ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާ އިރު، އެ މައްސަލައިގައި ޖަވާބުދާރީވާން އޭނާއަށް ދިން ފުރުސަތުގައި މަޖިލީހަށް ހާޒިރު ނުވުމުން، ފަހު ފުރުސަތުގެ ގޮތުގައި ޖަވާބުދާރީވާން އޭނާއަށް އިތުރު ފުރުސަތެއް ދޭން ކޮމިޓީން ނިންމައިފިއެވެ.
މިހާތަނަށް ފަނޑިޔާރުކަމުން ވަކި ކުރަން މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ޖަވާބުދާރީވުމުގެ ފުރުދަތެއް ދޭން ނިންމީވެސް ހަމަ އެކަނި އަލީ އާދަމް އަށެވެ.
އެމައްސަލަ އެޖެންޑާކޮށްގެން މިއަދު ކުރިއަށްގެންދިޔަ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ އެމްޑީޕީ އިބްރާހިމް ޝަރީފް ވިދާޅުވީ މެޖިސްޓްރޭޓް ޖަވާބުދާރީވާން ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ނިންމައި އެކަން އެންގުމުން، މައްސަލަ އިތުރަށް ދިރާސާކޮށް ވަކީލަކާއެކު މައްސަލައަށް ޖަވާބުދާރީވުމަށްޓަކައި މިއަދާ ހަމައަށް ފުރުސަތު އިތުރު ކޮށްދިނުމަށް މެޖިސްޓްރޭޓް އެދިފައިވާ ކަމަށެވެ.
ނަމަވެސް ޖަވާބުދާރީވުމަށް މިއަދުވެސް މެޖިސްޓްރޭޓް މަޖިލީހަށް ހާޒިރުވެފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މެޖިސްޓްރޭޓްގެ އިތުރު ސިޓީއެއް ކޮމިޓީއަށް ލިބިފައިވާ ކަމަށާއި މިއަދާ ހަމައަށްވެސް ތައްޔާރުވެވިފައި ނުވާތީ، ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދިނުމަށް ސީޓީގައި އޭނާ އެދިވަޑައިގެންފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެއަށްފަހު އެކަމާބެހޭގޮތުން ގޮތެއް ނިންމުމަށް ޝަރީފް މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ. އެ މައްސަލައަށް ބަހުސް ކުރުމަށްފަހު، ފަހު ފުރުސަތުގެ ގޮތުގައި ޖަވާބުދާރީވާން އިތުރު ފުރުސަތެއް މެޖިސްޓްރޭޓަށް ދިނުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.
އެއަށް ފަހު ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ ފަހު ފުރުސަތުގެ ގޮތުގައި އަދި އެއް ފުރުސަތު މެޖިސްޓްރޭޓަށް ދެއްވުމަށެވެ.
އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މެޖިސްޓްރޭޓް މިހާރުވެސް ހުންނެވި ސަސްޕެންޝަންގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު