ކިޔަވައިދޭ ވަގުތު ނުގެއްލޭނެ ގޮތަށް ސްކޫލުތަކުގެ ހަރަކާތްތައް ރޭވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

ސަރުކާރުގެ ސްކޫލުތަކަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ސްކޫލުތަކުގެ ރަސްމީ ވަގުތުގެ ތެރެއަށް ވަންނަ ގޮތަށް ރާވާ ބައެއް ހަރަކާތްތަކުގެ ސަބަބުން ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވާ ވަރަށް ކުރިއަށް ނުގެންދެވޭކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މުގައްރަރު ފުރިހަމަ ކުރުމަށާއި މުގައްރަރުގައިވާ މަގުސަދުތައް ހާސިލުކުރުމަށް ޓާމުގެ ފަހުކޮޅު އިތުރުގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަން ޖެހުމާއި އެއްފަހަރާ ގިނަ ފިލާވަޅުތަކެއް ނަގަންޖެހޭކަން ފާހަގަކުރެވޭ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

"މިއީ އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށް ނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށްވެސް ދަތިތަކާ ކުރިމަތިވެ، ގައުމީ މަންހަޖުގައި ބަޔާންކުރާ މަގުސަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކުރުމަށް ހުރަސް އެޅެއެވެ." ސާކިއުލާގައިވެއެވެ.

އެއާއެކު މިނިސްޓްރީން ވަނީ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތައް ހަރަކާތްތައް ތަރުތީބު ކުރުމަށް އެދިފައެވެ.