ނޯތު ކޮރެއާއިން ކާމިޔާބު ކަމާއެކު ސްޕައި ސެޓަލައިޓެއް ލޯންޗުކޮށްފިއެވެ.
ނޯތް ކޮރެއާއިން ސްޕައި ސެޓަލައިޓް ޖައްވަށް ފޮނުވާލުމަށް ބޭނުންކުރި ރޮކެޓް އުދުއްސައިލުމުގެ ކުރިން އެ ގައުމުން ވަނީ ޖަޕާނަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުނިއޯ ކިޝިޑާ ވަނީ ނޯތު ކޮރެއާއިން ލޯންޗު ކޮށްފައިވަނީ ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ. ޖަޕާނަށް މައުލޫމާތު ލިބުމާއެކު އެ ގައުމުގެ އޮކިނާވާގެ އާންމުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ވަނީ އަންގާފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ވަނީ ނޯތު ކޮރެއާއިން ކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި ހިލާފު ކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ. އެގޮތުން ސެޓަލައިޓެއް ލޯންޗު ކުރުމަށްވިޔަސް ބެލިސްޓިކް މިސައިލު ޓެކްނޮލޮޖީ ބޭނުންކުރުމަކީ އދ ގެ ސެކިއުރިޓީ ކައުންސިލުގެ ނިންމުންތަކާ ހިލާފަށް ކުރިކަމެއް ކަމުގައި ފާހަގަކުރައްވައިފައިވެ އެވެ.
ނޯތު ކޮރެއާއިން ބުނެފައިވަނީ އެ ސެޓަލައިޓަކީ އެ ގައުމަށް އަތުވެދާނެ ހަމަލާތަކުން ދިފާއުވުމަށާއި ރައްދުގައި ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތެއްގައި އަމާޒަށް ވާސިލުވުމަށް ބޭނުންކުރާނެ ސެޓަލައިޓެއްކަމަށެވެ.
ނޯތު ކޮރެއާއިން ސްޕައި ސެޓަލައިޓެއް ލޯންޗުކޮށްފައިވާއިރު ސައުތު ކޮރެއާއިން ވަނީ މިމަހުގެ ފަހުކޮޅުގައި އެ ގައުމުންވެސް ސްޕައި ސެޓަލައިޓެއް ޖައްވަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ