މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީގެ) ނޫސްވެރި ކަމުގެ އެވޯޑު ހަފުލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު، ދައުރު ނޫހުގެ އަހުމަދު ނާއިފް ހާސިލުކޮށްފިއެވެ.
މިރޭ ބޭއްވި އެވޯޑު ހަފްލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ނާއިފް ހާސިލުކޮށްފައިވާ އިރު، އެ އެވޯޑަށް އިތުރު ތިން ނޫސްވެރިން ނޮމިނޭޓު ވެފައި ވެއެވެ. އެއީ މިހާރު ނޫހުގެ ނޫސްވެރިޔާ އާސިމާ ނިޒާރާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު އަދި ވަން އޮންލައިންގެ ނޫސްވެރިޔާ އަލީ ޔާމީންއެވެ.
އަހުމަދު ނާއިފް އަކީ ދައުރު ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރެކެވެ. އޭނާއަކީ ވިޔަފާރިއާއި އިގްތިސާދީ ހަބަރުތައް ކަވާކޮށް އެ ދާއިރާގެ ރިސާޗް ލިޔުންތައް ލިޔާ ނޫސްވެރިއެކެވެ. އެގޮތުން އެ ދައިރާތަކުން އެނަލިސިސްއާއި ފީޗާވެސް ލިޔެއެވެ.
އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ދިނުމުގައި ވޭތުވެ ދިޔަ އަހަރު ކޮށްފައިވާ މަސައްކަތާއި ތައުލީމާއި ތަޖުރިބާއަށް ބަލާއިރު، އިންޓަވިއު މަރުހަލާގައި ލިބޭ މާކްސްއަށްވެސް ބަލައެވެ. އަދި އާންމުން ވޯޓަށްވެސް ބަލައެވެ.
މިރޭގެ ހަފްލާގައި އުންމީދީ ނޫސްވެރިޔާ ހާސިލު ކުރީ ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު ނާއިލް ހަފީޒެވެ. 2021 ވަނަ އަހަރު ނޫސްވެރިކަމަށް ނުކުން ނާއިލްއަކީ ސިޔާސީ އަދި އިޖުތިމާއީ ދާއިރާއިން ހަބަރުތައް ގެނެސްދޭ ނޫސްވެރިއެކެވެ.
އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ދެން ވާދަކޮށްފައި ވަނީ ދިޔަރެސް ނޫހުގެ އާނިފާ ހުސެއިން ސިރާޖާއި މިހާރު ނޫހުގެ އާއިޝަތު ނުޒުހާއެވެ.
- ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާ - ޝަހުދާ މުހައްމަދު (ދައުރު)
- ސިޔާސީ ދާއިރާ - ނާޒިމް ހަސަން (އަދަދު)
- ޝަރުއީ ދާއިރާ / ގާނޫނީ ދާއިރާ - މުއިއްޒު އިބްރާހީމް (މިހާރު)
- ވިޔަފާރިއާއި އިގުތިސޯދީ ދާއިރާ - އަހުމަދު ނާއިފް (ދައުރު)
- ކުޅިވަރު ދާއިރާ - ހުސެއިން ހަބީބް (މިހާރު)
- ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ - ހައްވާ އަމާނީ އަބްދުﷲ (މިހާރު)
- ފީޗާ - ޝަހުދާ މުހައްމަދު (ދައުރު)
- ފޮޓޯ ޖާނަލިޒަމް - ފަޔާޒް މޫސާ (މިހާރު)
- ތަހުގީގީ ނޫސްވެރިކަން - އަހުމަދު މިޒްޔާލް (ދައުރު)
މި ދާއިރާތަކުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކޮށްދިން ފަރާތްތަކަށް ދޭ ހަޔާތީ އަރުތައިގެ އެވޯޑު މި އަހަރު ލިބުނީ އަހުމަދު ޒާހިރު (ހިރިގާ)އަށެވެ. ހިރިގާއަކީ ނެކްސްޓް މީޑިއާގެ ކޯފައުންޑަރުގެ އިތުރުން އެ މީޑިއާ ގުރޫޕުގެ ދަށުން ހިންގާ ދައުރު ނޫހުގެ މެނޭޖިން ޑިރެކްޓަރެވެ.
އޭގެ އިތުރުން ކުޅިވަރު ނޫސްވެރިއެއްކަމަށްވާ ސާއިދު އަހުމަދަށް އެމްއެމްސީން ހިތްވަރު ދިނުމުގެ ގޮތުން އެވޯޑެއް ދީފައި ވެއެވެ. ސާއިދަށް އެ އެވޯޑު ދީފައި ވަނީ ދެ ކިޑްނީ ފެއިލްވެ، ސިއްހީ މައްސަލަ ތަކެއް ތަހައްމަލު ކުރަމުންވެސް ހިތްވަރާއެކު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް، ގިނަ ހިދުމަތްތަކެއް ކޮށްފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު