މިފްކޯ، އެސްޓީއޯގެ ދަށުން ވަކި ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭ ޗެނަލް 13އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑައިރީ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް މިފްކޯ "ސަލާމަތް" ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެސްޓީއޯ އާއި މިފްކޯ އަދި މިނިސްޓްރީ ހިމެނޭހެން ކަމާ ގުޅޭ އިދާރާތައް ގުޅިގެން އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯ އާއި މަސްވެރިން މީގެ ކުރިން މަސައްކަތް ނުކުރާހާ ގާތްކޮށް، ކުރުމަކީ ރައީސްގެ 14 ހަފުތާގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެގޮތުން މަސައްކަތް ކުރުމަށް ޕްލެޓްފޯމްތަކެއް ރޭވިފައި ހުރި ކަމަށް ވިދާޅުވިއެވެ.

އެގޮތުން، އެކްޝަން ޕްލޭނާ އެއްގޮތަށް ގޮތްތަކެއް ނިމިގެން ދާއިރު މިފްކޯ ވެގެންދާނީ މުޅި އަހަރު ދުވަހުވެސް މަސްވެރިންނާ ވަރަށް ގާތްކޮށް މަސައްކަތް ކުރާ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބޭނީ މިފްކޯ އާއި މަސްވެރިން ގާތުން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވިއެވެ.

"މަސްވެރިންގެ މަޝްވަރާ އާއި ހިޔާލާ އެއްގޮތައް، އަދި ފިޝަރީޒް މިނިސްޓްރީން ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް، ޕޮލިސީތައް އެކުލަވާލާ އިރުވެސް އެ މަޝްވަރާ ލިބިގެން، މަސްވެރިންނަށް އުނދަގުލެއް ހުރި ކަމަށް ވާނަމަ އެ އުނދަގުލަށް ހައްލު ލިބޭނެ ކަހަލަ ގޮތަކަށް މަސްވެރިންގެ ބައިވެރިވުން ހިމެނޭނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ހުރީ ރާވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިފްކޯގެ ދަރަނި ބޮޑުވުމާއެކު އެ ދަރަންޏާ ސަރުކާރުން ހަވާލުވެ، އެސްޓީއޯގެ ސަބްސިޑައިރީ ކުންފުންޏަކަށް މިފްކޯ ބަދަލު ކުރީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ނިމިދިޔަ ސަރުކާރުންވެސް ވަނީ މިފްކޯ، އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏެއް ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ.