މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އައިޝަތު ޝައިމް އަޒީޒް ލޯންގް ޖަމްޕް ރެކޯޑު އާކުރި އިރު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު ގައުމީ ޝޮޓް ޕުޓް ރެކޯޑުވެސް އާކޮށްފިއެވެ.
މިއަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތް 204 ބައިވެރިންނާއެކު ފެށީ ބުރާސްފަތި ދުވަހުއެވެ. މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކުގައި އިވެންޓްތައް ކުރިއަށްދާ އިރު، ފުރަތަމަ ދުވަހު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނާއިކް ވަޖީހު ވަނީ މީޓް ރެކޯޑާއެކު ފިރިހެން ހައި ޖަމްޕް ރަން މެޑަލް ހޯދައިފައެވެ. އޭނާ ވަނީ 1.87 މީޓަރު މައްޗަށް ފުންމައިފައެވެ.
އެ ދުވަހު ކަސްޓަމްސްގެ ޝައިމް ވަނީ އަންހެން ޖެވެލިން ތުރޯއިން ރަން މެޑަލް ހޯދައިފައެވެ. އެއީ 27.12 މީޓަރު ދުރަށް އެއްލައިގެންނެވެ. އޭގެ އިތުރުން ޝައިމް ވަނީ ހައި ޖަމްޕުންވެސް ރަން މެޑަލް ހޯދައިފައެވެ. އެއީ މީޓް ރެކޯޑަކާއެކު 1.48 މައްޗަށް ފުންމައިގެންނެވެ. އެ އިވެންޓްގެ ގައުމީ ރެކޯޑު ހޯލްޑަރަކީވެސް ޝައިމްއެވެ.
ފުރަތަމަ ދުވަހު ޝާޔާ ޝޮޓް ޕުޓް ގައުމީ ރެކޯޑު ހެދީ 9.80 މީޓަރު ދުރަށް އެއްލައިގެންނެވެ. އެ ރަން މެޑަލްއާއެކު ރެކޯޑު ހެދި ޝާޔާ އަތުގައި ކުރިން ރެކޯޑު އޮތީ 2021 ވަނަ އަހަރު ޓްރަޔަލްސްގައި 9.57 މީޓަރު ދުރަށް އެއްލައިގެންނެވެ.
އިއްޔެ ކުރިއަށްދިޔަ އިވެންޓްތަކަށް ބަލާ އިރު، 1000 މީޓަރު ފިރިހެން ދުވުމުގެ ރަން މެޑަލް ހޯދީ މުހައްމަދު އިރުފާނެއެވެ. އެއީ 35 މިނެޓް، 10.30 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ދެވަނަ ހޯދީ ސިފައިން ކްލަބުގެ މުހައްމަދު ރަޝީދެވެ. ތިންވަނަ އަކީ މެރަތަން ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހީމެވެ.
އަންހެން ލޯންގް ޖަމްޕް ގައުމީ ރެކޯޑު ޝައިމް އާކުރީ 5.24 މީޓަރު ދުރަށް ފުންމައިގެން ރަން މެޑަލް ހޯދައިގެންނެވެ. ކުރިން ޝައިމް ރެކޯޑު ހަދާފައި އޮތީ މިދިޔަ އަހަރު ގައުމީ މުބާރާތުގައެވެ. އެއީ 5.20 މީޓަރު ދުރަށް ފުންމައިގެންނެވެ.
މިފަހަރު އަންހެން 1500 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދީ ޒީކް އަޝްރަފް ރަޝީދެވެ. އެއީ ފަސް މިނެޓް، 19.48 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފިރިހެން 1500 މީޓަރު ރަން މެޑަލް އަނެއްކާވެސް ހޯދީ ސިފައިން ކްލަބުގެ ހުސައިން ފަޒީލް ހާރޫނެވެ. ގައުމީ ރެކޯޑު ހޯލްޑަރު ފަޒީލް މިފަހަރު ރޭސް ނިންމީ ހަތަރު މިނެޓް، 11.78 ސިކުންތުންނެވެ.
ފިިރިހެން 1500 މީޓަރު ދެވަނަ ހޯދީ ސިފައިން ކްލަބުގެ ހުސައިން ރިޒާއެވެ. ތިންވަނަ އަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިދު އަބްދުލް ރާފިއުއެވެ.
ފިރިހެން 200 މީޓަރު ދުވުމުގެ ރަން މެޑަލް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އާދަމް ރިއްފަތު ހޯދީ، 22.20 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަންހެން 200 ވާދަވެރިކޮށް ފެނުނު އިރު، ރަން މެޑަލް ހޯދީ ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރެވެ. އެއީ 25.31 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރިހި މެޑަލް ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ޒިވާ މޫސާ ޝަފީއެވެ. ލޯ މެޑަލް ހޯދީ ކަސްޓަމްސްގެ ހައްވާ މުޒުނާ ފާއިޒެވެ.
ފިރިހެން 1500 މީޓަރު މާސްޓަސް ދުވުމުން އަބްދުﷲ ރަޝީދު ރަން މެޑަލް ހޯދި އިރު، މާސްޓާސް 1500 މީޓަރު އަންހެން ދުވުމުން ރަން މޑަލް ހޯދީ ހުސްނާ މުހައްމަދެވެ.
ގައުމީ އެތުލެޓިކްސް މުބަރާތުގެ ފަހު އިވެންޓްތައް މިއަދު އޮންނާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް