ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހަސަން ސާއިދު އާއި އައިޝަތު އައިނީ މުހައްމަދު ހޯދައިފިއެވެ.
އިއްޔެ ނިމިގެންދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ސާއިދު ހޯދީ 100 އާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެންނެވެ. މިއީ ސާއިދު، ޖެހިޖެހިގެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ތިންވަނަ ފަހަރެވެ.
އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިނީ ވަނީ އަންހެނުންގެ ޑިސްކަސް އުކުމުންނާއި ޝޮޓް ޕުޓް އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. މިއީ ފީލްޑް އިވެންޓްތަކުގައި ވާދަކޮށް އަންހެން އެތުލީޓަކު، ގައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހާސިލްކޮށް، ހޯދި ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
މިފަހަރުގެ އެތުލެޓިކްސް މުބާރާތުގައި ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެތުލީޓުންނަށް ބަލާއިރު، 100 މީޓަރާއި 200 މީޓަރު ދުވުމުން، އަހްނާ ނިޒާރް ވަނީ ރަން މެޑަލް ހޯދައިފައެވެ.
ފިރިހެނުންގެ 1500 މީޓަރު ދުވުމުން، އެއް ވަނަ ހޯދީ ނަސީރު ސްޕޯޓްސް އިން ވާދަކުރި ސްރީ ލަންކާގެ ހަބަރަކަޑަ އަރަޗީލާގޭއެވެ. އޭނާގެ ޓައިމިން އަކީ ތިން މިނިޓް 58.32 އެވެ. ދެ ވަނަ އަށް ދިޔަ، ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)ގެ ޓައިމިން އަކީ ހަތަރު މިނިޓް 03.59 އެވެ. ފަޒީލް ވަނީ 5000 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފައެވެ. އެއީ، 15 މިނިޓް 50.95 އިން ދުވެގެންނެވެ.
މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ޖުމްލަ އެކު، 20 ކްލަބަކުން 214 އެތުލީޓުން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 132 ފިރިހެން އެތުލީޓުންނާއި 82 އަންހެން އެތުލީޓުންނެވެ. މިފަހަރު އެންމެ މޮޅު ފިރިހެން ޓީމަކަށް ސާއިދު ސްޕޯޓްސް އެކަޑެމީ ހޮވުނު އިރު، އެއީ 19 އަހަރަށްފަހު ސިފައިން ކްލަބު ނޫން އެހެން ޓީމަކުން އެ މަގާމު ހޯދި ފުރަތަމަ ފަހަރެވެ. އަންހެން އެންމެ މޮޅު ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް