ލިބިގެން ދިޔަ ނުތަނަވަސްކަމާއެކު ނާލާގެ މޫނުގެ ކުލަވަރު އޮއްސުނެވެ. ފުން ނޭވާތަކެއް ދޫކޮށްލެވުނީ އަވަސްވެފައިވި ހިތުގެ ތެޅުން ހަމައަކަށް އަޅުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް އިހުސާސްތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެނެވޭ ގޮތެއް ނުވިއެވެ. ހާސްވެގެން ގޮސް ނިތުން ފިނި ދަލެއް ވެސް ހިއްލާލައިފިއެވެ. އޭރު ވެސް ނާލާގެ ނަޒަރު ފޯނުގެ ސްކްރީނާ ވަކި ނުވެއެވެ. ފޯނަށް އައިސްފައިވި މެސެޖު ކިޔުނު އަދަދެއް ނޭނގެއެވެ. އެއިން ކޮންމެ ފަހަރަކު ހިތަށް ލިބިގެން ދަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އެމެސެޖުގައި ލިޔެފައި އޮތް އެއްޗެއްގެ މާނަ ނާލާއަށް ދޭހަކުރެވޭ ގޮތެއް ނުވިއެވެ. ރުހައިމްގެ ބޮލުގައި އަޅުވާފައި ހުރި އިލްޒާމުތަކުން ވަކިން ބޮޑަށް ހިތް ބިރުގަންނަ ގޮތް ވިއެވެ.
''ތީ ކާކުތަ؟، ސަމާސާއަކަށް ވިޔަސް ތިކަހަލަ މެސެޖު ކުރަން ނުވާނެ އިނގޭ...'' ޖަވާބެއް ނުލިބި ގިނަ އިރުވާން ފެށުމުން ނާލާއަށް ލިބުނު ހާސްކަން ރުޅިވެރިކަމަކަށް ބަދަލުވާން ފެށިއެވެ. އެއީ މީހަކު ކުރާ ނުބައި ސަމާސާއެއްހެން ހީވާތީއެވެ. ރުހައިމްގެ ބޮލުގައި އަޅުވާފައި ހުރި އިލްޒާމުތައް ދޮގު ކުރެވުނެވެ. އޭނައަށް ރުހައިމް ދަސްވެފައިވާތީއެވެ. އިތުބާރުކުރެވޭތީއެވެ.
''ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖައްސަން ތިކަހަލަ ކަންތައް ކުރުމަކީ ވަރަށް ވިޔާނުދާ ކަމެއް... ކޮން ބޭނުމެއްގަތަ މެސެޖު ތިކުރަނީ؟...'' މެސެޖު ލިޔަމުން ދިޔައިރުގައި ނާލާގެ އަތުގައި މަޑުތުރުތުރުލުމެއް ވިއެވެ. މެސެޖު ލިޔެލުމަށްފަހު މޭޒު މަތީގައި ފޯނު ބޭއްވުނީ އަތް ތުރުތުރުއަޅާވަރުންނެވެ. އިހުސާސްކުރެވެމުން ދިޔަ ބިރުވެރިކަމާ ދުރުވެވޭ ގޮތެއް ނުވިއެވެ. މެސެޖު ކުރާ މީހާ ރައްދު ނުދޭތީ ވެސް ނާލާގެ ހާސްކަން ވީ އިތުރެވެ. ރުހައިމްގެ ދިފާއުގައި ތެދުވާން ނާލާ މަސައްކަތްކުރިއެވެ. އެމެސެޖުތަކުގެ ފަހަތުގައި ވަނީ ކޮންމެވެސް ނުބައި ނިޔަތަކެއްކަން ޔަޤީންކުރެވޭތީއެވެ. އެމީހަކު މަސައްކަތް އެކުރަނީ ރުހައިމްއާ މެދު އޭނަ ދެކޭ ނަޒަރިއްޔާތު ބަދަލުކޮށްލާށެވެ. އެހިތުގައިވާ ލޯތްބަށް އުނިކަމެއް ގެންނާށެވެ. އޭނައާއި ރުހައިމްއާ ދެމެދު ނުތަނަވަސްކަން އުފައްދާށެވެ. އެމީހާގެ މަޤްސަދު ނާލާއަށް ސާފުވާން ފެށިއެވެ. އެއާއެކު ނާލާ ގާތަށް ރުޅި އަންނަން ފެށިއެވެ. ފުން ނޭވާތަކެއް ދޫކޮށްލެވުނީ ހިތުގެ ނުތަނަވަސްކަމާ ދުރުވެލުމަށެވެ. މަކަރުވެރިޔާ ފަތުރާލަމުން އެދާ މަޅިފައްޗާ މެދު ސަމާލުވެލިއެވެ.
''ފުރަތަމަ ވެސް އިނގޭ ޤަބޫލެއް ނުކުރެވޭނެކަން، ތިމާ ލޯބިވާ އަދި އެކުގައި އުޅޭ ބައިވެރިޔާގެ ނޭދެވޭ ސިފައެއް މީހަކު ބުނުމުން ޤަބޫލެއް ނުކުރެވޭނެ، ފުރަތަމަ ވެސް އެބުނި މީހަކާ މެދު ޝައްކު އުފެދޭނީ، އެއީ ނުބައި މީހެއް ކަމުގައި ހީކުރެވޭނީ، އެއީ ކުރެވޭ އިތުބާރެއްގެ ސަބަބުން އަންނަ ބަދަލެއް، އެކަމަކު ލޯމަރައިގެން އެއްވެސް މީހަކަށް އިތުބާރުކުރާކަށް ނުވާނެ، އެހެން ނޫންނަމަ ތިމާގެ ލޯކުރިމަތިން ހަޤީޤަތް ފެންނަ އިރުގައި ވެސް އެކަމެއް ނުފެންނާނެ... ނާލާއަށް ވެސް ތިވަނީ ހަމަ އެހެން... އަހަރެން މިވާހަކަތައް ހިއްސާކުރަން ބޭނުންވަނީ ނާލާގެ ދިރިއުޅުން އިތުރަށް ހަލާކުވާން ބޭނުންނުވާތީ، އަންހެނަކަށްވެހުރެ އެހެން އަންހެނަކާ މެދު ބޭއިންސާފުން ކަންތައް ވާތަން ބަލަން ނުހުރެވޭތީ... ނަލާ ތިހީކުރާކަލަ މީހެއް ނޫން ނާލާގެ ފިރިމީހާއަކީ، އޭނަ ނާލާއަށް ދައްކަނީ މުޅިން އެހެން ސިފައެއް، އެހެންވެ އޭނަގެ އަސްލު ސިފަ ނުފެނިގެން ތިއުޅެނީ، އެއީ ވަރަށް ނުބައި މީހެއް، ރަހުމުކުޑަ މީހެއް، ކުށެއް ނެތް އަންހެންކުއްޖެއްގެ ދިރިއުޅުން ނަގާލާފައި ހުރި މީހެއް...'' ދިހަ ވަރަކަށް މިނެޓް ފަހުން އަނެއްކާ ވެސް ނާލާގެ ފޯނަށް މެސެޖް އައެވެ. މެސެޖް ކިޔާލަމުން ނާލާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އަނެއްކާ ވެސް ހިތް ނުތަނަވަސްވާން ފެށިއެވެ. ރުހެއިމްއަށް އަމާޒުކޮށްފައި ހުރި ބަސްތަކުން ހިތް ވެސް ތެޅިލިއެވެ. އަންހެންކުއްޖެއްގެ ވާހަކަ ދެކެވުމުން އިތުރަށް ހާސްވާން ފެށިއެވެ. އެކަމުގެ މާނަ ނަގަންވީ ކިހިނެއްކަމެއް ނާލާއަކަށް ނޭނގުނެވެ. މީހާ ހާސްވާން ފެށީ ހިތަށް ވެރިވާން ފެށި ފާޑުފާޑުގެ ޚިޔާލުތަކުންނެވެ. އެއާއެކު ނާލާ ބިރުގަންނަން ފެށިއެވެ.
''ކޮން ހަޤީޤަތެއްގެ ވާހަކަތަ ތިދައްކަނީ؟، ތެދުތެދަށް އަހަރެން ގާތު ބުނަންވީނު... ކޮން އަންހެންކުއްޖެއްގެ ވާހަކަ ތިދައްކަނީ؟، ކޮން އިލްޒާމުތަކެއްތަ ރުހައިމްގެ ބޮލުގައި ތިއަޅުވަނީ؟...'' ނާލާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެވާހަކަތައް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދަމުން ދިޔަ އެވެ. އެއީ ދޮގަކަށް ވުމަށް އެދެވޭތީއެވެ.
''ފޯނުން ދެކެވޭ ކަހަލަ ވާހަކައެއް ނޫން މިއީ، އަސްލު ވަރަށް އުނދަގޫ މިވާހަކަ ބުނަން ވެސް، އެކަމަކު އިތުރު ގޮތެއް ނެތީމަ ބުނަން މިޖެހުނީ، ޔޫ ނީޑް ޓު ނޯ ދަ ޓްރުތް އެބައުޓް ހިމް!...''
ނާލާއަށް ނެވާ ހިފަހައްޓާލެވުނެވެ. އޭރު އެހިތުގެ ހަމަޖެހުން ގެއްލިގެން ހިނގައްޖެއެވެ. މަޑުމަޑުން އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތަކާ ދުރުވެލުމަށެވެ. ރުހައިމްއާ މެދު ތަފާތު ނަޒަރަކުން ދެކެން ބޭނުން ނުވާތީއެވެ. ރުހައިމްއަކީ އޭނަގެ މުޅި ދުނިޔެ އެވެ. ހިތުގެ ހަމަޖެހުމެވެ. އޭނަގެ ފުރަތަމަ ލޯތްބެވެ. ފުރާނައިގެ ބައިވެރިޔާއެވެ. އެހެންވުމުން ރުހައިމްގެ ބޮލުގައި އެޅުވެމުންދާ އިލްޒާމުތައް ދޮގު ކުރަން ނާލާގެ ނަފްސު ތެޅިފޮޅެމުން ދިޔަ އެވެ. އެލޯބީގެ ގުލްޝަނަށް އުނިކަމެއް އަންނަން ބޭނުން ނުވާތީއެވެ. ނަމަވެސް މެސެޖުތަކުގައިވި ވާހަކަތައް އޭނަގެ ސަމާލުކަން ހުއްޓޭ ގޮތް ވިއެވެ. އެވާހަކަތައް ދޮގުކުރަން ބޭނުންވާތީއެވެ. އެއީ ހަޤީޤަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫންކަން ހިތަށް ވިސްނައިދޭން ނާލާ މަސައްކަތްކުރިއެވެ. ހިތުގެ ހަމަޖެހުން ގެއްލިގެން ދިއުމުގެ ފުރުސަތު ދެވެން ނެތީތީއެވެ.
''ހީކުރީތަ އަހަރެން ތިވާހަކަތައް ޤަބޫލުކޮށްފާނެ ކަމަށް؟...'' ނާލާ ލިޔުނެވެ. އެމެސެޖު ފޮނުވާލީ އިރުގައި ވެސް ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ޖަވާބު އައިސްދާނެ ގޮތެއް ނޭނގޭތީއެވެ.
''އަހަރެންގެ އަތުގައި ހެކި އެބަހުރި، އޭރުން ނާލާއަށް ޤަބޫލުކުރެވޭނެ!، އަހަންނާ ބައްދަލުކުރަން ނާލާއަށް ކެރޭނެތަ؟... ނާލާގެ ފިރިމީހާގެ އަސްލު ސޫރަ ދުށުމުގެ ޤާބިލުކަން އެބަހުރިތަ، ފިނޑިއަކަށް ވެއްޖެނަމަ ނާލާގެ ދިރިއުޅުން އިތުރަށް ހަލާކުވެގެން ދާނީ، އޭރުން އެކަމުން ދުވަހަކު ސަލާމަތެއް ނުވާނެ، އެދުވަހަކުން އަމިއްލަ ނަފުސު ވެސް ކުށްވެރިކުރެވޭނެ...''
ނާލާއަށް ފޯނުގެ ސްކްރީނަށް ބަލަން އިނދެވުނެވެ. ވިސްނުމަކަށް ގެއްލިފައެވެ. ލަސްނޭވާތަކެއް ދޫކޮށްލަމުން ނާލާ މެސެޖެއް ލިޔަން ފެށިއެވެ. އެހުރިހާ ކަމަކަށް ނިމުން ގެންނަން ބޭނުންވެފައި ހުރެއެވެ. އެމީހަކާ ބައްދަލުކޮށް ރުހައިމްގެ ބޮލުގައި އެޅުވިފައިވި އިލްޒާމުތައް ދޮގު ކުރުމަށެވެ. އެދައްކާ ދޮގު ވާހަކަތަކަށް ނުހެއްލޭނެކަން ސާބިތުކޮށްދިނުމަށެވެ.
''އެންމެ ރަނގަޅު، އަހަރެން ބައްދަލުކުރަން ގޮސްފާނަން...'' ނާލާ މެސެޖު ފޮނުވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ބައްދަލުކުރަންވީ ގަޑިއާއި ތަނުގެ ނަން ލިބުނެވެ. ނާލާއަށް އެމެސެޖުތަކަށް ބަލަން އިނދެވުނެވެ. ހިތް ނުތަނަވަސްވެފައެވެ. އޭރު ނާލާގެ މޫނުގެ ކުލަވަރު ވަނީ މުޅިންހެން ބަދަލުވެފައެވެ. ސިކުނޑިއަށް ވެސް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. މީހާގެ ޝައުޤުވެރިކަން ކޮންމެ ފަހަރަކު ގޮސް ހުއްޓެނީ މެސެޖުތަކަށެވެ. އޭގައި ލިޔެފައިވި އެއްޗަކާ މެދު ފުންކޮށް ވިސްނާލެވުނެވެ. ރުހައިމްއާ މެދު ވެސް ނާލާއަށް ވިސްނާލެވުނެވެ. ހިތް ހާސްވާން ފެށީ ގޮތް ނޭނގޭ ކަންތައް ގަނޑެއް ހިނގާހެން އޭނައަށް ހީވާން ފެށުމުންނެވެ. ވަކިން ބޮޑު ހާސްކަމެއް ލިބުނީ މިހާރަކަށް އައިސް ރުހައިމްއަށް އައިސްފައިވާ ބަދަލުތަކާ މެދު ފިކުރު ހިންގާލެވުމުންނެވެ. ނާލާގެ ހަމަޖެހުން ގެއްލިގެން ދިޔައީ ދެނެވެ. އެވާހަތަކުގެ މާނަ ދެނެގަންނަން ސިކުނޑިއަށް ވެސް ބާރުލާން ފެށިއެވެ. އެންމެފަހުން އޭނަގެ ބޮލަށް ވެސް ތަދުވާން ފެށިއެވެ.
*****
ޑިއުޓީ ނިމެންދެން ނާލާއަށް ބެލެމުން ދިޔައީ ގަޑި އަށެވެ. ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ހިތް ނުތަނަވަސްވަމުން ދިޔަ އެވެ. ހަތަރެސްފައި ފިނިވެ ނޭވަތައް ވެސް ކުރުވާން ފެށިއެވެ. އެއްތަނެއްގައި މަޑުން ހުރެވޭ ކަމަކަށް ވެސް ނުވެއެވެ. ނާލާއަށް އިހުސާސްކުރެވެމުން ދިޔައީ ބިރުވެރިކަމެވެ. އޭނަގެ ހަވަނަ ހިއްސަށް ތުފާނެއް އަންނަން އުޅޭކަމުގެ އިހުސާސްކުރެވެމުން ދިޔަ އެވެ. ބިރުގަންނަނީ އެތޫފާނުގެ ބާރު ހުރި މިންވަރެއް ނޭނގޭތީއެވެ. ތޫފާން އަލިވެގެން ދާއިރު އޭނަގެ ދިރިއުޅުން ގޮސްދާނެ ރާސްތާއެއް ވެސް ލަފާކޮށްލެވެން ނެތީތީއެވެ. ރުހައިމްއާ މެދު ވިސްނައިލެވޭ ކޮންމެ ފަހަރަކު ނާލާގެ ހާސްކަން އިތުރު ވެއެވެ. ރުހައިމްއަށް އައިސްފައިވި ބަދަލުތަކުން ވެސް އިތުރު ބިރުވެރިކަމެއް ނޫނީ ނުލިބުނެވެ. އެކަމުން ހަނާ އަޅަމުން ދިޔަ ހަޤީޤަތުން ނާލާގެ އުދާސްކަން އިތުވާން ފެށިއެވެ. އޭރުވެސް އެހުރިހާ ވާހަކައެއް ދޮގު ކުރަން އޭނަގެ ހިތް މަސައްކަތްކުރަމުން ދިޔައެވެ. ސިކުނޑިއާއި ހިތާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދުމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. އެކަމުން މީހާ އިތުރަށް ހާސްކުރުވިއެވެ.
ނާލާއަށް އައިސްފައިވި ބަދަލުތައް ފާހަގަ ކުރެވި ވިވިއަންގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. ކޮންމެވެސް ކަމެއް ނާލާއަށް ދިމާވެއްޖެކަން އޭނައަށް ޔަޤީންކުރެވުނެވެ. ބްރޭކުން އައީއްސުރެން ޚިޔާލަކަށް ގެއްލިފައި ހުންނަތަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. މޫނުމަތިން ވެސް ފެންނަނީ ނުތަނަވަސްކަމެވެ.
ނާލާއަށް ވެގެން އުޅޭ ގޮތެއް ސާފުކޮށްލަން ވިވިއަން ބޭނުންވީ ހެޔޮއެދޭތީއެއް ނޫނެވެ. ނާލާއަށް އިތުރު އުނދަގުލެއް ޖައްސާލާށެވެ. ނަމަވެސް ސުވާލެއްކޮށްލަން ނުކެރުނީ ތަންކޮޅެއް ކުރިން އެދެމެދުގައި ބަދަލުކުރެވުނު ހޫނު ބަހުގެ ހަމަލާތަކުންނެވެ. އެކަމާ މެދު ވިސްނާލުމުން ވެސް ވިވިއަން ރުޅިގަދަވިއެވެ.
''މަށަށް ކީއްތަ އޭނައަށް ކޮންމެ ކަމެއް ވިޔަސް... ހުއް'' ތުން އަނބުރާލަމުން ވިވިއަން ބުނެލިއެވެ. ނާލާއާއެކު ހުންނަން ބޭނުން ނުވެގެން އޭނަ ހިނގައިގަތީ ދުރަށެވެ.
ވިވިއަން ނިކުމެގެން ދިޔަ މަންޒަރު ބަލައިލަމުން ނާލާ އޭނަގެ ފޯނު ނެގިއެވެ. އިތުރު މެސެޖެއް ލިބިފައިވޭތޯ ބަލައިލިއެވެ. ބައްދަލުކުރަންވީ ތަނުގެ މަޢުލޫމާތު ހިމަނާފައިވި މެސެޖަށް ފަހު އިތުރު މެސެޖެއް ލިބިފައި ނެތެވެ.
ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ނާލާ ގުޅާއިލީ ރުހައިމް އަށެވެ. އޭނަ ބަލާ ރުހައިމް އައުމުގެ ކުރިން ބަހަނާއެއް ދައްކާށެވެ. މެސެޖުތަކުގެ ވެރިޔާއާއި ބައްދަލުކުރަން ދެވޭނީ އޭރުންނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ރުހައިމްއާ އެވާހަކަތައް ހިއްސާކުރަން ނާލާ ޖެހިލުންވިއެވެ. އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު ހިތް ބިރުގަންނާތީއެވެ.
''ބިޒީކޮށް އުޅޭތީ މިއަދު ނިމޭނީ ވަރަށް ލަހުން ހެން ހީވަނީ، ނިމުނީމަ އަހަރެން ރުހައިމްއަށް ގުޅާނަން އިނގޭ...'' ރުހައިމްއަށް ގުޅާލަމުން ނާލާ ބުނެލިއެވެ. ރުހައިމްގެ އަޑު ޖެހުމުން ވެސް ނާލާގެ ހިތަށް މިފަހަރު ވެގެން ދިޔައީ ތަފާތު ގޮތެކެވެ. ކުރިން ލިބޭ ރާހަތެއް ނުލިބުނެވެ. ހިތް ބިރުގަންނަ ގޮތް ވިއެވެ.
''އެހެންތަ؟...'' ރުހައިމް އިތުރު ސުވާލެއް ނުކުރުމުން އެކަމާ މެދު ވެސް ނާލާ ވިސްނާލިއެވެ. އެހެން ފަހަރުތަކުގައި ލަސްވާނެ ކަމަށް ބުނުމުން ކަންތައް ވެގެން އުޅޭ ގޮތް ރުހައިމް އޮޅުން ފިލުވާނެއެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް އެއްޗެއް ކެއުމަށް ހަނދާންކޮށްދޭނެއެވެ. ނަމަވެސް މިފަހަރު އެފަދަ ކަމެއް ނުފެނުމުން ނާލާގެ ހިތަށް ލިބުނީ ތަކުލީފެކެވެ. ކުދިކުދި ކަންތައް ވަކިން ބޮޑަށް ނާލާއަށް ފާހަގަވާން ފެށިއެވެ. ރުހައިމްގެ ތަބީއަތު މުޅިންހެން ބަދަލުވެއްޖެކަން ވެސް މެއެވެ. ކުރިން ހިތް ހަމަޖްސާލީ ރުހައިމްގެ ބަހަށް އިތުބާރު ކުރަމުންނެވެ. ނަމަވެސް މިއަދު ލިބުނު ބިރުވެރި ޚަބަރަކުން އޭނަގެ މުޅި ވުޖޫދަށް ވެސް ސިހުން ގެނުވައިފިއެވެ.
ސްޓޭޝަނުގައި ފޯނު ބާއްވާފައި އާދެވުމުން، ފޯނު ބަލާ އައި ވިވިއަންއަށް ހުއްޓެވުނީ ނާލާ ދެއްކި ވާހަކަތައް އަޑުއިވުމުންނެވެ. ނާލާއަށް ހިލަމެއް ވުމުގެ ކުރިން، ނަރުހުންގެ ޖަގަހައާ އެންމެ ކައިރީގައި ހުރި ވޯޑުގެ ދޮރުހުޅުވާލާފައި އަވަސްއަވަހަށް އެތެރެއަށް ވަދެގެންފިއެވެ. ބަލިމީހުންނަށް ހިނިތުންވުމުގެ ބަދަލުގައި ވިވިއަން ދިނީ ފުރަގަހެވެ. އެއަށްފަހު އޭނަ ވިސްނާލީ ނާލާ ހެދި ދޮގާ މެދުގައެވެ. އޭނަގެ ޝައުޤުވެރިކަން ހުއްޓިއްޖެއެވެ. ނާލާގެ ނުތަނަވަސްކަމާއި ގުޅިފައިވަނީ ރުހައިމްއާ ބާވައޭ ވެސް ހިތާއި ސުވާލުކޮށްލެވުނެވެ. އެދެމެދުގައި މައްސަލައެއް ޖެހުނީ ބާވައޭ ވެސް ހިތަށް އެރިއެވެ.
ކަންފަތާއި ފޯނު ވަކިކޮށްލަމުން ނާލާއަށް ފުންނޭވާތަކެއް ދޫކޮށްލެވުނެވެ. ހިތުގެ އުދާސްކަން ވެސް އެނޭވޭތަކުގައި އެކުލެވިގެން ވިއެވެ. ނާލާއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ. ހިތުގައި ރިހުމެއް އުފެދެމުންދާކަން އިހުސާސްކުރެވުނެވެ. އޭރު އެހިތް ބެހެމުން ދިޔައީ ބިރުވެރިކަމުގެ ފުންކަނޑެއްގައެވެ. ގޮތް ނޭނގޭ ބާނީތަކުގެ ތެރޭގައި ފަތަފަތާ އޭނަ ބަލިކަށިވާން ފަށައިފިއެވެ. ވަށައިގެން މުޅިންހެން ވަނީ ހާސްކަމެވެ. ސަލާމަތުގެ އައްސޭރިއެއް ދުރަށް ދާން ދެން ވެސް ފެންނާކަށް ނެތެވެ. ކަންބޮޑުވާން ފެށީ އޭނަ ގެންދާނެ މަންޒިލެއް ލަފާކޮށްލަން ވެސް ދަތިވާތީއެވެ. އެކަނޑުގެ ބާނީތަކުގެ ތެރޭގައި އޭނަ އަރަގު ވާނީކަމެއް ނޫނީ ސަލާމަތުގެ އައްސޭރިޔަކަށް ދެވުމުގެ ނަސީބު ލިބޭނެކަމެއް ވެސް ނޭނގެއެވެ.
''ރުހައިމް...'' ނާލާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ރުހައިމްއާ މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު އޭނަގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވެއެވެ.
*****
ޑިއުޓީ ނިމިގެން ޗޭންޖިން ރޫމަށް ދިޔަ ނާލާގެ ފަހަތުން ވިވިއަން ވެސް ދިޔަ އެވެ. ރުހައިމްގެ ގާތުގައި ދޮގު ހެދުމަށްފަހު ނާލާ އެދާ ތަނަކާމެދު އޭނަގެ ހިތުގައި ޝައުޤުވެރިކަން އުފެދިފައި ވިއެވެ. ކަމުގެ އެންމެ ފުނަށް ފީނަށް އޭނަ ހުރީ ބޭނުން ވެފައެވެ. ނާލާއަށް ހެޔޮ އެދިގެނެއް ނޫނެވެ. ހޮސްޕިޓަލުގެ ތެރޭގައި ނާލާގެ ބަދުނާމުކޮށް ފަތުރާލާނެ ވާހަކައެއް ހޯދުމުގެ ނިޔަތުގައެވެ.
''އަނެއްކާ ވަގު ބިޓެއް ނަގައިގެން އުޅެނީތަ؟... ރުހައިމްއަށް ޝައްކުވެގެންތަ އެހާ ވަރަކަށް ހާސްވެގެން އެއުޅެނީ؟، އޭނަ ދުވަހަކު ރުހައިމްގެ ގާތު ދޮގެއް ހަދާނެ ހެނެއް ހިޔެއް ނުވޭ، އެކަމަކު ދޮގު އެހެދީ ގައިމު ކޮންމެވެސް ކަމެއް ވެގެންތާ...'' ވިވިއަންއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ.
*****
ސިއްސުސިއްރުން ނާލާގެ ބޯކޮޅު ބަލަމުން ހޮސްޕިޓަލުން ނިކުންނަން ވިވިއަން އުޅެނިކޮށް އެކަމަށް ހުރަސް އެޅުނީ އަވަސްކުރަން ހަދައިގެން މީހެއްގެ ގައިގައި އަޅައިގަތުމުންނެވެ. ބާރަށް ހިނގާފައި އައި އެމީހާގެ ކޮނޑުން ޖެހިފައި ނުވެއްޓުނީ ވެސް ކިރިޔާއެވެ. އަރައިގެން ހުރި އުސްކަށީގެ ފައިވާނާއެކުގައި ފިޔަވަޅުތައް ބިމުގައި ސާބިތުކޮށްލަމުން، ވިވިއަންއަށް އޭނަގެ ބަނޑުގައި ހިފަހައްޓާލެވުނެވެ. އަވަސްވެގެން ދިޔަ ހިތުގެ ވިންދުތައް ހަމައަކަށް އަޅުވާލުމަށްފަހު ކުރިމަތީ ހުރީ މީހާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. އެމީހާ މަޢާފަށް އެދުމުން ވެސް ހަޅޭއްލަވައިގަތެވެ. ހިތުހުރިހާ އެއްޗެއް ކިޔާލަމުން ވިވިއަންއަށް ނިކުމެވުނު އިރު ނާލާ ފެންނާކަށް ވެސް ނެތެވެ. ވަށައިގެން ހޯދާލި ވިވިއަންގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. ތުން ވެސް ފިއްތާލެވުނެވެ. އެހެން ދުވަހަކުން ވިޔަސް ނާލައަށް ފާރަލައިގެން ވަގު ފަޅާއަރުވާލަން އޭނަ ގަސްދުކުރިއެވެ. ހެއްކާއެކު ރުހައިމްގެ ގާތަށް ދާން ވެސް އޭނަ ގަސްދުކުރިއެވެ.
*****
ރެސްޓޯރެންޓަށް ވަދެގެން އައި ނާލާއަށް ވަށައިގެންވި މާހައުލު ހޯދާލެވުނެވެ. ހަވީރު ގަޑިއަކަށް ވުމުން ރެސްޓޯރެންޓް އޮތީ މީހުންތަކުން ފުރާލާފައެވެ. ވާހަކަދައްކާ އަޑުފަށްގަނޑު މާހައުލުގައި ގުގުމާލާފައި އޮތެވެ. އެކަމުން ވެސް ނާލާއަށް އުނދަގޫ ވިއެވެ. ސިކުނޑީގެ ހަލަބޮލިކަން އިތުރުވެ ބޮލުގެ ރިހުން ގަދަވާހެން ހީވިއެވެ.
އަތްދަބަހުގައި އޮތް ފޯނު ނަގައި ނާލާ ގުޅާލިއެވެ. ތިން ވަނަ ރިންގާއެކު ފޯނު ނަގައިފިއެވެ. އެއަށްފަހު މީހުންގެ ތެރެއިން ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އިން އަންހެންކުއްޖަކު އަތް ހޫރާލިތަން ނާލާގެ ލޮލުގައި އަޅައިގަތެވެ. ފޯނު ތިރިކޮށްލަމުން ނާލާ ކުރިއަށް ހިނގައިގަތެވެ. ފިޔަވަޅުތައް މަޑުޖެހިލީ އަންހެންކުއްޖާގެ މޫނު ފެނުމުންނެވެ. ރުހައިމްގެ އޮފީސް މީހުންނާއި ބައްދަލުކުރި ދުވަހު ފެނުނު މޫނެކެވެ. ހަމައެއާއެކު ހޮސްޕިޓަލުތެރޭން ވެސް ފެނިފައިވާހެން ނާލާއަށް ހީވިއެވެ. ސިކުނޑިއަށް ބާރުލުމުން މަންޒަރުތައް ސާފުވާން ފެށިއެވެ. ހޮސްޕިޓަލުން ޔަޝްފީއާ ބައްދަލުވި ދުވަހު ޔަޝްފީއާއެކު ހުރި އަންހެންކުއްޖާއެވެ.
ނާލާ ހުރީ ބަލަންށެވެ. އެއީ ކާކުކަން ސާފުވުމުން ވަކިން ބޮޑަށް ހިތް ނުތަނަވަސްވާން ފެށިއެވެ. ހިތްވަރުކޮށްލަމުން އޭނަ ކުރިއަށް ފިޔަވަޅުތަކެއް އަޅާލިއެވެ. އަދި މޭޒު ކައިރިއަށް ހުއްޓިލިއެވެ.
''ފިޒާޔާ...'' ފިޒާޔާއާ ނާލާގެ ނަޒަރު ބައްދަލުވުމުން އޭނަ ތައާރަފް ވެލިއެވެ. އެއާއެކު ކުރިމަތީ ހުރި ގޮނޑީގައި އިށީނުމަށް ފިޒާޔާ އިޝާރާތް ކޮށްލިއެވެ. ފިޒާޔާގެ މޫނާއި ނަޒަރު ވަކިކޮށްލުމެއް ނެތި ނާލާ ގޮނޑީގައި އިށީނެވެ.
''ނާލާ...'' ފިޒާޔާ ގޮވާލިއެވެ. ވާހަކަ ފަށަން އުނދަގޫވެފައިވާކަމުގެ އިޝާރާތްތަކެއް ފިޒާޔާ ދިނެވެ. އޭނަ ކަންތައް ކުރަމުން ދިޔައީ ޔަޝްފީ ދީފައިވި އިރުޝާދުތަކުގެ ދަށުންނެވެ.
''އަހަރެންގެ އެކުވެރިޔާއާއި މެދު ކަންތައްކުރެވުނު ގޮތުގެ ސަބަބުން ނާލާއާ ބައްދަލުކުރަން ބޭނުންވީ، ޔޫ ނީޑް ޓު ނޯ ދި ޓްރުތް...'' ދެއަތްޖޯޑުކޮށްލަމުން ފިޒާޔާ ވާހަކަ ފެށިއެވެ.
''އެކުވެރިޔާ؟...'' ނާލާއަށް ސުވާލުކޮށްލެވުނެވެ. އޭރު އެހިތުގެ ތެޅުން އިންތިހާއަށް އަވަސްވެއްޖެއެވެ.
''އާނ، ރުހައިމްގެ ފަރާތުން އަނިޔާ ލިބިފައިވަނީ އަހަރެންގެ އެކުވެރިޔާއަށް، މިއަދު އެއެކުވެރިޔާ ހުރީ ވަރަށް ނާޒުކު ހާލަތެއްގަ، އޭނަ ބޭނުމެއް ނުވޭ ނާލާއަށް މިވާހަކަތައް އެނގޭކަށް، ނާލާއަށް ހިތާމައެއް ލިބެން ބޭނުން ނުވާނެތީ، ވެދިޔަ ކަންތަކަށް ފަހުގައި ވެސް ހުރިހާ ކަމެއް އޭނަ ސިއްރުކުރީ އެހެންވެ، ނާލާގެ ހިތްހެޔޮކަން ފެނިފައިވީތީ ދެރަކޮށްލަން ބޭނުން ނުވާތީ... އެކަމަކު މިއަދު އޭނަ އެހުރީ ނިކަމެތިކަމެއްގެ ތެރޭގައި، އެހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ރުހައިމް... އަހަރެންގެ ބޮޑު މީހާއަށް ރުހައިމް ވިޔަސް ރުހައިމްގެ ވިޔާނުދާކަން އެނގުމުން ކުރި ހުރިހާ އިތުބާރެއް ގެއްލިއްޖެ، އަހަންނަށް މިކަންތައް ވެސް ފަޅާއެރީ މިއަދު... އޭނަ އެއްގޮތަށް ވެސް ބޭނުމެއް ނުވޭ ނާލާއަށް ހަޤީޤަތް އެނގެން، އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން، އެކަމުން ނާލާއަށް ވެސް ލިބޭނީ ނިކަމެތިކަން، އެހެންވެ އަހަންނަށް މިހެން ކަންތައްކުރަން މަޖުބޫރުވީ...'' ފިޒާޔާ ބުންޏެވެ. ނާލައަށް އަންނަމުންދާ ބަދަލުތަކަށް ސަމާލުވެލަމުންނެވެ.
ފިޒާޔާގެ ޖުމްލައިން ނާލާއަށް ލިބުނީ ޝޮކެކެވެ. ނޭވާލާން ވެސް ހަނދާން ނެތުނު ކަހަލައެވެ. މޫނުގެ ކުލަ އޮއްސި ހުދުވާން ފެށިއެވެ. ކަންފަތަށް ދެން އިވެންފެށީ އިންޒާރުގެ ރަނގަބީލުތަކެވެ. އަތުގައި ވެސް މަޑު ތުރުތތުރުލުމެއް އުފެދެން ފެށުމުން ނާލާއަށް އަތްތިލަ ޖޯޑުކޮށްލެވުނެވެ. ހާސްކަމުގެ ސަބަބުން އެވާހަކަތައް ރަނގަޅަށް ސިކުނޑިއަށް ނަގައިގަނެވޭ ގޮތެއް ވެސް ނުވިއެވެ.
''ކާކު... ކާކުގެ ވާހަކައެއްތަ... ތިދައްކަނީ؟......'' ނާލާގެ އަޑު ދިޔައީ ކެނޑިގެންނެވެ. ހާސްވެގެން ގޮސް އޭނައަށް ރަނގަޅަށް ވާހަކަދެކެވޭ ގޮތެއް ވެސް ނުވިއެވެ. ފިޒާޔާ ޖަވާބު ދިނުމުގެ ކުރިން ވެސް ނަމެއް އެހިތަށް ވެރިވިއެވެ. ހިންދިރުވާލުން ވެސް ދަތިކަމަށް ވެގެން ދިޔައީ ދެނެވެ. ގަބުވެފައި ނާލާއަށް އިނދެވުނެވެ.
''ޔަޝްފީ...'' ހިމޭންކަމުގެ ސުކޫތަކަށްފަހު ފިޒާޔާ ބުންޏެވެ.
ނާލާއަށް ހީވީ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލެވުނުހެންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. މޫނު މުޅިންހެން ހުދުވެއްޖެއެވެ. ލިބުނު ޝޮކު ފިލައިގެންދާ ގޮތެއް ވެސް ނުވިއެވެ.
''ޔަ..ޔަ..ޔަޝްފީ؟...'' ނާލާގެ އަޑު ތުރުތުރުލާން ފެށިއެވެ. އޭނައަށް ވާހަކަދެކެވޭގޮތެއް ވެސް ނުވިއެވެ.
''އަހަންނަށް އިނގޭ ޤަބޫލުކުރަން ދަތިވާނެކަން އެކަމަކު ރުހައިމްގެ ސަބަބުން މިއަދު ޔަޝްފީގެ ދިރިއުޅުން ވަނީ ބަރުބާދުވެފައި، ކުށެއްނެތް އަންހެންކުއްޖެއްގެ ދިރިއުޅުން ރުހައިމް ވަނީ ނަގާލާފައި...'' ފިޒާޔާގެ އަޑުން ރުހައިމްއާ މެދު އޮތް ރުޅިވެރިކަން ނާލާއަށް އިހުސާސްކުރެވުނެވެ. ހިތް ބިރުގަންނަން ފެށިއެވެ. މަންޒަރުތައް ސާފުވާން ފެށުމުން ވަކިން ބޮޑަށް ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. މޭގެ ތެރޭގައި ހަލަބޮލިކަން އުފައްދާލަމުންނެވެ.
''ރު..ރުހައިމްގެ ބޮލުގައި ދޮގު އިލްޒާމުތައް ނާޅުވާ...'' ހިތް ނުތަނަވަސްވެފައިވި ހާލުގައި ވެސް ރުހައިމް ދިފާއުކުރަން ނާލާ ބޭނުން ވިއެވެ. އެހިތުގައި ރުހައިމްއާ މެދު އޮތް އިތުބާރު ދަމަހައްޓަން ބޭނުން ވީތީއެވެ. އެލޯތްބަށް ޝައްކުކުރަން ބޭނުންނުވާތީއެވެ.
''އޭނަ އެއީ ނާލާ ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން، އޭނައަކީ ޑެވިލްއެއް، ލަންޑަނަށް ދިޔަ ބިޒްނަސްޓްރިޕްގެ ފައިދާ އޭނަ ނެގީ... ނާލާއަށް ރުހައިމްގެ ފަރާތުން ކަމެއް ފާހަގަ ނުވޭތަ؟... ކަމެއް ސިއްރުކުރަން އުޅޭހެން ހީނުވޭތަ؟... އޭނަ ވަނީ ހަޤީޤަތް ސިއްރުކުރަން ޔަޝްފީގެ މައްޗަށް ނުފޫޒު ފޯރުވާފައި، އަހަންނަށް ވެސް ޔަޝްފީ ހަޤީޤަތް ކިޔައިދިނީ އުނދަގުލުން... ވަރަށް ރަހުމުކުޑަ މީހެއް ރުހައިމްއަކީ......'' ފިޒާޔާ މަސައްކަތްކުރީ ނާލާގެ ހިތުގައި ޝައްކު އުފައްދާށެވެ.
''ނޫން...'' ފިޒާޔާގެ ވާހަކަތަކާ މެދު ވިސްނާލެވުމުން ނާލާގެ ހިތް މޭގެތެރޭގައި ނެގިނެގިފައި ޖެހެން ފެށިއެވެ. މަންޒަރުތައް ގުޅެން ފެށުމުން ދެފަރާތަށް ބޯހޫރާލެވުނެވެ. އޭރު ނާލާގެ ލޯކުރިމަތިން މަންޒަރުތައް ނިއުޅެން ފަށައިފިއެވެ. ރުހައިމްއަށް ހުރިހާ ބަދަލެއް އަންނަން ފެށީ ލަންޑަނުން އައި ފަހުންނެވެ. މިޒާޖުވެސް ބަދަލުވެގެން ދިޔައީ ދެނެވެ.
''މިއީ ހަޤީޤަތް... ވެން ދެއި ވާ އިން ލަންޑަން ހީ ރޭޕްޑް ހާރ، ފުރުން ވެސް ފަސްކޮށްލަން ޖެހުނީ ޔަޝްފީއަށް ލިބުނު އަނިޔާތަކުން، އަހަންނަށް ޔަޤީން އެކަން ފޮރުވަން ވެސް ރުހައިމް އެތައް ދޮގެއް ނާލާ ގާތު ހެދިކަން، މިހާރު ވެސް އެދަނީ ދޮގު ހަދަމުން...'' ފީޒާޔާގެ ޖުމްލަ އައިސް ނާލާގެ ހިތަށް ހެރިގެން ދިޔައީ ދުނި ތީރެއްގެ ސިފައިގައެވެ. މުޅި ޖިސްމުގައި ބަޔާންކުރަން ދަތި ވޭނެއް އުފައްދާލަމުންނެވެ. މަޑުމަޑުން ނާލާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. މޭގެ ތެރޭގައި ހިތް ފިތެމުން ދިޔަ ކަހަލަ އިހުސާސެއް ނާލާއަށް ކުރެވުނެވެ. އަރުތެރެ ބެދި އުދާސްކަން ވެރިވާން ފެށިއެވެ. ބަރުދާސްކުރެވެމުން ދިޔަ ވޭނުން ކަރުނައިގެ ދިލަކަން ލޮލުން ފާޅު ވިއެވެ.
''ނޫން...'' ނާލާގެ ދުލުން ވޭނީ އާހެއް ބޭރުވެގެން ދިޔަ އެވެ. އޭނައަށް މޭގައި ފިރުމާލެވުނީ އިހުސާސްކުރެވެމުން ދިޔަ ތަދުގެ ސަބަބުންނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ