އިންޑިއާގެ ޓަނަލުގައި ތާށިވި މީހުން ފެންނަ ވީޑިއޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

އުތުރު އިންޑިއާގެ ސްޓޭޓެއްގައި ހަދަމުން ދިޔަ ޓަނަލްގައި 41 މީހުން ތާށިވެފައި ތިބޭތާ 10 ދުވަސް ވެފައިވާއިރު އެމީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޓަނަލްގައި މަސައްކަތް ކުރި މީހުން އެ ޓަނަލްގައި ތާށިވެފައި ވަނީ ހަދަމުން ދިޔަ އެ ޓަނަލްގެ ބައެއް ވެއްޓުމާ ގުޅިގެންނެވެ.

ޓަނަލްގައި މީހުން ތާށީވިފަހުން އެމީހުން ސަލާމަތް ކުރުމަށް ގިނަ އުކުޅުތައް ބޭނުން ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ ގިނަ ދުވަސްތަކެއް ވުމާއެކު އެމީހުންގެ އާއިލާތަކުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ.

10 ދުވަސް ފަހުން ރެސްކިއު ޓީމުން ވަނީ ތާށިވީ މީހުންނަށް ފެނާއި ކާބޯތަކެތީގެ އިތުރުން ބޭހާއި އޮކްސިޖަން ފޯރުކުރުމަށް ބޭނުންކުރާ 60 މީޓަރުގެ ދިގު ހޮޅީގެ ތެރެއަށް ކެމެރާއެއްލައި އެމީހުންގެ މަންޒަރުތަށް ވީޑިއޯކޮށް ދައްކާލައިފައެވެ.

https://www.youtube.com/watch?v=Ct1lGnAnH9k

ރެސްކިއު ޓީމުން ވަނީ ތާށިވެފައިވާ މީހުންގެ ހާލު ރަނގަޅުކަމަށާއި އެމީހުން ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންގެންދާކަމަށް ބުނެފައެވެ.