ޕީޕީއެމް، ޕީއެންސީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ދެމެދު މަޝްވަރާކުރުމުގެ ދޮރު އަދިވެސް ހުޅިވިފައި އޮތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑާޝިޕުގެ އެއްބާރުލުން ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޔާމީން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެ ޕާޓީއަށް ކިޔުމަށް ނިންމާފައިވަނީ ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް) އެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ރައީސް ޔާމީން ނިންމެވީ މަޝްވަރާކުރައްވަން ބޭނުންފުޅުނުވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ލީޑާޝިޕްގެ ބޭފުޅުންނާ އެމަނިކުފާނަށް އަބަދުވެސް މަޝްވަރާކުރެއްވޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވުމުން ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
"މިހާރު މި އަޑު އިވެނީ އާ ޕާޓީއެއް ހައްދަވަނީއޭ. އެއީ މަޝްވަރާ ބޭނުން ނުވެގެން، މަޝްވަރާގެ ދޮރު އެބައޮތް ހުޅުވިފައި. އަޅުގަނޑުމެންގެ ލީޑާޝިޕާއި ރައީސް ޔާމީނާ، ހާއްސަކޮށް ޕީޕީއެމްގެ ލީޑާޝިޕާ ބައްދަލުކޮށް ވާހަކަދެކެވޭނެ. އެހެންކަމަށްވަންޏާ މަޝްވަރާނުކުރެވިގެން އަދި ލަސްވެގެން އުޅުއްވާކަށް ނުޖެހޭނެ. ރައީސް ޔާމީނަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ސަރުކާރެއް އެކުލަވާލުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއި ހުންނާނެ ދަތިތަކާއި އެކަމުގެ ބުރަކަމާ، މި ހުރިހާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިދިޔަ ދުވަސްވަރު ކަމެއް ނުވެގެން ކަންބޮޑުވެގެން އެ ހިސާބަށް ދާން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕާ މައްސަލަ ޖެހެންޖެހޭ ސަބަބެއް އޮތް ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިދިޔަ ފަސް އަހަރު ލީޑާޝިޕުން މަސައްކަތްކުރީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއް ޖެހިފައެއް ނެތް. އަޅުގަނޑުމެން އެންމެ ފަހުން އެމަނިކުފާނާ އެކީގައި ލީޑާޝިޕްގެ ފަރާތުން މަޝްވަރާކުރީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ޕާޓީ އެކީގައި މަސައްކަތްކުރުމާ ބެހޭގޮތުން. ދެ ޕާޓީ އެއްކޮށް ޕްރައިމަރީ ބާއްވައިގެން ކެންޑިޑޭޓުން ހޮވައިގެން ކުރިއަށްދިއުމާ ބެހޭގޮތުން. އެގޮތުން ކުރެވުނު މަޝްވަރާގައި ލީޑާޝިޕްގެ ހަތަރު، ފަސް ބޭފުޅަކާ އެކީގައި މަޝްވަރާކޮށް، އެމަނިކުފާނު ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތިން އަޅުގަނޑުމެން އިއުލާންކޮށްފައިވާނީ. އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ މަޝްވަރާގެ ކަންތައް ކުރިއަށް އެބަދެއޭ. މަޝްވަރާކުރުމުގެ މަގު ވެސް އޮތީ ހުޅުވިފައި،" އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ވެގެންދާނީ ދިވެހިރާއްޖޭގެ ރައްޔިތުން އެދޭ ފަދަ ކާމިޔާބު ދައުރަކަށް ކަމަށާއި މިހާތަނަށް ދިވެހިން ނުދެކޭ ފަދަ ކާމިޔާބު ސަރުކާރަކަށް މި ސަރުކާރު ވެގެންދާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ބަހާއި އަމަލާ ދިމާވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު