ހިޔާ ފްލެޓްގެ ފިނިޝިން އަށް ކުރި ހަރަދު ދޭން ކަނޑައަޅާފައިވާ މުއްދަތު ހޯދަން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައުލޫމާތު ހޯދަން އެދުނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އޭނާ މިނިސްޓަރާ ކުރައްވާފައިވާ ސުވާލަކީ ހިޔާ ފްލެޓްތަކުގެ ފިނިޝަންއަށް ހިނގި ހަރަދުގެ ގޮތުގައި 200،000 ރުފިޔާ އެ ފްލެޓްތަކުގެ ވެރިފަރާތަށް ދޭން ރާވާފައިވާ ގޮތާއި ދޭނެ މުއްދަތެވެ.

ނިޔާޒު އެ ސުވާލު ކުރަން އެދި ހުށަހަޅާފައިވާއިރު، ހިޔާ ފްލެޓްގެ ފިނިޝިން އަށް ހިނގި ހަރަދު ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ވެބްސައިޓަކުން ލިޔުނު ލިޔުމަކާ ގުޅިގެން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އެ ފައިސާ ދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހަދަން ފެށި ހިޔާ ފްލެޓްތައް ނިމިދިޔަ ސަރުކާރުން ހަވާލުކުރި އިރު، އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމާފައެއް ނެތެވެ. އެހެންވެ އެ މަސައްކަތް ކުރަން ޖެހުނީ ފްލެޓްތަކުގެ ވެރިންނަށެވެ.