ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނިޔާއެއް ނުދެއްވާނެ ކަމަށާއި އަނިޔާދެއްވީ ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑާޝިޕުގެ އެއްބާރުލުން ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޔާމީން ދަނީ މަސައްކަތްކުރައްވަމުންނެވެ. ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާ އިރު، އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ޖަމީލު ވެސް ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް މުއިއްޒާއި އަދުރޭއަށް ދަނީ ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައީސް ޔާމީން ޖަލުގައި ބަހައްޓަވައިގެން އެމަނިކުފާނަށް އަނިޔާދެއްވަން ރައީސް މުއިއްޒު މަސައްކަތްކުރައްވާ ކަމަށް ޖަމީލު ވަނީ ތުހުމަތުކުރައްވައިފައެވެ.
އެކަމަށް ރައްދުދެއްވަމުން ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ އެއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދަން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ޔާމީނަކަށް އަނިޔާއެއް ނުދެއްވާނެ. އަޅުގަނޑަށް އެ ޔަގީންކަން އެބައޮތް. ރައީސް ޔާމީނަށް އަނިޔާ ދިނީ ޖަމީލް. ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް، ރައީސް ޔާމީނާ ދެކޮޅަށް ބަޣާވާތްކުރައްވަން މަސައްކަތްކުރެއްވީ ޖަމީލް. މަގާމުން ވަކިކުރީމަ، އިނގިރޭސިވިލާތުގައި ހުރެގެން ހެއްދެވިއްޔާ ހެއްދެވިހާ ގޯސްކަމެއްގެ ތުހުމަތު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެޅުވި މީހަކީ ޖަމީލް. އެ ހުރީ ދައްކާފައި ހުރި ވާހަކަ، މި ދޮގެއް ނުކުރެވޭނެ. ޖަމީލާއި މަލީހު މިކަން ކުރީ. ރައީސް ޔާމީންގެ ސަރުކާރު ނިންމަން ނުކުތީ އެމީހުން. ތިޖޫރީ ހުރި ތަނުގައި ވަޅުގަނޑުވެސް ނުހުންނާނެއޭ ބުނީ ޖަމީލް، އަޅުގަނޑެއް ނޫން އެ ވާހަކަ ދެއްކީކީ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ގައުމަށް ގައުމަށް ވަފާތެރި، ގައުމަށް ހިދުމަތްކުރެއްވި، ހިދުމަތުގެ ރެކޯޑެއް އޮތް އަދި ފަހުރުވެރި މާޒީއެއް އޮތް ބޭފުޅެއް ކަމަށާއި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށްވުރެ އިހުލާސްތެރި ބަޔަކު ރައީސް ޔާމީނަށް ނުހޯއްދެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ޖަމީލާއި މަލީހު އިހުލާސްތެރި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެ އުޅެނީ އަނެއްކާވެސް ރައީސް ޔާމީން މިއަދު ހުންނެވި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމީހުންގެ އަމިއްލަ އެދުންތަކެއް ހާސިލުކުރަން. ދިވެހި ލޮބުވެތި ރައްޔިތުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޖަމީލަކީ ކާކުކަން. އެންމެ ފަހުން ރައީސް ޔާމީނަށް ހުކުމްކުރެއްވި ދުވަހު ޖަމީލް ވިދާޅުވި ތިމަންނަމެންނަށް އޮތީ 24 ގަޑިއިރޭ ރައީސް ދެއްވާފައި، 24 ގަޑިއިރު ތެރޭ އިސްތިއުނާފު ކުރަން ވިދާޅުވިއޭ. އޭގެ ފަހުން ވިދާޅުވީ އެންމެ ދިގުވެގެން އޮތީ 72 ގަޑިއިރޭ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ދެ މަސް ދުވަސްވަންދެން ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ، ޖަމީލު ދަންމަމުން ދިޔަ ކަމަށާއި އެއީ ރައީސް ޔާމީން ޖަލުގައި ބަހައްޓަވައިގެން ޕީޕީއެމް، ޕީއެންސީގެ ޓިކެޓު ހޯއްދަވަން ޖަމީލު ކުރެއްވި ކަމެއް ކަމަށެވެ. އަދި ސިޔާސީ ދާއިރާގައި ޖަމީލާއި މަލީހަކީ "ލާހޫރޭ" ބޭފުޅުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު