މާލެ ހޮސްޕިޓަލްސް ގްރޫޕް (ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް) ގެ ހިންގުމުގެ ކަންކަން ބެލެހެއްޓުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް އިދާރީ ގޮތުން ހިންގަމުން އައީ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"ގެ ދަށުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ބޯޑުގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަނިންގް ބޯޑް"ގެ ނަމަށް ބަދަލުކުރައްވައިފައެވެ.

މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަނިން ބޯޑަކީ، ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ.

މި ބޯޑު އިދާރީގޮތުން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.

މި ބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަނިން ބޯޑް އަލުން އެކުލަވައިލެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.