ފަހަކަށް އައިސް ބޮލީވުޑްގެ ތަރިންނާއެކު އެކި ހަފުލާތަކުގައި ފެންނަ މޫނެކެވެ. ހުރިހާ ތަރީންނާއެކީ ސެލްފީ އާއި ފޮޓޯ ނަގާފައިވާއިރު އޭނާއަކީ ސްޓާ ކިޑްސްގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ އެކްޓަރެއް ނޫނެވެ. ޑައިރެކްޓަރެއް ނުވަތަ ޕްރޮޑިއުސަރެއްވެސް ނޫނެވެ. ދެން އޭނާ ބޮލީވުޑްގެ ހުރިހާ ހަފުލާތަކުން ތަރީންނާއެކު އަބަދުހެން ފެންނާތީ ގިނަ ބަޔަކު އަންނަނީ އެއީ ކާކުތޯ ކީއްކުރާ މީހެއްތޯ ނޭނގިގެން މީސްމީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ.

'އޮރްހާން އަވަތްރަމަނި' އާންމު ނަމުންނަމަ އޯރީގެ ލިންކްޑްއިން ޕްރޮފައިލްގައި ވާގޮތުގައި އޭނާއަކީ ރިލައެންސް އިންޑަސްޓްރީސް ލިމިޓެޑްގެ ޗެއާޕާސަން އޮފީހުގެ ސްޕެޝަލް ޕްރޮޖެކްޓް މެނޭޖަރެކެވެ. ނިއުޔޯކްގެ ޕާސަންސް ސްކޫލް އޮފް ޑިޒައިނުން ފައިން އާޓްސް އަދި ކޮމިއުނިކޭޝަން ޑިޒައިން އިން ބެޗްލާސް ޑިގްރީ އޭނާ ހާސިލްކޮށްފައިވާއިރު އެއީ ސޯޝަލް އެކްޓިވިސްޓެއްވެސް މެއެވެ.

ކޮސްމޯޕޮލިޓަން އަށް ދިން އިންޓަވިއުއެއްގައި އޯރީ ބުނީ އޭނާ އަކީ ކާކުކަން ދެނެގަންނަން އެންމެންވެސް ބޭނުންވާ ކަމަށެވެ. "އެންމެ ފުރަތަމަ ޖޮބަށް ވަންނަމުން އިންޓަވިއުކުރި ބޮސްއަށް ދިން ޖަވާބު ހަމައޮތީ. ބޮޑު ވަމުން އައިއިރު ބޭނުންވީ އެރޮނެޓިކަލް އިންޖިނިއަރަކަށް ވާން. އެކަމު މިއަދު ވެފައި މިވަނީ ކާކަށް؟ އަަހަންނަކީ ލަވަކިޔުންތެރިއެއް. ލަވަލިޔާވެސް މީހެއް. ފެޝަން ޑިޒައިނަރެއްވެސްމެ. ކްރިއޭޓިވް ޑިރެކްޓަރެއްގެ އިތުރުން ސްޓައިލިސްޓެއް އަދި އެގްޒެކެޓިވް އެސިސްޓަންޓެއްވެސްމެ، ޝޮޕާއެއް އަދި ބައެއްފަހަރު ފުޓްބޯޅަ ކުޅުންތެރިއެއް. އަސްލު ނޭނގެ. އަހަންނަށް ހީވާ ގޮތުން ލައިފް އަކީ ހުވަފެންތަކެއްގެ މައްޗަށް އޮންނަ އެއްޗެއް. ހުވަފެން ބަލަންވީ. އެކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރަންވީ. ހުރިހާ ފުރުސަތެއްގެ ބޭނުންވެސް ކުރަންވީ" އޯރީ ބުންޏެވެެ.

އޯރީ ވަނީ އެކި ތަރީންނާއެކު ނަގާ ފޮޓޯތަކަށްވެސް އޭނާއަށް އާމްދަނީ ލިބޭކަމަށް ބުނެފައެވެ. "އަހަރެން ޖައްސާ ޕޯސްއާއެކު ތަރީންނާއެކު ފޮޓޯ ނަގާފަ ޕޯސްޓުކުރަން އަހަންނަށް ރުފިޔާ ލިބޭ. ބައެއް ރޭރޭ އިންޑިއާގެ 20-30 ލައްކަ ރުޕީސްވެސް އެ މަސައްކަތަށް ލިބޭ"

އާމްދަނީ ހޯދުމަށް އޯރީ ކުރަނީ ކޮން ކަމެއްތޯ ސުވާލުކުރުމުން އޭނާ ބުނީ ދިރިއުޅުމުގައި ނުކުރާކަމެއް ނޯންނާނެކަމަށެވެ. "ނަށަން، ލަވަކިޔަން، ވެއިޓަރެއްގެ ގޮތުގަވެސް އުޅެފަވާނީ، އެކްޓްވެސް ކުރިން، ގްރެފިކް ޑިޒައިންވެސް ކުރިން. ވަރަށް ގިނަ ތަފާތު މަސައްކަތް ކުރެވިއްޖެ. ޒުވާންއިރު ވާނީ މަސައްކަތްކޮށް ރަނގަޅު އާމްދަނީއެއް ހޯދާފަ. މިހާރު މީ އަހަރެންގެ މުސްކުޅިދުވަސްވަރު" އޯރީ ބުންޏެވެ.

އޯރީގެ ފަރާތުން އިތުރަށް އެނގޭ ގޮތުގައި އޭނާ ފަސް މެނޭޖަރުން ގެންގުޅެއެވެ. "ދެ މީހުން ތިބޭނީ ސޯޝަލް މީޑިއާ ބަލަހައްޓަން. އެއް ޕީއާރު މެނޭޖަރު، އެއް ބްރޭންޑް މެނޭޖަރު އަދި އެއް ފުޑް މެނޭޖަރު. ފުޑް މެނޭޖަރުގެ މަސައްކަތަކީ އަހަރެން ކަނީ ކޮން އެއްޗެއްތޯ ބެލުން. ރެސްޓޯރަންޓަށް ކާން ދިޔަސް އެތަނަކަށް ގުޅާފަ ކުރީބައިގަ އޭނ ހުރިހާ ކަމެއް ހަމަޖައްސާނެ. ބައެއް ފަހަރު މިނީބާއިން ހުރިހާ ހަކުރުތައްވެސް ފޮރުވާނެ" މެނޭޖަރުންގެ މަސައްކަތް ކިޔައިދެޟޫން އޯރީ ބުންޏެވެ.

އެންމެ ގިނައިން އޯރީ ފެނިގެންދަނީ ޖާންވީ ކަޕޫރު، ސާރާ އަލީ ޚާން، ނީސާ ދޭވްގަން އަދި އަރްޔަން ޚާންއާ އެކުއެވެ. ފިލްމު އިންޑަސްޓްރީގައި އުޅޭ އޭނާގެ ރައްޓެހީންނާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ "އަސްލު ބޮލީވުޑްގެ އެންމެނާ ރައްޓެހި ނުވާނެ. އަހަރެން އެންމެ ގާތްވާނީ އަމިއްލަ އުމުރުފުރައިގެ މީހުނާ. އެކީގަ ސްކޫލު އަދި ކޮލެޖަށް ދިޔަ މީހުނާ. އަހަރެންނަނީ ރައްޓެހިކަމުގެ ގުޅުން ދަމަހައްޓާ މީހެއް." މީގެ އިތުރުން ސަލްމާން ޚާންވެސް އޭނާ ގާތު ކިތައް ފަހަރު އޯރީ ކާޑު ބޭނުން ކުރަންތޯ ސުވާލު ކުރިކަމަށާއި އެކަމު އޭނާ އެއްވެސް ކާޑެއް ބޭނުން ކުރަން ނުޖެހޭ ކަމަށް ވަނީ ބުނެފައެވެ. "ތަރިން ނުޖެހޭނެއެއްނު ބިލް ދައްކާކަށް. ބިލް ނުވެސް ގެންނާނެ އަހަރެންނަށް. ނަމަވެސް އަހަންނާއެކު އެންމެންވެސް ސެލްފީ ނަގާނެ. އެއީ ހިލޭ ކޮށްދޭ ކަމެއްނޫން. އަހަންނާއެކު ސެލްފީ ނެގުމަށް އިންޑިއާގެ 100 ރުޕީސް ޗާޖުކުރަން" އޯރީ އިތުރަށް ބުންޏެވެ.

ކޮންމެއަކަަް އޯރީ ވެގެންގޮސްފައިވަނީ ފަހަކަށް އައިސް ބޮލީވުޑްގެ ތަރީންގެ މެދުގައިވެސް އަދި ފިލްމީ ދާއިރާއަށް ލޯބިކުރާ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު މޫނަކަށެވެ. އޭނާ ނުފެންނަ ޕާޓީއެއް މަދުއިރު ބައެއް ތަރީންގެ ގޭގެއަށްވެސް ޒިޔާރަތްކޮށް އެމީހުނާ އެކީ ވަގުތު ހޭދަކުރާ ތަރީންގެ ތެރޭގައި ވެސް ހިމެނޭ ތަރިއަކަށް އޯރީ މިވަނީ ވެފައެވެ.