ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ވެގެންދާނީ ދެން ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީއަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޖަމީލަކީ ރައީސް ޔާމީންގެ ފަރާތުން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. މިއަދު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން، އެ ކޮމިޝަންގެ އިމާރާތުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ މި ޕާޓީ ވެގެންދާނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އުފެދިގެންދާނެ އެންމެ ބިޔަ ބޮޑު ޕާޓީއަށް ކަމަށެވެ.
"އަޅުގަނޑުމެން މި ޕާޓީއަކީ ދިވެހި ރާއްޖޭގައި ދެން ވެރިކަން ކުރާނެ ޕާޓީ،" ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ކުރީގެ ޕާޓީ، ޕީޕީއެމްގެ ލީޑާޝިޕަށް ފާޑުވިދާޅުވަމުން ޖަމީލް ވަނީ އެމަނިކުފާނު ބަންދުން ގެއަށް ދޫކޮށްލުމަށް ފަހު ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ރައީސް ޔާމީނާ ހަމައަށް ވަޑައިނުގަތީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. އަދި ރައީސް ޔާމީނަށް އިހުތިރާމު އަދާ ނުކުރައްވާ ކަމަށާއި އެމަނިކުފާނަށް ޝުކުރުގެ ލަފްޒެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"އެއީ އެހާ އަގެއް ނެތް ބޭފުޅެއްތޯ؟ އެއީ އެހާ ދެރަ ބޭފުޅަކީތޯ؟ ގުރުބާނީ ވެވަޑައިނުގަންނަވާ ބޭފުޅަކީތޯ؟ އެއީ މި ގައުމަށް އެއްވެސް ހިދުމަތެއް ނުކުރައްވާ ބޭފުޅަކީތޯ؟" ޖަމީލް ސުވާލުކުރެއްވިއެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ އަސްލު ވަފާތެރިންނާއި އެކުވެރިންނާއެކު އުފައްދާ މި އާ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ ދަތުރު ބަދަލުކޮށްލާނެ ޕާޓީއަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު