ޕޮންޒީ ސްކީމު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާކޮށްފިއެވެ.

އަލްހާންގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މައްސަލައިގައި އޭގެން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން މިއަދު ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ޕީޖީން ބުނީ މި ދައުވާތައް ކޮށްފައިވަނީ އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ދައުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގައި ކަމަށްވެސް ޕީޖީން ބުންޏެވެ.

މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދައުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ދަށުން ކިންގްސް ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ ޕާސްޕޯޓާއި ފޯނުވެސް ހިފެހެއްޓިއެވެ. މީގެ ކުރިން ވަނީ ކިންގްސް ކުންފުނީގެ އެކައުންޓްތައް ވެސް ބޭންކުން ފްރީޒްކޮށްފަ އެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.