އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މަރުހަލާ ފުރިހަމަ ނުކޮށް, ރ. މުރަވަންދޫގައި ހިންގާ ޖޯލި ރިސޯޓުގައި މުރަކަ އާލާ ކުރުމުގެ މަސައްކަތް ފެށުމުން އެ ރިސޯޓު ހިންގާ އަލީބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އީއައިއޭ މަރުހަލާ ފުރިހަމަކުރުމަކާ ނުލައި ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ އެ އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުންނާއި ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް އަދި ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުން އީއައިއޭ މަރުހަލާ ފުރިހަމަކުރުމަކާ ނުލައި ޖޯލި މުރަވަންދޫގައި މުރަކަ އާލާކުރުމުގެ މަސައްކަތް އަލިބޭ މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފަށާފައިވާކަން އެ އެޖެންސީއަށް ޔަގީންކުރެވޭ ކަމަށެވެ.
އެހެންވެ، އީޕީއޭ އިން ޖޯލި ރިސޯޓު ޖޫރިމަނާ ކޮށްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ 20 ވަނަ މާއްދާގެ ހ. އަށް ރިއާޔަތްކޮށް, އެ ގަވައިދުގެ ޖަދުވަލު ޖ. ގެ ދަށުންނެވެ. މިދިޔަ ބުދަ ދުވަހު އެ ރިސޯޓު ޖޫރިމަނާ ކުރީ 20,000 ރުފިޔާ އިންނެވެ.
އީޕީއޭ އިން ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކައި ޖޯލި ރިސޯޓުގައި މުރަކަ އާލާ ކުރަން މިހާރު ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ރަށުގެ ތިމާވެށީގެ ހާލަތު, އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާ ގުޅޭ ރިޕޯޓުވެސް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގައިފައެވެ.
ޚަބަރު
ޚަބަރު