އިއްޔެ ނިމުނު މައިލޯ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންނަށް ދިވެހި ސިފައިން ކްލަބުގެ ހަސަން ޝަމްއޫނާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދު ހޯދައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ 16 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން އޯޕަން ބައެއް ހިމަނައިގެންނެވެ. އޯޕަން ބަޔަކީ 16 އަހަރުން މަތީގެ އުމުރުފުރައެވެ.
އޯޕަން ބައިން އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި ޝަމްއޫން ވަނީ ފިރިހެން ޝޮޓްޕުޓްގެ އިތުރުން ފިރިހެން ޑިސްކަސް އުކުމުގެ އިވެންޓުން ރަން މެޑަލް ހޯދައިފައެވެ.
މީގެ ކުރިން 2016 ވަނަ އަހަރުވެސް އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ޝަމްއޫން ޝޮޓްޕުޓުން ރަން މެޑަލް ހޯދީ 10.46 މީޓަރު ދުރަށް އެއްލައިގެންނެވެ. އޭނާ ދެން ރަން މެޑަލް ހޯދި ޑިސްކަސް އުކުމުގައި 29.06 މީޓަރު ދުރަށް އެއްލާފައިވެއެވެ.
އަންހެން އެންމެ މޮޅު އެތުލީޓް ޒީކް ވަނީ 800 މީޓަރުގެ އަންހެން ދުުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ.
ޒީކް 800 މީޓަރު ރަން މެޑަލް ހޯދީ 2 މިނެޓް، 23.94 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ އިތުރުން ޒީކް 1500 މީޓަރު ރަން މެޑަލް ހޯދީ ފަސް މިނެޓް، 15.29 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ މީޓް ރެކޯޑެކެވެ.
ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ، އައްޑޫ އެތުލެޓިިކްސްގެ މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމެވެ. އޭނާ ވަނީ 80 މީޓަރު ހާޑްލްސް، 400 މީޓަރު ދުވުން އަދި ޓްރިޕަލް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ. މިތިން އިވެންޓްގައި ވެސް އޭނާ ވަނީ މީޓް ރެކޯޑެއް ހަދައިފައެވެ. އަދި، މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ، ޝަރީފް ސްޕޯޓްސްގެ އައިމިނަތު އައުހާ އަބްދުލް ރަހުމާނވެ. އައުހާ ވަނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގެ އިތުރުން، ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ.
އިތުރު ބައެއް ނަތީޖާތަކަށް ބަލާ އިރު، އަންހެން ޝޮޓް ޕުޓާއި ޑިސްކަސްގެ ރަން މެޑަލް ހޯދީ އައިޝަތު އައިނީ މުހައްމަދެވެ. އަންހެން 16 އަހަރުން މަތީގެ ހައި ޖަމްޕް ރަން މެޑަލް އައިޝަތު ޝައިމް އަޒީޒް ހޯދި އިރު، އޭނާ ވަނީ އަންހެން ލޯންގް ޖަމްޕްގެވެސް ރަން މެޑަލް ހޯދާފައެވެ.
އަންހެން 5000 މީޓަރު ރަން މެޑަލް އައިޝަތު ޖިނާނީ އިބްރާހީމް ހެދީ މީޓް ރެކޯޑު އާކޮށްފައެވެ. އެއި 20 މިނެޓް، 13.45 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެން 400 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދިީ ހައްވާ މުޒުނާ ފާއިޒެވެ. އަދި އަންހެން 200 މީޓަރު ކާމިޔާބުކުރީ އަހްނާ ނިޒާރެވެ.
ފިރިހެން ޖެވެލިން ތުރޯގެ ރަން މެޑަލް އަނެއްކާވެސް ސުޒައިނު މުހައްމަދު ހޯދި އިރު، ޔޫސުފް ނައިކް ވަޖީހު އިއްޔެ ވަނީ 16 އަހަރުވީ ހައި ޖަމްޕް ރެކޯޑު މުގުރާލައިފައެވެ.
ފިރިހެން 5000 މީޓަރުގެ ދުވުން 16 މިނެޓްމ 41.94 ސިކުންތުން ނިންމައިގެން ޝިފާޒް މުހައްމަދު ކާމިޔާބު ކުރި އިރު، 1500 މީޓަރު ދުވުން ކާމިޔާބުކުރީ މުހައްމަދު ރަޝީދު (މޯޑް) އެވެ. ފިރިހެން 800 މީޓަރުގެ ދުވުމުގައި ހުސައިން ރިޒާ ވަނީ ހުސައިން ފަޒީލް ހާރޫން (ފްލެޝް) ފަހަތަށް ޖައްސާލައިފައެވެ. އެއީ އެއް މިނެޓް، 56.68 ސިކުންތުން ރޭސް ނިންމާ، މީޓް ރެކޯޑުވެސް ހަދައިގެންނެވެ.
ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ޓީމަކީވެސް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. ސޯޅަ އަހަރުން މަތީގެ އެންމެ މޮޅު ފިރިހެން ޓީމަކީ ދިވެހި ސިފައިން ކްލަބެވެ. އެންމެ މޮޅު އަންހެން ޓީމަކީ އައްޑޫ އެތުލެޓިކްސްއެވެ.
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް