ އެފަދަ ދަރަޖައަކަށް ރުހައިމް ނުވެއްޓޭނެ!... އެންމެންގެ ތެރޭގައި އަހަރެން ބަދުނާމުކޮށެއް ނުލާނެ، މިހާރު އެއްވެސް މީހަކަށް މޫނު ދައްކަން އަހަރެން ލަދުގަނޭ، ރުހައިމްގެ ހަގީގަތް ހާމަވުމުން އެންމެން ކުށްވެރިކުރާނީ އަހަރެން، އަހަންނަށް ރުހައިމްގެ ހިތްހަމަޖައްސައި ނުދެވުމުން އެކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރާނެ މީހުން މަދެއް ނުވާނެ...'' ކުށްލިއަކަށް ރުހައިމްއާ ދުރަށް ޖެހިލަމުން ނާލާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.

''ނާލާ...'' ކަންފަތުގައި ގުގުމަމުން ދިޔަ ނާލާގެ ރުއިމުގެ އަޑުން ރުހައިމްގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. އެންމެ ލޯބިވާ ފަރާތް އޭނާގެ ކުރިމަތީގައި އޮހޮރަމުން ދިޔަ ވޭނީ ކަރުނަތަކުން ރުހައިމްގެ ހިތް ފަޅައިގެންދާ ހިސާބަށް ދިޔައެވެ. އެންމެ ދެރަވީ އެހުރިހާ ކަމެއް ހިނގީ އޭނަގެ ސަބަބުން ކަމުގައި ވާތީއެވެ. ދައްކާނެ ބަހަނާއެއް ވެސް ނެތެވެ. ފަސްއަޅައި ފޮރުވަން އުޅުނު ސިއްރުތައް އެވަނީ ހާމަވެގެން ގޮސްފައެވެ. އޭނާ ކުރި މުޑުދާރު އަމަލުގެ ސަބަބުން އެއްވެސް މިހަކާ މެދު ރުޅި އައިސް ޝަކުވާ ކުރުމުގެ ހައިސިއްޔަތެއް ވެސް ނެތޭ ރުހައިމްގެ ހިތަށް އެރިއެވެ.

''ރުހައިމް، އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަލަ، ބީ އޮނެސްޓް...'' ކަރުނަ ފޮހެލަމުން ނާލާއަށް އެތެރެއަށް ނޭފަތް ދަމާލެވުނެވެ.

ރުހައިމްގެ މޫނަށް ނާލާ ބަލައިލިއެވެ. އޭރު ވެސް ރުހައިމް ހުރީ ކުށްވެރިއަކު ފަދައިން އިސްޖަހާލައިގެންނެވެ. ލޮލަށް ޖަމާވި ކަރުނަތަކުން މަންޒަރުތައް ފުސްވާން ފެށިއެވެ. ގިސްލުންތައް ހިންދާލަން ނާލާއަށް ދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. ފުން ނޭވާއެއް ވެސް ދޫކޮށްލިއެވެ.

''އަހަރެން... އަހަރެން ދެކެ އެއްވެސް އިރެއްގައި ރުހައިމް ލޯބިވިންތަ؟...'' ކުރެހިފައިވާ އަޑަކުން ނާލާއަށް ސުވާލުކުރެވުނެވެ. އެ ސުވާލުގެ ޖަވާބު ބޭނުންވެފައިވާ މިންވަރު ނާލާގެ ދެލޮލުން ނީރާލި ކަރުނަތަކުން ހާމަކޮށްދިނެވެ.

''ނާލާ ނޫން އިތުރު މީހަކު ދެކެ އަހަރެން ލޯތްބެއް ނުވަން، ނުވެސް ވާނަން...'' ހިތްވަރުކޮށްލަމުން ރުހައިމް އިސްއުފުލައިލިއެވެ. ރުހައިމްގެ ދެލޮލުގައި ވެސް ވަނީ ކަރުނަތަކެވެ. ހިތްދަތިކަން އެ މޫނުމަތިން ވެސް ރަމްޒުކޮށްދެއެވެ.

ނާލާއަށް ދެފަރާތަށް ބޯހޫރައިލެވުނީއެވެ. އޭނާ ރުހައިމްއާ ދުރަށް ދެތިން ފިޔަވަޅު އަޅައިލިއެވެ. އަދި އަނގަމަތީގައި އަތް އަޅަމުން ތަކުރާރުކޮށް ބޯހޫރަން ފެށިއެވެ.

''ދޮގު... މިހާރު ވެސް ތިހަދަނީ ދޮގު... ކިހިނެއްތަ ރުހައިމް އަހަރެން ދެކެ ލޯބިވާކަން ގަބޫލުކުރާނީ؟... ލޯބިވާ ނަމަ އަނިޔާއެއް ނުދޭނެ... ރުހައިމް ދުވަހަކު އަހަރެންގެ ގަޔަށް އަތްއިސްނުކުރިކަމުގައި ވިޔަސް އަހަރެންގެ ހިތަށް ތިވަނީ ރަހުމެއްނެތި އަނިޔާ ދީފައި، އަހަރެންގެ ހިތުގައި މިއަޅާ ވޭން ރުހައިމްއަށް އިހުސާސެއް ނުކުރެވޭނެ، އަހަރެން ކުރިހާ އިތުބާރެއްގެ ނާޖާއިޒު ފައިދާ ތިވަނީ ނަގާފައި...'' ނާލާއަށް ރޮވުނީއެވެ. ރުހައިމް ތެދު ހާމަކުރިކަމުގައި ވިޔަސް ނާލާއަށް އަޑުއިވެމުން ދިޔައީ ދޮގުތަކެވެ. އޮޅުވައިލުމެއް ފަދައިންނެވެ. ރުހައިމްގެ ބަހަށް މިހާރު އޭނާ އިތުބާރު ކުރާނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟

ނާލާގެ ކޮންމެ ޖުމްލައެއް ރުހައިމްއަށް އިހުސާސްކުރެވުނީ ޒަހަރެއް ފަދައިންނެވެ. އެ ޒަހަރުގެ ހިތިކަން އަރުބުޑުން ފިލާ ގޮތެއް ނުވިއެވެ. މުޅި ނަފުސު ބަލިކަށިކޮށްލި ކަހަލައެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އޮތް ދުވަސް މިވަނީ ކުރިމަތިވެފައެވެ. ނަމަވެސް ކަންތައްކުރަންވީ ގޮތެއް ރުހައިމްއަކަށް ނޭނގުނެވެ. އޭނާގެ ސިކުނޑި ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޖަޒުބާތުގެ މައްޗަށް ސަވާރުވެފައިވަނީ ގިލަންވެރިކަމުގެ ވޭނެވެ.

''އިތުބާރު ހިފޭ މަގާމެއްގައި ހުރެ އަންހެން ކުއްޖަކަށް ރުހައިމް ތިވަނީ އަނިޔާވެރިވެފައި... އެ ކުއްޖާގެ އެކަނިވެރިކަމުގެ ފައިދާ ތިވަނީ ނަގާފައި، އަންހެން ކުއްޖެއްގެ ހުރިހާ ވެސް އެއްޗަކީ އަބަރުވެރިކަން، އެކަމެއް ރުހައިމްއަކަށް ނޭނގޭތަ؟... އެފަދަ މުޑުދާރު އަމަލެއް ހިންގަން ރުހައިމްއަށް ހިތްވަރު ލިބުނީ ކިހިނެއް؟، ހައު ކުޑް ޔޫ ޑޫ ދެޓް، އެކަމާ މެދު ވިސްނާލިޔަސް އަހަރެން ގާތަށް ރުޅިއާދޭ، ފަކުރުގަނޭ... ހައު ކުޑް ޔޫ ޑޫ ސަމްތިންގް ސޯ ވައިލް އެންޑް ޑިސްގަސްޓިންގް...'' ހިތާމަޔާއި ހިތްދަތިކަމުގެ މައްޗަށް ރުޅިވެރިކަން ނާލާއަށް އިހުތިޔާރުކުރެވުނެވެ. ހިތުގެ ގިލަންވެރިކަމާ ހަނގުރާމަކުރަން އޭނާއަށް ފެނުނު ހަމައެކަނި ހަތިޔާރަކީ އެއީއެވެ.

''ނާލާ...'' ރުހައިމްއަށް ކުރިއަށް ޖެހިލެވުނެވެ.

''ދުރުގައި ހުންނާށޭ، ތި އަތުން އަހަރެންގެ ގައިގައި އަތް ނުލާތި... ރުހައިމް ދެކެ ލޯބިވުން އެއީ އަހަންނަށް މުޅި ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯސް، މިއަދު ހިތަށް އެބައަރާ މަންމަގެ ބަސް ގަބޫލުކުރެވުނު ނަމައޭ، އޭރުން މިދުވަސް ދެކެން ނުޖެހުނީސް......'' ކޯތާފަތުން ރޮނގުދަމާލާފައިވި ކަރުނަތައް ނާލާ ފޮހެލިއެވެ. އަދި އެތެރެއަށް ނޭފަތް ދަމާލިއެވެ. ބޭވަފާތެރިއަކަށްޓަކައި ކަރުނަ އޮއްސުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެކަމުން ލިބޭނެ މަންފާއެއް ނެތެވެ. އިތުރު ހިތްދަތިކަމެއް މެނުވީ ނުލިބޭނެއެވެ.

''މިހާރު ހިތަށް އަރާ ރުހައިމްއާއެކު އާއިލާއެއް ބިނާ ކުރުމުގެ ފުރުސަތު އަހަންނަށް ނުލިބުނީ ރަނގަޅަކަށޭ، އެހެންނޫންނަމަ އަހަރެން އެކަންޏެއް ނޫން ބިކަވެގެން ދާނީ، އަހަރެން ހާދަ ބޭނުންވިޔޭ ރުހައިމްއާއެކު އާއިލާއެއް ފަށަން... އެކަމަކު އަހަންނަށް އެ ފުރުސަތެއް ނުލިބުނު......'' އަތްދަބަހުގައި އޮތް ސިޓީ އުރަ ނަގައި ރުހައިމްގެ މޫނުމައްޗަށް ނާލާ ހޫރާލިއެވެ. އޭރުވެސް އެސްފިޔަތަކުގައި ވަނީ ކަރުނައިގެ ތެތްކަމެވެ. ދެލޮލުގައި ވަނީ ހިތްދަތިކަމެވެ.

''ރުހައިމްގެ ސަބަބުން މުޅި ދުނިޔެއަށް ޔަޝްފީ އެވަނީ ބަދުނާމުވެފައި......'' ނާލާ ބުންޏެވެ. އޭނާގެ އަޑުގައި ހިތިކަމެއް އެކުލެވިގެން ވިއެވެ.

ފައިދޮށަށް ވެއްޓިފައި އޮތް ސިޓީ އުރައިގައި އޮތް އެއްޗެއް ނުބަލަނީސް އޭގައި ވަނީ ކޯޗެއްކަން ރުހައިމްއަށް ދެނެގަނެވުނެވެ. ރުހައިމްގެ ލޮލަށް ޖަމާވި ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބައިގަތެވެ. ހުރިހާކަމެއް ވެސް ނާލާއަށް އެނގިއްޖެކަން ރުހައިމްއަށް ޔަގީންކުރެވުނެވެ. ހިތްވަރުކޮށްލަމުން އިސްއުފުލައި ނާލާގެ މޫނަށް ބަލައިލެވުނެވެ. އެނދެ މެދަށް ވެރިވެފައި އޮތް ދުރުމިން ރުހައިމްއަށް ތަސައްވަރުކުރެވުނެވެ. އެއާއެކު އޭނާގެ ދުލުން އާހެއްގެ އަޑު ބޭރުވިއެވެ.

''އަހަންނަށް ދެން އެންމެ ހިނދުކޮޅަކަށް ވެސް ރުހައިމްއާއެކުގައި ނޫޅެވޭނެ...'' ނާލާ ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. ރުހައިމްއަށް ތެޅިގަނެވުނެވެ. ނާލާ ބުނި ޖުމްލައިގެ މާނަ އޭނާއަށް ދޭހަ ކުރެވުނީއެވެ.

''ދޫކުރޭ...'' ނާލާގެ އަތުގައި ރުހައިމް ހިފެހެއްޓުމުން ނާލާ ގަދަ ހެދިއެވެ. ''އަހަރެން މިބުނީނު ދޫކުރާށޭ...''

''ނާލާ... ޕްލީޒް...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ.

ގަބޫލުކުރަން ދަތިވެފައި ރުހައިމްގެ މޫނަށް ބަލަން ނާލާ ހުއްޓެވެ. އެއަށްފަހު ދެއަތަށް ލެވުނުހާ ބާރެއް ލާފައި ރުހައިމް ކޮއްޕާލަން އުޅުނެވެ. ނަމަވެސް އޭނާއަށް ވުރެ ހަށިގަނޑުން ވަރުގަދަ ރުހައިމް ގުޑާ ވެސް ނުލިއެވެ. އެއާއެކު ނާލާ އިތުރަށް ރުޅި އަންނަ ގޮތް ވިއެވެ.

''އަތުން ދޫކުރާށޭ... އަހަރެން ބުނެފީމެއްނު ރުހައިމްއާއެކުގައި އަހަންނަށް ނޫޅެވޭނެޔޭ... ރުހައިމް އެފަދަ ކަމެއް ކުރުމުގެ ކުރިން އެއްފަހަރު ވެސް ވިސްނާލިންތަ؟... ޔޯ އެކްޝަންސް ވިލް ހޭވް ކޮންސިކުއެންސެސް...'' ރުހައިމްގެ މޭގައި ގޮށްމުށުގެ އެތިފަހަރަކުން ޖަހަމުން ނާލާ ބުނެލިއެވެ. އޭރު ނާލާއަށް ރޮވިއްޖެއެވެ. ރުހައިމްގެ ކުރިމަތީގައި ނަފުސު ބަލިކަށިވުމުން ނާލާއަށް އޭނާގެ ޒަމީރު ދެކެ ރުޅި އާދެވުނެވެ. އަދިވެސް އެހިތުގައި ރުހައިމްއަށްޓަކައި ވަނީ ލޯތްބެވެ. ހިތުގައި އަޅަމުންދާ ވޭންތަކުން އެކަން ސާބިތުކޮށްދެއެވެ.

''ނާލާ ޕްލީޒް، ތިހެން ނުދޭ... އަހަންނަށް ފުރުސަތެއް ދީބަލަ...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ.

''ފުރުސަތެކޭ؟...'' ނާލާ ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. ''ރުހައިމްއަށް ކުރެވުނު ކަންތައް އަދިވެސް ރޭކާނުލާތަ؟...... ފޯރ ގޯޑް ސޭކް ޔޫ ރުއިންޑް އޭން އިނޮސެންޓް ގާރލްސް ލައިފް...''

''އަހަރެން ދޫކޮށްފައި ނުދޭ... ޕްލީސް...'' ނާލާގެ އަތުން ރުހައިމް ދޫކޮށްލިއެވެ. އެއަށްފަހު ދެއަތްތިލަ ޖޯޑުކުރަމުން އާދޭސްކުރިއެވެ. އެ ދެލޮލުގައި އޭރު ކަރުނަތައް ވެއެވެ.

ރުހައިމްއަށް ބަލަން ނާލާއަށް ހުރެވުނީ ހައިރާންކަމެއްގެ ތެރޭގައެވެ. ރުހައިމްގެ ފަރާތުން ފެންނަމުން ދިޔަ ހިތްދަތިކަމުގެ އިހުސާސްތަކުގައި ނަފުސު ބެހިގެން ދިއުމުގެ ފުރުސަތެއް އޭނާ ނުދިނެވެ. އެއީ ދެއްކުންތެރިކަމަށް ވެދާނެތީއެވެ.

''އަދިވެސް ބޭނުން ތިވަނީ ހަގީގަތް ސިއްރުކަރަން!، ޔޫ ހޭވް ނޯ ރިގްރެޓް ފޯރ ވަޓް ޔޫ ޑިޑް ޓު ޔަޝްފީ... އަހަރެން ރުހައިމް ދޫކޮށްފައި ގޮސްފިނަމަ ކުރިމަތިލާން ޖެހިދާނެ ކަންތަކާ މެދު ރުހައިމް ތި ވިސްނަނީ... މިހާރު އަހަންނަށް އެނގިއްޖެ... ހުރިހާ ކަމެއް ސާފު ވެއްޖެ...'' އަލަމާރީގެ ދޮރު ހުޅުވާލަމުން ނާލާ ބުނެލިއެވެ. އެއަށްފަހު އަލަމާރި މަތިން ނެގި އޭނާގެ ފޮއްޓަށް ހެދުން އަޅަން ފެށިއެވެ. ރުހައިމް މަސައްކަތްކުރީ ނާލާ ހުއްޓުވާށެވެ. އެދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވެން ފެށުނީ ދެނެވެ.

*****

ބަދިގޭގައި އުޅުނު ސަކީނާގެ ކަންފަތާ ހަމައަށް ނާލާގެ ހަޅޭކުގެ އަޑު ފޯރިއެވެ. އެއާއެކު އޭނާއަށް ލިބިގެން ދިޔައީ ހައިރާންކަމާއި ސިހުމެވެ. އުނދުން ނިއްވާލުމަށްފަހު އޭނަ މިސްރާބު ޖެހީ ރުހައިމްގެ ކޮޓަރިއާ ދިމާއަށެވެ. އޭރު ކޮޓަރިތެރޭގައި އަޑުގަދަ ވެފައިވާ އަޑު ވެސް އިވެން ފެށިއެވެ. ނާލާއާއި ރުހައިމްގެ ދެމެދުގައި ދެބަސްވުމެއް އުފެދިގެން އުޅޭކަން ސަކީނާއަށް ދެނެގަނެވުނެވެ. ހިތުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދުނެވެ.

''ނާލާ... ރުހައިމް...'' ކޮޓަރީގެ ދޮރުގައި ޓަކިދެމުން ސަކީނާ ގޮވާލިއެވެ. އޭނާގެ ހިތް އޭރު ބާރުބާރަށް ތެޅެމުން ދިޔައެވެ. އިރުކޮޅެއް ކުރިން ނާލާގެ ފަރާތުން ފާހަގަކުރެވުނު ބަދަލުތަކާއި ދެބަސްވުމާއި ގުޅުމެއް ވޭބާވައޭ ވެސް ހިތާ ސުވާލުކުރެވުނެވެ. މިނޫނީ ދުވަހަކު ވެސް ރުހައިމްއާއި ނާލާގެ ދެމެދުގައި ދެބަސްވުމެއް އުފެދިފައިވާ އަޑެއް އޭނާއަށް އިވިފައި ނެތެވެ. އެ ދެމެދުގައި އޮތީ އެހާ ވެސް ފުރިހަމަ ލޯތްބެކެވެ. ކުއްލިޔަކަށް ނިއުޅެން ފެށި މަންޒަރުތަކުން ސަކީނާ ހާސްވީ އެހެންވެއެވެ. ހިތުގައި އުފެދެން ފެށި ސުވާލުތަކުން ހިތުގެ ހަމަޖެހުން ގެއްލުނެވެ. ފާރޫގު ވެސް ގޭގައި ނޫޅޭ ގަޑިއަކަށް ވުމުން ސަކީނާގެ ހާސްކަން އިތުރުވާން ފެށިއެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. އޭނާއަށް ބާރުބާރަށް ދޮރުގައި ޓަކި ޖަހައިލެވުނެވެ.

*****

މަންމަގެ އަޑު އިވުމުން ރުހައިމްއަށް ލިބުނީ އިތުރު ހާސްކަމެކެވެ. ފޮއްޓަށް އެއްޗެހި އަޅަން އުޅުނު ނާލާ ހުއްޓުވަން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަމުން އޭނާއަށް ބަލައިލެވުނީ ދޮރާ ދިމާއަށެވެ. ފުރުސަތުގެ ބޭނުން ހިފައި އަތު ޖެހުނުހާ ސާމާނެއް ފޮށީގެ ތެރެއަށް އަޅައި ގަންބާލުމަށްފަހު ފޮށީގެ ޒިބް ނާލާ ދަމާލިއެވެ. އެއަށް ފަހު އެނދުމަތިން ފޮށި ނަގައި ބިންމަތީގައި ބެހެއްޓިއެވެ.

ފޮށީގެ އަތްގަނޑުގައި ހިފަމުން އޭނާ ބަލައިލީ ރުހައިމް އަށެވެ. އޭރު ރުހައިމް ހުރީ ނާލާގެ ކުރި ބައްދައިގެންނެވެ. ފޮށީގެ އަތްގަނޑުގައި ވެސް ހިފަން އުޅުނެވެ.

''ނާލާ، ތިހެން ނުދޭ، އަހަންނަށް ކުރެވުނީ ކުށެއްކަން ގަބޫލުކުރަމޭ، އެފަދަ ކަމެއް އަހަންނަށް ކުރެވުނީތީ ވެސް ދެރަވޭ، ފަހަރެއްގައި ވެސް ނާލާގެ ހުރި އުނިކަމެއްގެ ސަބަބުންނެއް ނޫން އެހެން ކަންތައް ކުރެވުނީ... އަހަރެން ވަރަށް ބޮޑަށް ނާލާ ދެކެ ލޯބިވޭ، ޕްލީޒް، ތިހެން ނުދޭ... މިކަމާ އަހަރުމެންނަށް ކުރިމަތިލެވޭނެ، ޕްލީޒް... އަހަރެން ލޯބިވާ ހަމައެކަނި ފަރާތަކީ ނާލާ... މިއީ ދޮގެއް ނޫން... ހުވާކޮށްފަ ބުނަން...'' ރުހައިމްއަށް ތެޅިގަނެވުނެވެ. ހާސްވެގެން ގޮސް ރުހައިމްއަށް ނޭވާލާން ވެސް ދަތިވެއްޖެއެވެ. އެއްކޮޅުން މަންމަގެ އަޑެވެ. އަނެއްކޮޅުން އޭނާ ދޫކޮށްފައި ދާން ތައްޔާރުވަމުން ދިޔަ ނާލާއެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާ ކަހަލައެވެ.

''ކުރިމަތިލެވޭނެޔޭ؟... ރުހައިމް އަހަންނާ ސަމާސާކުރަނީތަ؟... ކިހިނެއްތަ އަހަރެން ރުހައިމްއާ އެކުގައި އުޅޭނީ؟، ކުށަށް ވެސް ތި އިއުތިރާފުވީ، ދެންވެސް ރުހައިމްއާއެކުގައި އަހަރެން އުޅެންތަ ބޭނުންވަނީ؟... ރުހައިމް ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟... އަހަރެން ގަބޫލުކުރަން ރުހައިމް ދެކެ އަހަންނަށް ލޯބިވެވުނީ އަހަރެންގެ މޮޔަކަމުންކަން، ރުހައިމްގެ ހަގީގަތް ނުފެނުނީ ލޯބީގެ ސަބަބުންކަން، އެކަމަކު މިހާރު ހުރިހާކަމެއް ސާފުވެއްޖެ...'' ނާލާގެ ގާތަށް ރުޅިއައެވެ. ކުށަށް އިއުތިރާފުވުމުން ލިބުނު ހިތްދަތިކަން ވެސް ހިނދުކޮޅަކަށް ހަނދާން ނެތުނު ކަހަލައެވެ. ނަފުސުގެ މައްޗަށް އަތްގަދަ ކުރީ ރުޅިވެރިކަމެވެ.

''އަހަރެން ހަޅޭއްލަވާނީ... ބޭރުގައި އެހުރީ ރުހައިމްގެ މަންމަ... މިއަށްވުރެ ހަޑިކޮށް ކަންތައް ގެންދަންތަ ރުހައިމް ބޭނުންވަނީ؟، އެހެންވެއްޖެއްޔާ ފުލުހަށް ވެސް އަހަރެން ގުޅާނަން، އަހަރެންގެ ބައްޕައަށް ވެސް ގުޅާނަން...'' ނާލާއަށް ހަޅޭއްލަވައިގަނެވުނެވެ. އެންމެ ސިކުންތަކަށް ވެސް ރުހައިމްގެ ކުރިމަތީގައި ހުންނަން ނާލާ ބޭނުމެއް ނުވިއެވެ.

ރުހައިމް ފިނި ވިއެވެ. ދަނޑިވަޅުބަލާފައި ފޮށި ދަމަމުން ނާލާ ކުރިއަށް ހިނގައިގަތެވެ. ރުހައިމްއަށް ނާލާގެ ފަހަތުން އަވަސްއަވަހަށް ދެވުނެވެ. އޭރު ނާލާ ގޮސް ކޮޓަރީގެ ދޮރު ހުޅުވަނީއެވެ. އޭނާއަށް ނާލާގެ ހިކަނދިމަސްގަނޑުގައި ހިފައި އަނބުރާލެވުނު އިރު ނާލާ ދޮރު ހުޅުވައިފިއެވެ. މަންމައާއި ނަޒަރު ބައްދަލުވުމާއެކު ވަގުތުން ނާލާއާ ދުރަށް ރުހައިމްއަށް ޖެހިލެވުނެވެ. އަދި އިސްއޮބާލެވުނެވެ.

ފެނުނު މަންޒަރުން ސަކިނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މަސްރަހު ގޯސްވެފައި އޮތް މިންވަރާ މެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. ނާލާ ހިފަހައްޓައިގެން ހުރި ފޮށިގަނޑަށް ބަލައިލެވުނީ ބިރެއް ފެނިފައިވާ ފަދައަކުންނެވެ. ކަންތައް ގޯހުންގޯހަށް ގޮސްފިކަމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ގެ ދޫކޮށްފައި ދާން ނާލާ ތައްޔާރަށް ހުންނާނީ ހައްލުނުކުރެވޭ ފަދަ މައްސަލައެއް ޖެހުމުންނޭ ސަކީނާގެ ހިތަށް އެރިއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ނާލާގެ މިޒާޖު އޭނާއަށް ވަނީ ރަނަގަޅަށް ދަސްވެފައެވެ.

ކިތަންމެ ކުޑަ މައްސަލައެއް ޖެހުނަސް ހައްލުކުރަން ނާލާ މަސައްކަތްކުރާނެއެވެ. އޭނާގެ ގާތަށް ލަފަޔަށް އެދިގެން ވެސް އަންނާނެއެވެ. ނަމަވެސް އޭނާއާ ހަތަރުކަޅި ހަމަކުރުމުގެ ހިތްވަރެއް ވެސް ނާލާގެ ނެތުމުން ސަކީނާގެ މޭގަނޑަށް ފިނިވާން ފެށިއެވެ. އޭނާއަށް ރުހައިމްގެ މޫނަށް ވެސް ބަލައިލެވުނެވެ. ކުށްވެރިކަމުގެ އިހުސާސްތައް މެނުވީ ދަރިފުޅުގެ ފަރާތުން ސަކީނާއަކަށް ނުފެނުނެވެ. ބިރުވެރިކަން އައިސް ވަށާލީ ދެނެވެ.

''ނާލާ...'' ސަކީނާއަށް ގޮވާލެވުނެވެ.

މަންމަގެ އަޑު އިވުމުން ނާލާއަށް ރޮވޭ ގޮތް ވިއެވެ. އޭނާ އަވަސްވެގަތީ ދާށެވެ. އެއްވެސް މީހަކާ ކުރިމަތިލުމުގެ ހިތްވަރެއް ލިބިފައި ނެތެވެ. އަމުދުން ރުހައިމްގެ ހަގީގަތް މަންމައަށް ހާމަކުރަން ނާލާ ޖެހިލުންވިއެވެ. އެ މަންމަގެ ނާޒުކު ހިތަށް ލިބޭނެ ލޮޅުން ބަރުދާސްތުނުކުރެވޭނެކަން އެނގޭތީއެވެ. އެފަދަ ގޮތަކަށް ނިކުމެގެން ދާން ޖެހުމުން ވެސް ނާލާ ދެރަ ވިއެވެ. ނަފުސު ކުށްވެރިކުރެވުނެވެ. ނަމަވެސް އެނޫން އިތުރު ގޮތެއް ރުހައިމްގެ ސަބަބުން އޭނާއަށް ނެތެވެ. އެންމެ ސިކުންތަކަށް ވެސް ރުހައިމްއާއެކުގައި ހުންނަން އޭނާއަށް ކެތެއް ނުކުރެވޭނެއެވެ. މިހާރު ވެސް އެހިތް އެވަނީ ހަލާކުވެފައެވެ. ހިތުގެ ޒަހަމްތަކަށް ޝިފާއެއް ނުލިބޭނެކަން ގައިމެވެ.

އިސްޖަހައިލަމުން ނާލާ ކުރިއަށް ހިނގައިގަތެވެ. އެވަގުތު ސަކީނާ ނާލާގެ އަތުގައި ހިފެހެއްޓިއެވެ. ނާލާއާއި ރުހައިމްއަށް ވަކިވަކިން ސަކީނާ ބެލިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

''މަންމާ، އަހަންނަށް މައާފްކުރޭ... '' މަންމަގެ އަތް ނައްޓުވާލަމުން ނާލާ ބުނެޏެވެ. ''އަހަރެން ނުހުއްޓުވާ...'' މަންމަގެ މޫނަށް ބަލައިލުމެއް ވެސް ނެތި ނާލާ ކުރިއަށް ހިނގައިގަތެވެ.

ކުރިއަށް ހިނގަމުން ދިޔަ ނާލާއަށް ބަލަން ސަކީނާ ހުރީ ސިހުމެއްގެ ތެރޭގައެވެ. އިސްޖަހާލައިގެން ހުރި ކަމުގައި ވިޔަސް ނާލާގެ މޫނުމަތިން ހިތްދަތިކަމާއި ވޭން އޭނާ ދުށްޓެވެ. ނާލާއަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެކަން އޭނާއަށް ޔަގީންކުރެވުނެވެ. ހިތަށް އޭގެ ސަބަބުން ތަދު ވިއެވެ. އޭނާއަށް ރުހައިމްއަށް ވެސް ބަލައިލެވުނެވެ. ލޯކުރިމަތިން ފެންނަމުންދާ މަންޒަރުތަކުގެ މާނަ ނަގަންވީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ގަބުވެފައި ސަކީނާއަށް ހުރެވުނެވެ.

މަންމަ ނާލާ ހުއްޓުވަން މަސައްކަތްނުކުރުމުން ރުހައިމް ކުރިއަށް ޖެހިލިއެވެ. އޭނާ މަސައްކަތްކުރީ ނާލާގެ ފަހަތުން ދާށެވެ. މިފަހަރު އެކަމަށް ހުރަސް އެޅުނީ ގޭގެ މައިދޮރު ހުޅުވާލާފައި ވަން ބައްޕަ ފެނުމުންނެވެ.

އެތެރެއަށް އަޅާލި ފިޔަވަޅާއެކު ފާރޫގު ދިޔައީ ސިހިގެންނެވެ. އޭނާގެ ނަޒަރު ފުރަތަމަ ގޮސް ހުއްޓުނީ ފޮށި ހިފައިގެން ނިކުންނަން އުޅުނު ނާލާ އަށެވެ. އެއަށްފަހު ނާލާގެ ފަހަތުން އައި ރުހައިމް އަށެވެ. އެންމެފަހުން ފާރޫގުގެ ނަޒަރު ހުއްޓުނީ ދުރުގައި ހުރި ސަކީނާ އަށެވެ. ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ފާރޫގު ބަލައިލިއެވެ. މަސްހަރު ވަރަށް ގޯސްކަން އޭނާ ދެނެގަތެވެ.

''ދަރިފުޅާ...'' ފާރޫގު ގޮވާލިއެވެ.

''ބައްޕާ... އަހަރެން ދިއުމުގެ ހުއްދަ ދީ...'' ރޮވިފައިވާ އަޑަކުން ނާލާ ބުނެލިއެވެ. ފާރޫގު ހުރީ ހުއްޓުން އަރައިފައެވެ. ނާލާގެ ހިތްދަތިކަން އޭނާއަށް ފެނުނެވެ. އެއާއެކު އޭނާއަށް ބަލައިލެވުނީ ރުހައިމްގެ މޫނަށެވެ.

ބައްޕައާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައި ހުރި ރުހައިމްއަށް އިސްއޮބައިލެވުނެވެ.

ގަބުވެފައި ހުރި ސަކީނާއަށް ހޭވެރިކަންވުމުން ނާލާގެ ގާތަށް އޭނާއަށް ދެވުނެވެ. ރުހައިމް ހުރީ ދުރުގައެވެ. އިސްއުފުލައި އެއްވެސް މީހެއްގެ މޫނަށް ބަލައިލަން އޭނާއަށް ނުކެރުނެވެ.

''ނާލާ، މަންމައަށް ވެގެން އުޅޭ ގޮތެއް ބުނެދީބަލަ، ތިހެން ގޮސްގެން ކަމަކުނުދާނެ، ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަންވާނެ...'' ނާލާއަށް ވިސްނައިދޭން ސަކީނާ މަސައްކަތްކުރިއެވެ.

''ތެދެއް ދަރިފުޅާ... ކިހިނެއް ވެގެންތަ އުޅެނީ...'' ފާރޫގު ވެސް އިތުރުކޮށްލިއެވެ. ރުހައިމްގެ ދެމަފިރިންނަށް ވާހަކަދައްކައިގެން ޖެހުނު މައްސަލަ ހައްލުނުކުރެވޭނެމަ، އިތުރު ނަސޭހަތް ދިނުމަކީ މައިންބަފައިގެ ޒިންމާއަކަށް ވާތީ ފާރޫގު މަސައްކަތްކުރީ ނާލާއަށް ވިސްނައިދެވޭތޯއެވެ. ރުޅީގެ މައްޗަށް ބުރަވުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާ މެދު ވިސްނައިލުމަށް ފާރޫގު ނަސޭހަތް ދިނެވެ. ކުށްވެރިއަކު ފަދައިން ރުހައިމް ހިމޭނުން ހުރުމުން ހުރިހާކަމެއްގެ އަސްލާ ގުޅިފައިވަނީ ރުހައިމްކަން ވެސް ޔަގީންކުރެވުނެވެ. ރުހައިމް ދެކެ ފާރޫގު ހިތްހަމަނުޖެހުނެވެ.

''މަންމާ، ބައްޕާ... އަހަންނަށް ތި ސުވާލުތަކަށް ޖަވާބުދެވޭކަށް ނެތް... ޕްލީޒް، އަހަރެން ނުހުއްޓުވާ، އަހަރެން ދިއުމުގެ ފުރުސަތު ދީ... އާދޭސްކުރަން... އަހަރެން ނުހުއްޓުވާ...'' ދެއަތްތިލަ ޖޯޑުކުރަމުން ނާލާ އާދޭސްކުރިއެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން މަޑުކުރުމެއް ނެތި ނާލާ ބޭރަށް ނިކުތެވެ.

ފާރޫގާއި ސަކީނާއަށް ސިހުމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ނާލާއަށް ލިބިފައިވި ހިތާމަތައް އެދެމަފިރިންނަށް ތަސައްވަރުކުރެވުނެވެ. އެއާއެކު ރުހައިމްއަށް ދެމަފިރިން އަވަސް ނަޒަރެއް ދިނެވެ.

ރުހައިމް ހުރީ ހިމޭނުންނެވެ. ވާހަކަދެއްކުމެއް ނެތި އޭނާ އުޅުނީ ނާލާގެ ފަހަތުން ދާށެވެ. ހުއްޓެވުނީ އޭނާގެ ކޮނޑުގައި ބައްޕަ ހިފެހެއްޓުމުންނެވެ. ނާލާގެ ފަހަތުން ދިއުމަށް ބައްޕަ އިންކާރުކުރުމުންނެވެ. ލިފްޓަށް އެރި ނާލާއަށް ރުހައިމް ބަލައިލީ ހިތްދަތިކަމާއެކުގައެވެ. އެއީ ފަހުގެ ބައްދަލުވުމަށް ވެދާނެތީ އެކަމުގެ ގިލަންވެރިކަން ހިތަށް ފޭދުނެވެ.

''ދަރިފުޅާ، މަންމައަށް ކިޔައިދީބަލަ، ނާލާއަށް ކިހިނެއްތަވީ؟ ކީއްވެ އެހެން ނާލާ އެދިޔައީ... ދަރިފުޅަށް ގޯހެއް ހެދުނީތަ؟...'' ރުހައިމްގެ އަތުގައި ސަކީނާ ހިފާލިއެވެ. ކަރުނަތައް ކޮންޓްރޯލްކުރަން އުޅުނު ރުހައިމްއަށް ޖަވާބެއް ނުދެވުނެވެ. އޭނާ މަސައްކަތްކުރީ މަންމައާއި ބައްޕަގެ ނަޒަރުން ސަލާމަތްވާށެވެ. އެ ސުވާލުތަކަށް ޖަވާބުދޭނެ ހިތްވަރެއް އޭނާގެ ނެތެވެ.

''ރުހައިމް...'' ކޮޓަރިއަށް ވަންނަން ދިޔަ ރުހައިމްއަށް ސަކީނާ ގޮވާލިއެވެ. މަޑުކުރުމެއް ނެތި ރުހައިމް ގޮސް ވަނީ ކޮޓަރިއަށެވެ.

''ދާނެ ކަމެއް ނެތް...'' ރުހައިމްގެ ފަހަތުން ދާން އުޅުނު ސަކީނާ ހުއްޓުވީ ފާރޫގެވެ.

''އެކަމަކު...'' ސަކީނާ ބުނަން އުޅުނެވެ. ''ނާލާ...''

''ރުހައިމްއަށް ނާލާގެ ހިތުގައި ޖެހޭވަރުގެ ކަމެއް ކުރެވިއްޖެ، މިއަދު އެކުއްޖާ ހުރީ އަހަރުމެންނާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރިފަ، ވެދިޔަ ކަމެއް ހާމަކުރަން ބޭނުން ނުވަނީ އަހަރުމެންނަށް ދެރައެއް ލިބިދާނެތީ...'' ފާރޫގަށް ބުނެވުނެވެ. އޭނާ ހުރީ ރުހައިމް ދެކެ ރުޅި އައިސްފައެވެ.

''އެކަމަކު އެހެން ގެއިން ނިކުމެގެން ދިއުމަކީ ވެސް ރަނގަޅު ގޮތެއް ނޫން... ނަދީމާމެން ހީކުރާނީ ކީކޭތަ؟...'' ސަކީނާއަށް ރޮވޭގޮތް ވެއްޖެއެވެ.

''އެމަންޖެ އަހަރުމެންނަށް ކުރި އާދޭހަށް ފަހު ހުއްޓުވާނީ ވެސް ކިހިނެއްތަ؟...'' ފާރޫގަށް ސަކީނާގެ ގާތަށް ޖެހިލެވުނެވެ.

''އަހަންނަށް ފެންނަނީ ފަހުން ވިޔަސް ނާލާއާ ވާހަކަދައްކަން އެގެއަށް ދާން، އެހާ ލޯބިން އުޅުނު ދެކުދިން އެފަދަ ގޮތަކަށް ވަކިވާންވީ ކީއްވެތަ؟، ޖެހުނު މައްސަލައެއް ވެސް އެނގެނީކީ ނޫން، މަސްލަހަތު އިތުރަށް ގޯސްނުވަނީސް ހައްލެއް ލިބޭތޯ އުޅެން އެބަޖެހޭ......'' ސަކީނާ ބުނެލިއެވެ. އޭނާ މަޑުކުރުމެއް ނެތި ދިޔައީ ރުހައިމްގެ ކޮޓަރިއާ ދިމާއަށެވެ. އެކަމަށް ފާރޫގު އިންކާރުކުރުމުން ވެސް ސަކީނާ އަޑެއް ނޭހިއެވެ. ކަމުގެ ހަގީގަތް ހޯދަން އޭނާ ހުރީ ބޭނުންވެފައެވެ. ރުހައިމްއާ ވާހަކަދައްކާފައި ނާލާގެ ގާތަށް ވެސް ދާން އޭނާ ނިންމިއެވެ.

ކޮޓަރީގެ ދޮރުގައި ސަކީނާ ހިފާލި އިރު ހުރީ ތަޅު ނުލައެވެ. ދޮރުހުޅުވާލާފައި ސަކީނާ ކޮޓަރިއަށް ވަނެވެ. އޭރު ރުހައިމް އިނީ ކޮޓަރީގެ ސޯފާގައެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެންނެވެ. އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަ މަންޒަރު ފެނި ސަކީނާގެ މޭގަނޑުއަނގަޔަށް އަންނަވަރު ވިއެވެ. އޭނާ ކުރިއަށް ފިޔަވަޅު އަޅަން އުޅެނިކޮށް ހުއްޓެވުނީ ބިންމަތީ އޮތް ސިޓީ އުރަ ލޮލުގައި އަޅައިގަތުމުންނެވެ. ހައިރާންކަމާއެކު ސިޓީ އުރައަށް ސަކީނާ ބަލައިލިއެވެ. އޭނާ ގޮސް ސިޓީ އުރަ ނެގިއެވެ. އަދި ސޯފާގައި އިން ރުހައިމްއަށް ބަލައިލިއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު ސަކީނާ ސިޓީ އުރަ ހުޅުވާލިއެވެ. މަންމަގެ ހިލަން ވެގެން އިސްއުފުލައި ރުހައިމް ބަލައިލީ އެވަގުތު އެވެ. މަންމަ ފެނުމާއެކު ސިހިފައި ރުހައިމްއަށް ސޯފާއިން ތެދުވެވުނެވެ. އޭނާ އަވަސްވެގަތީ މަންމަގެ އަތުން ސިޓީ އުރަ ހޯދާށެވެ. ނަމަވެސް އޭނާއަށް ދެވުނު އިރު ކަންތައް ގޯހުންގޯހަށް ގޮސްފިއެވެ.

*****

ގޭގެ ބެލް ޖަހާލި އަޑަށް ބޮޑު ކޮޓަރީގައި ޓީވީ ބަލަން އުޅުނު ނަދީމާއަށް ލިބުނީ ހައިރާންކަމެވެ. އޭރު ނަދީމާއާއެކު ބިލާލް ވެސް ސޯފާގައި އިނެވެ. ލެފްޓޮޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ބެލްކަނީގައި ގަސްތަކަށް ފެންދޭން އުޅުނު ޝަކުންތަލާއަށް ނަދީމާ ގޮވާލިއެވެ. ކުރަން ހުރި މަސައްކަތް މަޑު ޖައްސާލަމުން ޝަކުންތަލާ އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ. އަތުގައި އޮތް ރިމޯޓުން ޓީވީ ނިއްވާލުމަށްފަހު ނަދީމާ ސޯފާއިން ތެދުވެއްޖެއެވެ.

''ކާކުތަ؟...'' ޝަކުންތަލާއާ ނަދީމާ ސުވާލުކޮށްލިއެވެ. ޝަކުންތަލާއަށް ޖަވާބު ނުދެވެނީސް ބޮޑު ކޮޓަރިން ނަދީމާ ނިކުތެވެ. އޭނާ ހުއްޓުން އެރީ ދޮރުކުރިމަތީ ހުރި ނާލާ ފެނުމުންނެވެ. ވަގުތުން ދެލޯ ބޮޑުވެގެން ދިޔައެވެ. އިތުރު ހައިރާންކަމެއް ލިބުނީ ނާލާ ހިފަހައްޓައިގެން ހުރި ފޮށި ފެނުމުންނެވެ.

''ނާލާ؟...'' ނަދީމާއަށް ގޮވާލެވުނެވެ. ނަދީމާގެ އަޑަށް ބިލާލް ވެސް ބަލައިފިއެވެ. ލެޕްޓޮޕް ސޯފާމަތީގައި ބާއްވަމުން އޭނާ ވެސް ކޮޅަށް ތެދުވުނެވެ.

''ނާލާ...'' ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ނާލާގެ ކުރިމައްޗަށް ނަދީމާ ހުއްޓުނެވެ. ދަރިފުޅުގެ މޫނަށް އޭނާ ދިން އަވަސް ނަޒަރާއެކު އެދަރިފުޅަށް ލިބިފައިވި ހިތްދަތިކަން ނަދީމާ ދެނެގަތެވެ. އެހިތަށް ލިބުނީ ހާސްކަމާއި ނުތަނަވަސްކަމެވެ.

''މަންމާ...'' މަންމަގެ ގައިގައި ބައްދާލަމުން ނާލާއަށް ރޮވުނެވެ.

(ނުނިމޭ)