ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ހަސަން ޒަރީރު މިއަދު އައްޔަނުކުރައްވައިފިއެވެ.

ހަސަން ޒަރީރަކީ އިނގިރޭސިވިލާތުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބެފުޅެކެވެ. އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހަސަން ޒަރީރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަގާމުގައެވެ.

ރައީސް ވަނީ އިއްޔެ ޕީސީބީއަށް ހަތަރު މެންބަރަކާއި ރައީސަކުވެސް އައްޔަން ކުރައްވައިފައެވެ. ޕީސީބީގެ ރައީސަކަށް އައްޔަން ކުރައްވާފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހަމްދީ އަގީލެވެ.

ޕީސީބީ ބޯޑުގައި ތިބެނީ ޖުމުލަ ހަތް މެންބަރުންނެވެ. ނަމަވެސް ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދާއި ބޯޑު މެންބަރު އަލީ ޝަފީއުއާއި ބޯޑު މެންބަރު ރުޝާހާ އަހުމަދު ވަނީ ބޯޑުން ވަކިވެފައެވެ.

އެހެންވެ ބޯޑަށް މެންބަރުން ހަމަނުވެގެން ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ވަނީ އައްޔަން ނުކުރެވިއެވެ.