ދާންވީ މަންޒިލެއް ނެތި މަގުން ހިންގަމުން ދިޔަ ނާލާގެ ސިކުނޑީގައި ވަނީ ތޫފާނެއް އުފެދިފައެވެ. ކުރިއަށް ހިނގަމުން ދިޔަ އިރުގައި މޫނުމަތިން ފެންނަނީ ދިރުން ގެއްލިފައިވާ މަންޒަރެވެ. އެތުންފަތުގައި އަބަދުމެވާ ހިނިތުންވުން ވަނީ މިލައިގެން ގޮސްފައެވެ. ދެލޮލުގައި ވާ ވިދުމެއް ވެސް ނުވެއެވެ. ނާލާގެ ހުރިހާ ހިއްސުތަކެއްގެ މައްޗަށް ވެސް މާޔޫސްކަމާއި އުދާސްކަން ކުރި ހޯދާފައި ވިއެވެ. ހިތް އޭރު ވެސް ދިޔައީ ރޮމުންނެވެ. ހަޤީޤަތް ޤަބޫލުކުރަން ދަތިވެފައިވާތީ އެވެ.
ނާލާގެ ލޯކުރިމަތިން ނިއުޅެމުން ދިޔައީ ރުހައިމްއާއެކު އޭނަ ހޭދަ ކުރި އުފާވެރި ދުވަސްތަކެވެ. ރުހައިމްގެ ފަރާތުން ލިބުނު ލޯތްބެވެ. އެދެއަތުން އިހުސާސްކުރެވުނު ފިރުމުންތަކެވެ. ހިމާޔަތެވެ. ދެމަފިރިންގެ ހުވަފެންތަކުން ފުރިގެންވި މުސްތަޤުބަލެވެ. ކުރެވުނު އުއްމީދުތަކެވެ. ނަމަވެސް ކުއްލިޔަކަށް ހަޔާތަށް އައިސް ކުރިމަތިވި ތޫފާނުގެ ސަބަބުން އުފާވެރިކަމަށް އެވަނީ ހިތާމަޔާއި ހިތްދަތިކަމުގެ ހިޔަނި އެޅިފައެވެ. ހަޔާތުގެ ބައްތި ނިވި އަނދިރިކަން އައިސް ވަށާލީ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއަނދިކިރިކަމުގެ ތެރޭން އިހުސާސްވަމުން ދިޔައީ ހިމޭންކަމުގެ ހިތިކަމެވެ. ރުހައިމްގެ ކޮންމެ ހަނދާނަކުން ނާލާގެ ހިތް ކުދިކުދިވަމުން ދިޔަ އެވެ. ދޫކޮށްލާ ކޮންމެ ނޭވާއެއްގައި އެކުލެވިގެންވީ ހިތުގެ އުދާސްކަމެވެ. ޝަކުވާތަކެވެ. އެމޭގައި އުފެދިފައިވަނީ ވަރުގަދަ ރިހުމެކެވެ. ކެތްކުރަން ދަތިވާ ހިސާބަށް ރިހުން ގަދަވެއްޖެއެވެ. މޭގެތެރޭގައި ހިތް ފިތެމުންދާ ކަހަލަ އިހުސާސެއް ކުރެވުމުން މޭގައި ވެސް ފިރުމާލެވުނެވެ.
ނާލާ ސިހިގެން ދިޔައީ ކުއްލިޔަކަށް ކަންފަތުގައި ގުގުމާލި ކާރެއްގެ ބަރުގޮނުގެ ސަބަބުންނެވެ. ވަށައިގެންވި މާހައުލަށް ނާލާގެ ލޯ ހުޅުވާލެވުނީ ދެނެވެ. މަގު މެދުގައި ހުރެވުނުކަން ވެސް ރޭކާލީ ދެނެވެ. އޭނައާއި ފޫޓެއްހާ ދުރުމިނުގައި އޮތް ކާރު ވެސް ލޮލުގައި އަޅައިގަތެވެ. އޭނަގެ ފަރުވާ ކުޑަކަމުގެ ސަބަބުން ބޮޑު އެކްސިޑެންޓެއް ވުމުގެ ކުރިން ސަލާމަތްވީ ހަމަ ކިރިޔާއެވެ. ބިރުވެރިކަން އައިސް މީހާ ވަށާލީ ދެނެވެ. މަގުގައި ހިނގާބިނގާވަމުން ދިޔަ މީހުންގެ ނަޒަރުތައް ވެސް ހުއްޓިފައިވާކަން އިހުސާސްކުރެވުނެވެ.
ނާލާއަށް އިސްއޮބައިލެވުނެވެ. އޭނަ ބޭނުންވީ އެންމެންގެ ނަޒަރުތަކުން ސަލާމަތް ވާށެވެ. އެއްވެސް މީހަކާ ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. ހިތާމަތަކުގެ ސިލްސިލާއިން އޭނަގެ ނަފުސު ބަލިކަށިކޮށްލައިފިއެވެ.
ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ނާލާއަށް ދުއްވައިގަނެވެނެވެ. ވަކި މަންޒިލެއް ނެތިއެވެ. ފިލަން ދެވޭނެ އެންމެ ދުރަކަށް އޭނަ ހުރީ ދާން ބޭނުން ވެފައެވެ. ހަޤީޤަތާ ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. އެތައް އަހަރެއް ވަންދެން އެކުގައި އުޅުނު ފިރިމީހާ ދަސްނުވުމުން ދިރިއުޅުމާ މެދު އޮތް އިތުބާރު ވެސް ގެއްލިއްޖެއެވެ. ލޯތްބަށް އޮތް އުއްމީދު ވެސް ގެއްލިއްޖެއެވެ. އެއީ ބަޔާންކުރަން ދަތި ރިހުމާއި ކެކުޅުންތަކުގެ ސިލްސިލާގެ ފެށުމެވެ.
ވަރުބަލިވެގެން ނާލާއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނު އިރު އާދެވިފައި ހުރީ އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. އޭރު އޭނަ ހުރީ މައި ނޭވާ ލެވޭވަރުވެފައެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން ނާލާ ހިނގައިގަތީ މީހުންނާ އެކަހެރި ހިސާބަކަށެވެ. އޭނަ ބޭނުންވީ އެކަނިވެލުމަށެވެ. ސިކުނޑިހަމައަކަށް އަޅުވާލެވޭތޯއެވެ. އެއީ ވުން މުސްތަހީލުކަމެއްކަން އެނގޭ ހާލުގައި ވެސް މެއެވެ.
ކުރިއަށް ދާންވީ ރާސްތާއަކާ މެދު ވިސްނަން ނާލާއަށް ވަނީ މަޖުބޫރުވެފައެވެ. ރުހައިމްއާ ކުރިމަތިނުލާ އޭނައަށް ނުހުރެވޭނެއެވެ. ހަޤީޤަތް ހާމަވުމަށް ފަހު އެއްވެސް ކަމެއް ނުވާ އުސޫލުން ދިރިއުޅުމާ ކުރިމައްޗެއް ވެސް ނުލެވޭނެއެވެ.
ބެންޗެއްގައި އިށީން ނާލާއަށް ކޮޅުކޮޅަށް ހޭލަމޭލަވަމުން ދިޔަ މީހުންތައް ފެންނަމުން ދިޔަ އެވެ. އޭނަގެ ލޮލުގައި އެންމެ އަޅިގަތީ ތުއްތު ކުއްޖަކު ގޮވައިގެން އުޅުނު ދެމަފިރިއެކެވެ. އެދެމަފިރިންނާއި ނާލާގެ ނަޒަރު ވައްކެއް ނުވިއެވެ. އެހިތުގައި ތޫނު ރިހުމެއް އުފެދިގެން އައެވެ. ރުހައިމްއާއެކު އެފަދަ އުފާވެރި ދުވަސްތަކެއް ދުށުމުގެ ނަސީބު ލިބުމަށް އޭނައަށް އެދެވުނެވެ. ނަމަވެސް މިއަދު ދިރިއުޅުން ވެއްޓިފައި އޮތް އަޑިގުޑަނުގެ ސަބަބުން އެއީ ކުލަޖެހުމެއް ނުވާނެ ހުވަފެނެއްކަން ނާލާއަށް އިހުސާސްވިއެވެ. ހިތުގެ ރިހުން ގަދަވީ އެހެންވެއެވެ. އެހިތުގައި އެވަގުތު އުފެދިގެން އައީ ޝަކުވާތަކެވެ. ރުހައިމް އޭނައަށް އޮޅުވާލި މިންވަރާ މެދު ވިސްނާލެވުނެވެ. އޭނައަށް ހެދި ދޮގުތަކާއި ރުހައިމްގެ ފިޔަވަޅުތައް ސިއްރުކުރަން ބޭނުންކުރި އުކުޅުތައް ފެންނަމުން ދިޔަ އެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނީ ލޯމަރައިގެން ހުރެ ރުހައިމްއަށް އިތުބާރުކުރެވުނީތީއެވެ. އޭނަގެ ހަވަނަ ހިއްސަށް ކަމެއް ގޯސްވެއްޖެކަމުގެ ހިލަން ވިއިރުގައި ވެސް ޤަބުލުކުރެވުނީ ރުހައިމްގެ ބަހަށެވެ. އެދެމެދުގައި އޮތް ލޯތްބަށެވެ. ނަމަވެސް ރުހައިމް ދެއްކީ މުޅީން ވެސް ތަފާތު ކުލައެކެވެ. އޭނަ ދެކެން ބޭނުންވާ މަންޒަރެއް މެނުވީ ރުހައިމް ނުދެއްކިއެވެ. ރުހައިމްގެ އަނދިރި ފަރާތް ފެނުމުގައި ނުކުޅެދުނީ އެހެންވެއެވެ. ޒަމާންތަކަށް ދެމިގެން ދިޔަ ލޯބި ދަސްނުވިކަމުގެ ހިތިކަން ވެސް ނާލާގެ ކަރުބުޑަށް ފޭދުނެވެ. އަމިއްލަ ނަފުސަށް ވުރެން ބޮޑަށް އިތުރު މީހަކަށް އިތުބާރުކުރުމުގެ ނަތީޖާ ފެނިގެން ދިޔައީ ވޭންދެނިވި ގޮތަކަށެވެ.
''ކީއްވެ؟... ރުހައިމް!... އަހަންނަށް އޮޅުވާލީ ކީއްވެތަ؟... ތިހާ ރުހުމްކުޑަ މީހަކަށް ވީ ކީއްވެގެންތަ؟... އަހަރެން ވި ލޯތްބަށް ކުޑަ ވެސް ޤަދަރެއް ނުކުރަންތަ؟... ހަމަ އެކަނި އަހަންނަށްތަ ރުހައިމްދެކެ ލޯބި ވެވުނީ؟... މިހުރިހާ އަހަރެއް ވަންދެން އެކުގައި އުޅެން މަސައްކަތްކުރީ ހަމައެކަނި އަހަރެންތަ؟... ރުހައިމްގެ ފަރާތުން އަހަންނަށް ލިބުނި ލޯބީގައި ހަޤީޤަތެއް އެކުލެވިގެންވޭތަ؟... ކީއްވެ މިހެން ވާންވީ؟...'' ނާލާއަށް އޭނަގެ މޫނުގައި އަތް އަޅާލެވުނެވެ. މިހުރިހާ އިރު ވަންދެން ގައިދުކުރަން މަސައްކަތްކުރި ހިތްދަތިކަން ބޭރުކޮށްލެވުނީ ދެނެވެ. ހިމަހޯލި އިނގިލިތަކުގެ ތެރޭން ކަރުނައިގެ ކޯރުތައް ދެމެން ފެށިއެވެ. އެކަރުނަތަކުން ވެސް ރަމްޒުކޮށްދެމުން ދިޔައީ ނާއުއްމީދެވެ.
ނާލާއަށް އޭނަގެ ހިތާ ސުވާލުކުރެވުނެވެ. ރުހައިމް އޭނަ ދެކެ ވި ލޯތްބަކީ އަވާމެންދުރެއް ހެއްޔެވެ؟ ހާސިލުކުރަން ބޭނުން ވިޔަސް ނަސީބުގައި ނެތް ލޯތްބެއް ހެއްޔެވެ؟ ލޯބި ވެވުނީ ހަމައެކަނި އޭނައަށް ހެއްޔެވެ؟ ދިރިއުޅުން ހުއްޓުމަކަށް އައީ ކީއްވެގެން ހެއްޔެވެ؟ ރުހައިމް އެފަދަ މަގެއް ޚިޔާރުކުރީ އޭނަގެ ހުރި އުނިކަމެއްގެ ސަބަބުން ހެއްޔެވެ؟ ރުހައިމްއަށް ލޯބި ދިނުމުގެ ޤާބިލުކަން އޭނަގެ ނެތީ ހެއްޔެވެ؟
ހިތުގައި ސުވާލުތަކުގެ ފުންޏެއް އުފެދުނެވެ. ސުވާލުތައް ގިނަވަމުން ދިޔަ ވަރަކަށް ރުހައިމްއާ މެދު ޝަކުވާތައް އުފެދުނެވެ. އެޝަކުވާތަކުގައި ރުޅިވެރިކަމުގެ ކުލަތައް ވެސް ޖެހެން ފެށިއެވެ. ރުހައިމްއާ ކުރިމަތިލާން ނާލާ ބޭނުން ވިއެވެ. ހިތުގެ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ. ނަމަވެސް އެހިސާބުން ހަޔާތަށް ބިންދާލާނީ ކޮން ކަހަލަ ރާޅެއްކަމެއް ވެސް އެނގެނީކީ ނޫނެވެ. ހިތާމަތަކާއި ކުރިމަތިލުމުގެ ޤާބިލުކަމެއް ބަލިކަށި ހިތަކަށް ލިބިގެން ނުވެއެވެ. ފިނޑިކަން ނަފުސުގެ މައްޗަށް އަތްގަދަކޮށްލަނީ އެހެންވެއެވެ.
''ރުހައިމް...'' ވޭނީ އާހަކާއެކު ނާލާގެ ދުލުން ތަކުރާރުކޮށް ރުހައިމްގެ ނަން ބޭރު ވިއެވެ. އެހިތަށް ހިމޭންކަމުން ތަކުލީފު ލިބެމުން ދިޔަ އެވެ. އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވެގެން އައިއިރުގައި ވެސް ނާލާ އިނީ ގެއަށް ދާނެ ހިތްވަރެއް ނުލިބިފައެވެ. ދުނިޔެއަށް ވެރިވަމުން ދިޔަ އަނދިރިކަން އޭނައަށް ގާތުން އިހުސާސްކުރެވުނެވެ. އައުދުވަހަކަށް އިރުއެރުމުން އެއަނދިރިކަމަށް ނިމުމެއް އައިސްދާނެއެވެ. އެހެނަސް އޭނަގެ އުފާވެރިކަމަށް ވެރިވިގެން އައި އަނދިރިކަމަށް ނިމުމެއް އަންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ނާއުއްމީދުގެ ކަނޑުގައި ގެނބެމުން ދިޔައީ ވެސް އެހެންވެއެވެ.
ނާލާއަށް މަޑުމަޑުން ގިސްލެވުނެވެ. ހުރިހާ ވޭނެއް ބަރުދާސްތުކުރެވޭ ވަރެއް ނުވިއެވެ.
*****
ފިޒާޔާ ގެއަށް އައުމާއެކު ކަންތައް ވެދިޔަ ގޮތް ޔަޝްފީ އޮޅުންފިލުވަން އަވަސްވެގަތެވެ. އޭރު އޭނަ ހުރީ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައެވެ. ނާލާގެ ހިތްދަތިކަން ދުށުމުގެ ފުރުސަތު ނުލިބުނަސް، ފިޒާޔާގެ ވާހަތަކުން އޭނައަށް ހުރިހާ ކަމެއް ތަސައްވަރު ކުރެވުނެވެ. އެއާއެކު އޭނައަށް އިހުސާސްކުރެވުނީ ކާމިޔާބީގެ ފޮނިކަމެވެ. ތުންފަތަށށް ވެރިވެގެން އައީ ފުޅާ ހިނިތުންވުމެކެވެ. އެމޫނު ވެސް އުޖާލާވެގެން ދިޔައެވެ.
ޔަޝްފީއާއެކު ސޯފާގައި އިން ފިޒާޔާއަށް ހައިރާންކަން ލިބުނީ ޔަޝްފީގެ ދެލޮލުން ފެންނަމުން ދިޔަ ޖޯޝުގެ ސަބަބުންނެވެ. އެއްވެސް ކަހަލަ ހަމްދަރުދީއެއް އެހިތުގައި ނުވާކަން ޔަޤީންކުރެވުނީ ދެނެވެ. އިންސާނިއްޔަތުވަންތަކަމުގެ އިހުސާސް ޔަޝްފީއަށް ލިބިގެން ވޭ ބާވައޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ.
''ތެންކިއު ޑިއާރ...'' ލިބުނު އުފަލެއްގެ ސަބަބުން ފިޒާޔާގެ ގައިގައި ޔަޝްފީ ބައްދާލިއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
''ނާލާ ވަރަށް ދެރަވެފަ ހުރީ... އައި ވޮންޑާރ ހައު ޝީ ވިލް ޓޭކް އިޓް...'' ފިޒާޔާއަށް ވިސްނައިލެވުނެވެ. އަދިވެސް މަންޒަރުތައް އޭނައަށް ފެންނަ ކަހަލައެވެ. ނާލާއަށް ލިބުނު ސިހުމެވެ. ދެލޮލުން ފާޅުވި ހިތްދަތިކަމެވެ. އޮހޮރުނު ކަރުނަތެކެވެ. ދޫކޮށްލި އުދާސްކަމުގެ ނޭވާތަކެވެ. ތުރުތުރުއަޅަމުން ދިޔަ އަޑުން ކުރި އާދޭސްތަކެވެ. ހަޤީޤަތާ ކުރިމަތިލާން ދަތިވެފައިވި މަންޒަރުތަކެވެ.
''ހޫ ކެއާރސް؟... އަހަރެން ބޭނުންވި ކަންތައް ވެއްޖެ...'' ފިޒާޔާއާ ދުރަށް ޖެހިލަމުން ޔަޝްފީ ބުނެލިއެވެ. އޭނައަށް ފިޒާޔާގެ މޫނު މަތިން ކަމެއް ފާހަގަ ކުރެވުނީ ދެނެވެ. ނުރުހުމާއެކު ފިޒާޔާގެ އަތުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލީ ވެސް އެހެންވެއެވެ.
''ޑޯންޓް ޓެލް މީ ޔޫ ފީލް ބޭޑް ފޯރ ހާރ!...'' ރުޅިވެރިކަން ޔަޝްފީގެ އަޑަށް ވެރިވެގެން އައެވެ. ދެލޯ ވެސް ހަނިކޮށްލިއެވެ.
''ނޫން!، އަހަރެން ކީއްވެ އޭނައާ މެދު ވިސްނަންވީ؟...'' ފިޒާޔާއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަސް ދެފަރާތަށް އޭނަ ބޯހޫރާލިއެވެ. ޔަޝްފީއަށް ޔަޤީންކަން ދިނެވެ.
ފިޒާޔާގެ އަތުން ދޫކޮށްލުމެއް ނެތި، ފިޒާޔާގެ މޫނަށް ބަލަން ޔަޝްފީ އިނެވެ. އިރުކޮޅެއް ވަންދެން އެގޮތުގެ މަތީން ވަގުތު ފާއިތުވެ ދިޔަ ތަނާ ކުއްލިޔަކަށް ފިޒާޔާގެ އަތުން ދޫކޮށްލުމަށްފަހު ޔަޝްފީ ސޯފާއިން ތެދުވުނެވެ. އަދި އަމިއްލަ ނަފުސަށް ހިނިތުންވެލަމުން ތުންފަތުގައި ލުއި ރާގެއް އަޅުވާލިއެވެ. އޭރު އެމޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.
''އަހަރެން މިދުވަހަށް އިންތިޒާރު ކުރާތާ ހާދަ ގިނަ ދުވަހެއް ވެއްޖެޔޭ، އެންމެފަހުން ރުހައިމް ހަމައެކަނި އަހަރެންގެ މީހަކަށް ވެއްޖެ، ނާލާއަށް ދެން ރުހައިމްއާއެކުގައި ނޫޅޭވޭނެ... ހެހެހެ، އައި ސްޓޯލް ދި ފިއުޗާރ ފްރޮމް ހާރ، ނައު އެވްރީތިންގް ޝީ ހޯލްޑް ޑިއާރ ބިލޯންގްސް ޓު މީ...'' ހިނިގަނޑެއް ޖަހާލަމުން ޔަޝްފީ ވާހަކަދެއްކިއެވެ. އޭނަ ރުހައިމް ދެކެ ވާ ލޯތްބަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ޔަޝްފީ ބޭނުން ވިއެވެ. ބަނޑުގައި އަތް ޖައްސާލަމުން އޭނަ ހިނިތުންވެލިއެވެ. އޭނަ ބޭނުންވާ ދިރިއުޅުން އޭނައަށް މިހާރު އެވަނީ މިލްކުކުރެވިފައެވެ.
*****
ލިފްޓްގެ ދޮރު ހުޅިވިފައި ލެއްޕުނު އިރުގައި ވެސް ލިފްޓުން ނިކުންނަން ބޭނުން ނުވެފައި ނާލާއަށް ހުރެވުނެވެ. ގެއާ ހަމައަށް ވެސް އޭނައަށް އާދެވުނީ އެހާމެ އުނދަގުލުންނެވެ. ކަށިން ހިތްވަރު ނެރެން ކުރަމުން ދިޔަ މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ކަންތައް ވެދާނެ ގޮތަކާ މެދު އެހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދިރިއުޅުމުގައި ދިމާވި އެންމެ އުނދަގޫ ހާލަތާ އެވަނީ ކުރިމަތިލާން ޖެހިފައެވެ. ފުރަތަމަ ފަހަރަށް ދާންވީ ރާސްތާ ކަނޑައެޅުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައި ވިއެވެ. އޭނަ ނިންމާ ނިންމުމެއްގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުމަށް އަސަރުކުރާނެތީއެވެ. ރުހައިމްއާ ކުރިމަތިލުމުން އެހިތަށް އިތުރު އުދާސްކަމެއް ލިބޭނެކަން ގައިމެވެ. އެހެނަސް ހަޤީޤަތަށް ފިލަން އޭނައަށް ދުވޭކަށް ނެތެވެ. މިހާރު ވެސް އަމިއްލަ ނަފުސާ ހަނގުރާމަކޮށް އޭނަ ބަލިކަށި ވެއްޖެއެވެ. އިތުރަށް ކެތްކުރެވޭނެ ހަކަތައެއް އޭނައަށް ލިބިފައެއް ނުވެއެވެ.
ތުރުތުރުއަޅަމުން ދިޔަ އަތުން ލިފްޓްގެ ދޮރު ހުޅުވޭ ބަޓަނަށް ނާލާ ފިތާލިއެވެ. އެއާއެކު ލިފްޓްގެ ދޮރު ހުޅުވުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ކުރިއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އޭރު ވެސް ނާލާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ރުހައިމްގެ ހަޤީޤަތް އާއިލާ މީހުންނަށް އެނގުމުން ވެދާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ވަރުގަދަ ޝޮކެއް އެންމެނަށް ލިބޭނެކަން ގައިމެވެ. އެކަމާ މެދު ވިސްނާވިސްނާ ވެސް ސިކުނޑި ފަޅައިގެންދާ ހިސާބަށް ދިޔަ އެވެ.
*****
އެތެރެއަށް ވަދެވުމާއެކު ނާލާ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. ގޭތެރެއަށް ވެސް ސަމާލުކަމެއް ދިނުމެއް ނެތި ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އޭނަ ހިނގައިގަތެވެ. އިސްއޮބާލައިގެން ހުރެއެވެ.
ބަދިގެ ހުރަސްކޮށް ދިޔަ ވަގުތު، ބަދިގޭގައި އުޅުނު ސަކީނާއަށް ނާލާ ފެނި ގޮވާލިއެވެ. ނަމަވެސް ނާލާގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނައަށް ލިބުނީ ހައިރާންކަމެވެ. އެއީ ދުވަހަކު ނާލާގެ ފަރާތުން ފެނުނު ސިފައެއް ނޫނެވެ. އިސްއޮބާލައިގެން ހުރިކަމުގައި ވިޔަސް ނާލާގެ މޫނުމަތިން އުދާސްކަން ފެނުނުހެން އޭނައަށް ހީވިއެވެ. ސުވާލު އުފެދުނީ އެެހެންވެއެވެ. ނާލާއަށް ބޮޑު ކަމެއް ދިމާވެއްޖެކަން ސަކީނާއަށް ޔަޤީންކުރެވުނެވެ.
ރޭގަނޑު ކެއުމަށް ތައްޔާރުކުރަން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލުމަށް ފަހު ސަކީނާ އަވަސްވެގަތީ ނާލާގެ ގާތަށް ދާށެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރަން ބޭނުން ވާތީއެވެ.
''ނާލާ...'' ސަކީނާ ގޮވާލުމުން މިފަހަރު ވެސް ނާލާ ބަލައިނުލިއެވެ. އޭރު ނާލާ ކޮޓަރިއަށް ވަންނަނީއެވެ. ނާލާގެ އަމަލުތަކުން ސަކީނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ.
ސަކީނާ ގޮސް ކޮޓަރީގެ ތަޅުގައި ހިފާލި އިރު ހުރީ ތަޅުލާފައެވެ. ދޮރުގައި ޓަކި ދެމުން ގޮވާލުމުން ވެސް ޖަވާބެއް ނުލިބުނެވެ. އެއާއެކު އިތުރު ސުވާލުތަކެއް ހިތުގައި އުފެދުނެވެ.
''ރުހައިމް ވެސް ގޭގަ އެބައުޅޭ، ރުހައިމްއަށް ނާލާއާ ވާހަކަދެއްކުމުގެ ފުރުސަތު ދޭންވީ...'' ސަކީނާ ވިސްނާލިއެވެ. ދެމަފިރިންނަށް ވަގުތު ދެމުން އޭނަ އަނބުރާ ދިޔައީ ބަދިގެއަށެވެ. އޭރުވެސް ނާލާއަށް އައި އާދަޔާ ޚިލާފު ބަދަލުތަކާ މެދު ވިސްނެމުން ދިޔަ އެވެ. ފަހުން މަޢުލޫމާތު ސާފުކޮށްލަން ސުވާލުކުރަން ވެސް އޭނަ ހިތު ލިއެވެ.
*****
ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ހުރި ނާލައަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. މަންމަ ގޮވި އަޑު އިވުނު ކަމުގައި ވިޔަސް އިޖާބަ ނުދިނީ އޭނަ ހުރި ހާލަތުގެ ސަބަބުންނެވެ. އެދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ގިސްލުމެއްގެ އަޑު ވެސް އަރުތެރޭން ބޭރުވެގެން ދިޔަ އެވެ. އެހާލަތުގައި ވަނިކޮށް ފާޚަނާގެ ދޮރު ހުޅުވުނު އަޑު ނާލާއަށް އިވުނެވެ. ވަގުތުން އިސްއުފުލައިލެވުނެވެ.
ރުހައިމްއާ ހަތަރުކަޅި ބައްދަލުވުމާއެކު ނާލާގެ ހިތުގެ ރިހުން ގަދަވެގެން ދިޔަ އެވެ. އޭނައަށް ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ޝަކުވާތައް ކަރުނައިގެ ސިފައިގައި ބަންޑުންކޮށްލެވުނެވެ.
ނާލާ ފެނުމާއެކު ރުހައިމްގެ މެޔަށް ފިނިވެގެން ދިޔަ އެވެ. އަވަސްއަވަހަށް ނާލާގެ ގާތަށް ދިއުމަށް އޭނަ މިސްރާބު ޖެހިއެވެ. ހުއްޓެވުނީ އަތުގެ އިޝާރާތުން ދުރުގައި ހުރުމަށް ނާލާ އެންގުމުންނެވެ.
ފިޔަވަޅުތައް ރުހައިމްއަށް މަޑުޖައްސާލެވުނެވެ. އެހިތް އޭރު ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރުގެ ރަނގަބީލުތައް ކަންފަތުގައި ގުގުމަން ފެށިއެވެ. ހާސްކަމުގެ ފާރުތައް އައިސް އޭނަ ވާށާލީ ދެނެވެ.
''ނާލާ...'' ރުހައިމްއަށް ގޮވާލެވުނެވެ. ރޮމުން ދިޔަ ނާލާއާއި ދުރުގައި ހުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ނާލާގެ ލޮލުގައިވި ކަރުނަތަކުން އޭނަގެ ހިތަށް ތަދުވަމުން ދިޔަ އެވެ. މީހާ ބިރުގަންނަވާލީ އެކަރުނަތަކުގެ ހަޤޤީޤަތް ނޭނގޭތީއެވެ.
''ލީވް މީ...'' ރުހައިމް އައިސް ނާލާގެ ކުރިމައްޗަށް ހުއްޓިލަމުން ނާލާގެ އަތުގައި ހިފުމާއެކު ނާލާގެ ބަޑިފަޅައިގެން ދިޔަ އެވެ. ރުހައިމްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލެވުނެވެ. ފުރަތަމަ ފަހަރަށް ރުހައިމްގެ ބީހުމުން ނާލާއަށް އިހުސާސްކުރެވުނީ ވޭނާއި ތަދެވެ. ރޮވުނީ އެހެން ވެއެވެ. އެއަތުގެ ފިރުމުންތަކުން އެހިތަށް ރާހަތެއް ނުލިބުނެވެ. ރުހައިމްއާ ދުރަށް ނާލާ ހިނގައިގަތެވެ.
''ނާލާ...'' ކަންބޮޑުވުމާއެކު ރުހައިމްއަށް ގޮވާލެވުނެވެ. އޭރު ރުހައިމްގެ ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. ނުތަނަވަސްކަން މީހާއަށް ލިބިގެން ދިޔަ އެވެ. ''ވަޓްސް ރޯންގް؟...''
ރުހައިމްގެ ސުވާލުތަކަށް ނާލާ ޖަވާބެއް ނުދިނެވެ. ރުއިން ނޫންކަމެއް ވެސް ނާލާއަށް ނުކުރެވުނެވެ. ގިސްލުންތަކުގެ އަޑު ހިންދާލަން ނާލާއަށް ތުންފަތުގައި އަތް އަޅާލެވުނެވެ. އޭނަގެ ގާތަށް އައުމަށް ރުހައިމް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅައާއެކު ނާލާ ދުރަށް ޖެހެމުން ދިޔަ އެވެ. ރުހައިމްއާ ގާތުގައި ވެސް ހުންނަން ނާލާ ބޭނުން ނުވާ ކަހަލައެވެ. ނިއުޅިގެން ދިޔަ ހަޤީޤަތާއެކު އޭނަ ރުހައިމްއާ މެދު ދެކެމުން އައި ނަޒަރިއްޔާތު މުޅިންހެން ބަދަލުވެއްޖެއެވެ. އެހިތުގެ އިހުސާސްތައް ވެސް ކިލަނބު ވެއްޖެއެވެ. އެހިތުގައި މިހާރު ވަނީ ޝަކުވާތަކެވެ. އެޝަކުވާތައް ރުޅިވެރިކަމުގެ ސިފަ ވެސް އިޚްތިޔާރުކުރަން ފެށިއެވެ. ރުހައިމް އޭނައަށް އޮޅުވާލި މިންވަރު ނާލާއަށް ތަސައްވަރު ކުރެވުނެވެ.
''ވެގެން އުޅޭ ގޮތެއް އަހަރެން ގާތު ބުނެބަލަ... ނާލާއަށް ކަމެއް ވެއްޖެކަން އަހަންނަށް ޔަޤީން، ސަބަބެއް ނެތީސް ނާލާ ނުރޯނެ، ތިހެން އަހަންނާ ދުރަށް ދިއުމުން އަހަރެންގެ ހިތަށް ތަދުވާކަމެއް ނޭނގޭތަ؟، ޕްލީޒް ނާލާ...'' ރުހައިމްގެ އަޑުގައި ވަނީ އާދޭހެވެ. ނާލާ އޭނައާ ދުރަށް ދާން ކުރަމުން ދިޔަ މަސައްކަތުން އެހިތުގައި އޮތް ބިރުވެރިކަން އިތުރުވާން ފެށިއެވެ. ހަމަނޭވާލުން ވެސް ދަތިކަމަކަށް ވެއްޖެއެވެ.
''ރުހައިމްގެ ސަބަބުން އަހަރެންގެ ހިތަށް ލިބުނު ވޭން ނޭނގޭތަ؟... ކީއްވެ؟... ކީއްވެ އެހެން ކަންތައް ކުރީ؟...'' ގިސްލުމާއެކު ނާލާއަށް ބުނެވުނެވެ. އެވަގުތު ޔަޝްފީއާ މެދު ނާލާއަށް ވިސްނާލެވުނެވެ. ރުހައިމްގެ ރަހުމްކުޑަ އަމަލުގެ ސަބަބުން ލިބޭނެ ވޭނާއި ތަދުގެ އިތުރުން އިހުސާސްވާނެ ބިރުވެރިކަން އަންދާޒާކޮށްލެވުނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ