ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ އުފައްދަން އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ނެންގެވި ސްޓިއަރިން ކޮމެޓީގައި އިސްކޮށް ހުންނަވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ލީޑާޝިޕުގެ އެއްބާރުލުން ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޔާމީން ނިންމެވީ ރޭގެ ވަގުތެއްގައެވެ. ޔާމީންގެ ފަރާތްޕުޅުން އެކަން އިއުލާން ކުރެއްވީ އެ މަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ޖަމީލު ރޭ "ޗެނަލް 13"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފި ކަމަށާއި އެއްވެސް ކަމެއްގައި ރައީސް ޔާމީންއާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް ހިންގަވަން އެ ބޭފުޅުން ބޭނުން ނުވާ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އާ ޕާޓީގެ ފަހުގެ ތަފުސީލުތައް ހިއްސާ ކުރައްވަމުން މަލީހު މިއަދު "ވަން" އަށް ވިދާޅުވީ، އާ ޕާޓީގެ ހުރިހާ ކަމެއް މިއަދު ނިމޭނެ ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހު ޕާޓީ އުފައްދަން ހުއްދައަށް އެދޭނެ ކަމަށް ވިދާޅުވިއެވެ.

މަލީހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ ލޯގޯ ދެންމެ ރައީސް ޔާމީން ފައިނަލް ކުރައްވައިފި ކަމަށެވެ. އަދި އާ ޕާޓީއާ ގުޅުމަށް ތައްޔާރަށް ތިއްބެވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.