ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ އެމްޓިސީސީން އިއްޔެ ބުނީ މަނަދޫ ބަނދަރު މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ރޭމްޕް ހެދުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ، މިހާރު ހުރި ނެރު ބަންދު ކުރުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 14,844 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 15,822 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމަ މިއާއިއެކު މަނަދޫ ބަނދަރުގެ 175 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީން މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 300 ދުވަހުން ނިންމާ ގޮތަށެވެ.