މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ގިނަ ދުވަހު ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ 139 މުވައްޒަފެއްގެ އަގު ވަޒަންކޮށް، ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެއީ 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތެއްގައި ހިދުމަތްކޮށްދިން މުވައްޒަފުންނެވެ.

އެގޮތުން އެވޯޑު ދީފައި ވަނީ:

  • 20 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 24 މުވައްޒަފުންނަށް
  • 25 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 69 މުވައްޒަފުންނަށް
  • 30 އަހަރު ހިދުމަތްކޮށްދެއްވާފައިވާ 35 މުވައްޒަފުންނަށް
  • 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 6 މުވައްޒަފުންނަށް
  • 40 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 5 މުވައްޒަފުންނަށް

އެ މުވައްޒަފުންގެ އިތުރުން އެ ކުންފުނީގެ މަސައްކަތުން ރިޓަޔާކުރި 11 މުވައްޒަފަކަށްވެސް ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައި ވެއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލް މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ތޯހާއެވެ. އެ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ތޯހާ ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަންކޮށް، މުވައްޒަފުންނަށް ރަނގަޅު މާހައުލެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.

އޭގެއިތުރުން ތޯހާ ވިދާޅުވީ މިހާރުގެ ޖީލަކީ ތަފާތު މާހައުލުތަކުގައި މަސައްކަތްކޮށް ވަރަށް މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ޖީލެއް ކަމަށެވެ. އަދި މަސައްކަތަށް ހާޒިރުވެ ހޭދަވާ ވަގުތަކީ އެ މަސައްކަތަށް 100 ޕަސަންޓު ދީގެން ހޭދަކުރާ ވަގުތެއް ކަމަށް ހެދުމަށް ނަސޭހަތްތެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ މައި އެއާޕޯޓަކީ ފަހުރުވެރި ދިވެހިން ފަހުރުވެރިވާ އެއާޕޯޓަކަށް ހެދުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައިވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ފެންވަރުގެ އެއާޕޯޓަކަށް ހެދުމަށް ކުންފުނީގެ ގިނަ ދުވަސްވީ މުވައްޒަފުންގެ ތަޖުރިބާ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.