އެކްޓިން ކޮމިޝަނަރާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޑެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފަރުހާދު އައްޔަންކުރެއްވީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާ ކުރެއްވުމާ ގުޅިގެން ކަމަށެވެ.

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފަރުހާދު އައްޔަންކުރެއްވީ ގާނޫނުގައިވާގޮތުގެ މަތިން، ޕޮލިސް ބޯޑުގެ ލަފައާއެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މަންނާން މިމަހުގެ 16 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރެއްވީ، މީގެކުރިން އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ހަމީދު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، ޑީސީޕީ މަންނާން އާއި އަލީ ރަޝީދު ދިވެހި ގައުމަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތަކަށް ކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި އަދި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނަނީ، ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންވާނެ ކަމަށެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެނީ ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަަށްވެސް ގާނޫނުގައި ބުނެފައިވެއެވެ. އަދި ގާނޫނު ބުނާގޮތުން އެ މަގާމަށް އައްޔަން ކުރެވޭނީވެސް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެކެވެ.

އެކްޓިން ކޮމިޝަނަރުގެ މަގާމަށް ފަރުހާދު އައްޔަން ކުރެއްވި އިރު، އޭނާއަކީ 10 އޯގަސްޓު 2021 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ހަތް ބޭފުޅުން ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ މައްސަލަ މިހާރު އޮތީ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.