ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ކާރަކާއި ތިން ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހަކު މަރުވެއްޖެއެވެ.

މިދިޔަ ހަފުގެތާގެ އަންގާރަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވިއެވެ. އަދި އެ ހަތަރު މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު، ހާލު ސީރިޔަސްވި ދެ މީހަކު އެ ރޭ ވަނީ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭޑީކޭގައި އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދިޔައީ އައިސީޔޫގައެވެ. ދެވަނަ މީހާއަށް ފަރުވާ ދެމުން ދިޔައީ އެޗްޑީޔޫގައެވެ. އެއީ އަންހެނަކާއި ފިރިހެނަކަށެވެ.

އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް މިއަދު ވިދާޅުވީ އެ އެކްސިޑެންޓުގައި ހާލު ސީރިޔަސްވި މީހަކު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 2:06 ގައި މަރުވެފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އައްފާލް ހާމައެއް ނުކުރައްވައެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.