އިންޑިއާގެ މަގުބޫލު ޕްރޮޑިއުސަރު އަދި ޑިރެކްޓަރު އެކްތާ ކަޕޫރަށް އިންޓަނޭޝަނަލް އެމީސް އެވޯޑު 2023 ލިބިއްޖެއެވެ.

އެކްތާއަށް އެވޯޑު ލިބިފައިވަނީ ޑިރެކްޓަރުންގެ ކެޓަގަރީންނެވެ.

އެވޯޑާ ހަވާލުވުމަށްފަހު އިންސްޓަގްރާމުގައި އެކްތާ ކުރި ޕޯސްޓުގައި "އިންޑިއާ އަށް އަހަރެން އެމީ އެބަގެންދަން" ކަމަށް ބުނެފައިވެއެވެ.

https://www.instagram.com/reel/Cz5CE-foR3S/

އެކަމާ ގުޅިގެން މީޑިއާތަކަށް ދިން އިންޓަވިއުގައި އެކްތާ ބުނީ އޭނާއަށް އެކަހަލަ ޝަރަފުވެރި އެވޯޑެއް ލިބުމަކީ ވަރަށް ބޮޑަށް އުފާވާކަމެއްކަމަށާއި ދުނިޔޭގެ ފެންވަރުގައި އޭނާގެ މަސައްކަތް ބަލައިގެންފައިވާތީ އެކަމާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަބަދުވެސް ބޭނުންވޭ ވާހަކަ ކިޔައިދޭން. އެއީ އަހަރެން ބޭނުންވާ ކަންކަން އަޑު އިއްވަން އަދި ދައްކަން. މިކަމުގައި އޯޑިއަންސް އަހަންނަށް ދިން އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރަން. ފެށުނީ ޓީވީ ސީރީޒްތަކުން. ދެން ފިލްމުތަކާއި މިހާރު އޯޓީޓީއަށް އަހަރެންނަށް ދޮރުތައް ހުޅުވިގެންދިޔައީ އޯޑިއަންސް ދިން އިތުބާރުން" އެކްތާ ބުނެފައިވެއެވެ.

އެކްތާ އަކީ 1994 ވަނަ އަހަރު ބާލާޖީ ސްޓޫޑިއޯ އުފެދުނީއްސުރެ އިންޑިއާގެ ޓީވީގައި މަގުބޫލު އެކަކެވެ. ބާލާޖީ ސްޓޫޑިއޯއަކީ އެކްތާގެ އާއިލީ ތަނެކެވެ. އިންޑިއާގެ މަގުބޫލު ތަރި އަދި ޕްރޮޑިއުސަރު ޖީތެންދުރާ ކަޕޫރާއި މީޑިއާ އެގްޒެކެޓިވްއެއް ކަމަށްވާ ޝޯބާ ކަޕޫރަކީ އެކްތާގެ މައިންބަފައިންނެވެ. އެކްތާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ އިންޑިއާގެ ޓީވީން ފެންނަ ކޮންޓެންޓްތަކަށް ބަދަލުތައް ގެނެސް ބޮޑު އިންގިލާބެއް ގެނެސްދިން މީހެއްގެ ގޮތުގައެވެ. ބާލާޖީގެ ދަށުން އޭނާ ވަނީ 17000 އަށް ވުރެ ގިނަ ގަޑިއިރުގެ ކޮންޓެންޓް ޕްރޮޑިއުސްކޮށް 45 ފިލްމެއް އުފައްދާފައެވެ. އޭގެ ތެރޭގައި މަގްބޫލު ސީރިސްތައް ކަމަށްވާ 'ކިޔުންކީ ސާސްބީ ކަބީ ބަހޫތީ'، 'ކަހާނީ ގަރްގަރްކީ'، 'ކަސޯޓީ ޒިންދަގީކީ' އަދި 'ބަޅޭ އައްޗޭ ލަގްތޭހޭން' ހިމެނެއެވެ.