ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޮޑުތި ގައުމުތަކުން އެހީވާން ޖެހޭ ކަމަށް އެންވަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދަޅުވެއްޖެއެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަަޝްވަރާ ކުރުމަށް ބާއްވާ ކޮޕް28 ސަމިޓަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ލިބޭ ވިހަ ގޭސްތައް އެންމެ ގިނައިން ޖައްވަށް ދޫކުރާ ގައުމުތަކަކީ ބޮޑެތި އަދި ކުރިއަރާފައިވާ ގައުމުތައް ކަމަށާއި އެކަމުގެ އެންމެ ބޮޑު ގެއްލުން ވަނީ ކާބަން އެމިޝަން އެންމެ މަދުން ޖައްވަށް ދޫކުރާ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ.

އެހެންކަމުން، އެ ގައުމުތަކުގެ ކާބަން އެމިޝަން ލެވެލްތައް ދަށް ކުރުމަށާއި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެ ގައުމުތަކުން އެހީވާން ޖެހޭނެ ކަމަށް ކޮޕް28 ސަމިޓުގައި ރާއްޖޭގެ ފަރާތުން އެދޭނެ ކަމަށެވެ.

ތޯރިގު ވިދާޅުވީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މިދިޔަ އަހަރު ގްލާސްގޯގައި ބޭއްވި ކޮޕް27 ސަމިޓުގައި ގާއިމުކޮށްފައިވާ "ލޮސް އެންޑް ޑެމޭޖް" ފަންޑު އޮޕަރޭޝަނަލް ކުރުމަކީ މި އަހަރުގެ ސަމިޓުގައި ނިންމަންޖެހޭ މުހިންމު ކަމެއް ކަމަށެވެ. އަދި މިދިޔަ އަހަރު އެ ފަންޑު ހެދި ނަމަވެސް އެ ފަންޑު އޮޕަރޭޝަންގައި ނެތް ކަމަށާއި ބޮޑެތި ގައުމުތަކުން އެ ފަންޑަށް ފައިސާ ދިނުން މުހިންމު ކަމަށް ތޯރިގު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބުނަނީ ކުރިއަރާފައި އޮތް ގައުމުތަކުން، މުއްސަނދި ގައުމުތަކުން ފައިސާ ލާށޭ. އަދި އެ ފަންޑަކީ ފަސޭހައިން ފައިސާ ނެގޭނެ ފަންޑަކަށް ހަދާށޭ،" ތޯރިގު ވިދާޅުވިއެވެ.

އެގޮތަށް ހެދޭ ފަންޑުތަކުން ފަސޭހައިން ފައިސާ ނުލިބުމަކީ ލިބޭ ގެއްލުން ތަކުން އަރައިގަތުމަށް ހުރަހެއް ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި އެއީ ފަންޑުން ފައިސާ ނެގުމަށް ފުރިހަމަ ކުރަންޖެހޭ ޕްރޮސެސް ދިގުކަމުން، އެ ފަންޑުން ފައިސާ ލިބޭއިރު ލިބޭނެ ގެއްލުމެއް އޮންނަނީ ލިބިފައި ކަމަށް ތޯރިގު ވިދާޅުވިއެވެ.