މިއީ ގާޒާގެ އާއިލާއެއްގެ ވާހަކައެވެ. އިޒްރޭލުގެ ބޮމުގެ ހަމަލާއެއްގައި އެ ގޭގެ ފާރުތައް ވެއްޓި، ދިރި ނޫޅެވޭ ވަރަށް ސުންނާފަތިވިއެވެ. ނަމަވެސް މި އާއިލާ އަދިވެސް ދިރިއުޅެނީ އެ ގޭގައެވެ.

ޚާލިދު އާއި އޭނާގެ އަންހެނުން ސިހާމް އެ ދުވަހުގެ ކަން ހިނގައި ދިޔަ ގޮތް އަލް ޖަޒީރާއަށް ކިޔައިދިނެވެ. އެކަން ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރިން ދެމީހުން ތިބީ ގޭގެ ސިޓިން ރޫމުގައެވެ. ރޭގަނޑު ކާން ޖެހޭ ބޭހެއް އަދި ނުކައިކަން ހަނދާން ވުމުން ސިހާމް ދިޔައީ ބަދިގެއަށެވެ. އެމީހުންގެ މުޅި ދުނިޔެ ބަދަލުވެގެން ދިޔައީ އެ ވަގުތުއެވެ.

އިޒްރޭލުން ބޮން އެޅީ އެ ގެއާ ކައިރީގައި ހުރި ގެއަކަށެވެ. ނަމަވެސް ގޮވުމުގެ ބާރުމިނުގެ ސަބަބުން އެމީހުންގެ ގެ ވެސް ސުންނާފަތި ވިއެވެ. ބޮން ގޮއްވާލި ވަގުތު އެމީހުން ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނެވެ. މުޅި ގޭތެރެއިން ފެނުނީ ކުނޑިތައް ކަމަށާއި އެވަގުތު ކަންފަތަށްވެސް ރަނގަޅަށް އަޑު ނީވުނު ކަމަށް އެމީހުން ކިޔައިދިނެވެ.

ސިހާމްއަށް ތެދުވެވުމުން ގޮސް އޭނާގެ ފިރިމީހާ ހޯދި އިރު ޚާލިދު އޮތީ އަނގައިން ލޭ އައިސް، ގެއިން ވެއްޓުނު ފާރުބުރިއެއްގެ ދަށުގައެވެ. އޭނާގެ ފިރިހެން ދަރިފުޅު މުސްތަފާ ހުރީ ކޮޓަރީގައެވެ. ނަމަވެސް ލިބުނު ކުއްލި ސިހުމުގެ ސަބަބުން އޭނާއަށް އެވަގުތު ގުޑިލަންވެސް ނުކެރުނެވެ.

ހިތްވަރުކޮށް އޭނާގެ ފިރިމީހާ ފާރުބުރި ދަށުން ނަގައި، އެމީހުން އަވަހަށް އެ ގޭތެރެއިން ނުކުމެ ސަލާމަތެއް ހޯދޭތޯ ނުކުތެވެ. 10 ވަރަކަށް ދުވަސް ވަންދެން އެމީހުން ރައްކާތެރިކަން ހޯދައިގެން ތިބީ ސްކޫލެއްގައެވެ. އޭގެ ފަހުން ހޮސޕްިޓަލަކަށްވެސް ދިޔައެވެ.

އެހެން ނަމަވެސް ގާޒާގައި ރައްކާތެރިކަން ލިބޭނެ އެއްތަނެއްވެސް ނެތެވެ. ހުރިހާ ތަނެއްގައިވެސް އޮތީ ހަމަ އެއް ހާލަތެކެވެ. އެއްވެސް ތަނެެއްގައި ފެނެއް، ކާ އެއްޗެއް އަދި ކަރަންޓެއްވެސް ނެތް ކަމަށް ޚާލިދު ބުންޏެވެ.

އެހެންވެ އެމީހުން ނިންމީ އެނބުރި ގެއަށް ދިއުމަށެވެ. އެހެން ގޮތެއް ނެތެވެ. އަމިއްލަ ގޭގައިވެސް ހޮސްޕިޓަލުތަކާއި ސްކޫލުތަކުގައި އުޅެވޭ ގޮތަށް އުޅެވޭނެ ކަމުގެ އުންމީދުގައެވެ. ގެއަށް ގޮސް އެމީހުންނަށް ފުރަތަމަ ޖެހުނީ ގޭތެރެއަށް ވެއްޓިފައިހުރި ފާރުބުރިތައް ނަގައި، ސާފު ކުރާށެވެ. އެއް ކޮޓަރި ސާފުކޮށްލައި އެ ކޮޓަރީގައި ގޮދަޑިއެއް ބޭއްވިއެވެ. އެމީހުން ނިދާ ތަނަކީ އެއީއެވެ.

ނަމަވެސް އެ ކޮޓަރީގައި އެއްވެސް ފާރެއް އަދި ދޮރެއްވެސް ނެތެވެ. އެހެންކަމުން ކޮޓަރި ތެރޭގައި ތިއްބަސް ފިނި ގަދައިރު ވަރަށް ފިނިވެއެވެ. ބަންދުކަމެއްވެސް ނެތެވެ. އެ ގޭގެ ބަދިގޭގައި ހިފައިގެންގުޅޭ ބައެއް ސާމާނު ހުއްޓެވެ. އެހެންކަމުން އެ ބަދިގޭގެ ބޭނުންވެސް ކޮންމެވެސް ވަރަކަށް ކުރެވޭ ކަމަށް އެމީހުން ކިޔައިދިނެވެ.

ޚާލިދު ކިޔައިދިން ގޮތުގައި އެ ގެއަކީ އޭނާގެ އެތައް އަހަރެއްގެ ބުރަ މަސައްކަތުން އިމާރާތްކުރި ގެއެކެވެ.

އެ އާއިލާއިން ދެކޭ ގޮތުގައި ހަލާކުވެ ސުންނާފަތިވެފައި ހުއްޓަސް، އެމީހުން ދިރިއުޅެން އެންމެ ހިތްހަމަ ޖެހޭ ތަނަކީ އެއީއެވެ. އެމީހުންނަށް އެއީ ގަނޑުވަރެކެވެ. އެހެންވެ އެހެން ތަނަކަށް ދާކަށް އެމީހުން ހިތެއް ނޭދެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 13،300 މީހުން ވަނީ މަރުވެފައެވެ. އަދި ގާޒާގެ މުޅި އާބާދީ ކަހަލަ ގޮތަކަށް ވަނީ މަގުމަތި ވެފައެވެ.