ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަނުކުރި ހަސަން މުޣުނީ، އެ މަގާމުން ވަކިކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުގުނީ ވަނީ އެ ސަރުކާރުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީސީބީ އަށް މުޣުނީ އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އެ މަގާމުން ވަކިކޮށްފައި މިވަނީ އައްޔަނު ކުރިތީ ތިން ދުވަސް ތެރޭގައެވެ.
ނަމަވެސް ޕީސީބީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިދިޔަ އާދިއްތަ ދުވަހު ރައީސް މުއިއްޒު އަލުން ބޯޑު އެކުލަވާލައްވައިފައެވެ. އަދި އާ ބޯޑު މެމްބަރުންގެ ލިސްޓްވެސް ހިމަނާފައިވެއެވެ. ނަމަވެސް އެ ލިސްޓްގައި މުޣުނީގެ ނަމެއް ނެތެވެ.
ޕީސީބީގެ ރައީސް ހަމްދީ އަގީލު "ވަން" އަށް ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ލިސްޓަކީ ޕީސީބީގެ ބޯޑު މެމްބަރުން ކަމަށެވެ. މުޣުނީ ވަކި ކުރީތޯ ސުވާލު ކުރުމުން ވިދާޅުވީ، މިހާރު ބޯޑުގެ ހުރިހާ މެމްބަރުން ހަމަވާނެ ކަމަށެވެ.
މުޣުނީ އެ މަގާމުން ވަކިކޮށްފައިވާ އިރު، އޭނާ ވަކި ކުރި ސަބަބު ސާފެއް ނޫނެވެ.
ޕީސީބީ ބޯޑުގައި މިހާރު ތިއްބަވަނީ ރައީސް އާއި ނައިބު ރައީސް އާއި ފަސް ދާއިރާއަށް ނިސްބަތްވާ ފަސް މެމްބަރުންނާއެކު ޖުމްލަ ހަތް މެމްބަރުންނެވެ. އެއީ
- ޕީސީބީގެ ރައީސް ހަމްދީ އަގީލް
- ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޝް
- އަހުމަދު މުސްތާގު - އެކައުންޓިން އެންޑް ފައިނޭންސް ދާއިރާ
- ލީނާ އަބުދުލްޖަލީލް - ބޭންކިން ދާއިރާ
- މޫސާ ފަތުހީ އާދަމް - ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
- ހަސަން ޒަރީރު - އިކޮނޮމިކްސް ދާއިރާ
- އަހުމަދު ނަޝާތު - ގާނޫނީ ދާއިރާ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު