ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް އާއްމު ފަރުދެއްގެ ވެސް އަދި ދައުލަތުގެ، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުދަލެއް ވެސް ރަހުނު ކޮށްފައި ނުވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތް އިރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮނޑެ)، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލިއުމުން ޖަވާބު ހޯއްދެވުމަށް މީގެ އަހަރެންހާ ދުވަސް ކުރިން ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ލިއުމުން ދެއްވި ޖަވާބުގައެވެ.
މި ސުވާލާ ގުޅިގެން މިނިސްޓަރު ޖަވާބު ދެއްވާފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ގައެވެ. ނަމަވެސް އެ ޖަވާބުތައް މިހާތަނަށް މަޖިލިސް ތަޅުމުގައި އިއްވާފައެއް ނުވެއެވެ.
ބޮނޑެ، މިނިސްޓަރާ ސުވާލު ކުރައްވާފައި ވަނީ ސެކުއާޑް ޑެޓްސްގެ ތެރެއިން އާންމު ފަރުދުންގެ މުދާ (ބިން، އިމާރާތް، އޮޑިދޯނިފަހަރު ފަދަ ތަކެތި) ސެކިއުރިޓީގެ ގޮތުގައި ބޭނުންކޮށްގެން ނަގާފައިވާ ލޯނުގެ މިންވަރަކީ ކޮބައިތޯ އާއި ދައުލަތުގެ މުދާ (ބިން، އިމާރާތް އަދި ސަރުކާރުގެ ކުންފުނިތަކުގެ އެސެޓްސް) ސެކިއުރިޓީގެ ގޮތުގައި ބޭނުންކޮށްގެން ނަގާފައިވާ ލޯނުގެ މިންވަރަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.
ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް އާއްމު ފަރުދެއްގެ ވެސް އަދި ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުދަލެއް ރަހުނު ކުރެވިފައި ނުވާނެ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދަކީ ކޮބައިތޯ އާއި އެ ފައިސާގެ ތެރެއިން ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ފޮރިން ޑެޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ގެ މިންވަރަކީ ކޮބައިތޯ އޮޅުން ފިލުވުމަށްވެސް ބޮނޑެ ސުވާލު ކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ސީދާ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 87،455 މިލިޔަން ރުފިޔާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނި ފަންސާސް ހަތަރުހާށް ހަތްސަތޭކަ ހަ މިލިޔަން ރުފިޔާ އާއި ބޭރުގެ ދަރަނި ބައްތިރީސްހާސް ހަތްސަތޭކަ ސާޅީސްނުވަ މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު