ފުށިދިއްގަރުފަޅު ތަރައްގީކުރަން ޖެހޭ ކަމަށާއި އިގުތިސާދީ ހާލަތު ދަށްވި ނަމަވެސް، އެތަން ތަރައްގީކުރުމަށް ފައިސާ ހޯދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އަދި އެ ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފުށިދިއްގަރުފަޅު ތަރައްގީކުރާނީ އެކަމަށް ހިނގާނެ ހަރަދާއި، އެ ފައިސާ ހޯދާނެ ގޮތް އަދި އެކަން ކުރާނެ ގޮތް ހަމަޖައްސައިގެން ކަމަށެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުގައި ވާދަކުރެއްވި އިރު، ކުރައްވާފައި އޮތް ވައުދެއް، އެތަން ވެސް ތަރައްގީކުރައްވާނަމޭ. އެހެންވީމާ އެކަންތައް ކުރަން މި ސަރުކާރުން ނިންމާފައި އޮތީ. އަޅުގަނޑުމެންނަށް ބޭރުގެ ފަރާތްތަކުން ވެސް ފައިސާ ހޯދޭނެ، ސަރުކާރުގެ އެހެން މަޝްރޫއުތަކުން ވެސް ފައިސާ ހޯދޭނެ ގޮތްތަކެއް ހަމަޖެއްސޭނެ. އެ ފައިސާ ހޯދާނެ ގޮތަކާއި ހުރިހާ އެއްޗެއް ހަމަޖެހިގެން އެކަންތައް ކުރިއަށްގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ވެސް ތަރައްގީވެގެންދަނީ އެންމެ ފުރަތަމަ ޕްލޭން ކުރި ގޮތަށް ނޫން ކަމަށާއި އެތަން ވެސް ފެންނަނީ މާލެއަކަށް ބަދަލުވެގެންދާ ތަން ކަމަށެވެ. އެހެންކަމުން އަދިވެސް ގޯތި ދިނުމަށާއި، އެކި ކަންކަމަށް ބޭނުންވާ ބިން ބޭނުންވާކަން ވެސް ފާހަގަކުރެއްވިއެވެ.

"އެހެންކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ފުށިދިއްގަރުފަޅު ތަރައްގީކޮށްގެން ނޫނިއްޔާ ހަމަޖެހޭ ރަނގަޅު ހައްލެއް ނާންނާނެހެން މާލޭ އޭރިއާގެ ބޯހިޔާވަހިކަމުގެ މައްސަލައަށް. އެހެންވެގެން އެގޮތަށް ޕްލޭންކޮށްގެން ކުރިއަށް މިގެންދަނީ ވެސް މި ސަރުކާރުން. އަޅުގަނޑު ދެކޭގޮތުގައި ހަމައެކަނި މިހާރު ތިބި ހުރިހާ އެންމެންނަށް ގޯތި ދީގެން ދެން އަތް އުރާލައިގެން ތިބެވޭކަށް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ހައިދަރު އިތުރަށް ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ރަނގަޅު ޕްލޭނެއް ރާވައިގެން، އެ ޕްލޭންގެ ދަށުން މާލޭ ސަރަހައްދުގައި ދިރިއުޅޭނެ އެހެން ތަންތަން ވެސް ހޯދަން ކަމަށާއި އެންމެ ކައިރިން އެންމެ ރަނގަޅު ޖާގަ އޮތް ސަރަހައްދަކީ ފުށިދިއްގަރުފަޅު ކަމަށެވެ.

ފުށިދިއްގަރުފަޅުން 1،280 ހެކްޓަރު ހިއްކާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ ފުށިދިއްގަރު ހިއްކައިގެން 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓު ދޫކުރުމެވެ. އެއީ ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ ހައުސިން ޔުނިޓުތަކެވެ.