ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލި މައްސަލައިގައި ތިން މީހަކަށް ދައުވާކުރަން ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.
ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މީގެކުރިން ވިދާޅުވީ، އެ މައްސަލައިގައި ދައުވާކުރަން މިހާތަނށް ނުފޮނުވި އޮތީ، ތަހުގީގުގައި ފުރިހަމަނުވެ އޮތް ޑީއެންއޭ ރިޕޯޓްތައް ނުލިބޭތީ ކަމަށެވެ.
ނަމަވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، ނައީމާގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެ އޮފީހަށް މައްސަލަ ލިބިފައިވާ ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަރުގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)އެވެ. އެ އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް މި ހަފުތާގައި ކުރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު