މާލޭގެ ރައްޔިތުންނަށް ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ހަދާފައިވާ ބިމުގެ ޕްލޭން ރަނގަޅު ނޫން ކަމަށާއި ނަމަވެސް ގޯތި ލިބުނު ކަމަށް ލިޔުން ލިބިފައިވާ ރަށުން ގޯތި ލިބޭނެ ކަމަށް އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ނުހިއްކާ ހުރި ބިންތަކުން ގޯތި ދޫކޮށްފައިވާތީއާއި، ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭން އެންމެ ރަނގަޅު ޕްލޭނަކަށް ކަމަށް ނުވާތީ، މިހާރު ކަނޑައަޅާފައިވާ ބިންތަކުން ގޯތި ދޫނުކުރެވިދާނެ ކަމަށާއި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ލޮކޭޝަން ބަދަލުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކޮށްދިނުން. ލޮކޭޝަން ބަދަލުކުރަން ޖެހެނީ އެ ބިމަކީ އެހެން ކަމެއް ކުރަން ޕްލޭންކޮށްފައި އޮތް ތަނަކަށް ވިއްޔާ. އެހެން ނޫންނަމަ އެތަނެއްގައި އެ ގޯތި އޮންނާނެ. އެ ލިބުނު ތަނަކުން އަޅުގަނޑުމެން އެހެން ތަނެއް ދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ މާލެ ސަރަހައްދުން 66،000 ހައުސިން ޔުނިޓު ދޫކުރުމެވެ. ނަމަވެސް މިނިސްޓަރު ހައިދަރު ވަނީ އިތުރު ބިން ލިބިފައިވާތީ އެ އަދަދު 75،000 އަށް އަރާނެ ކަމަށް ވިދާޅުވެފައެވެ.

މާލޭ މީހުންނަށް ގޯތި ދޭން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯތި ދިނުމަށް ނިންމާފައިވެއެވެ. އެއީ ޖުމުލަ 9،003 ގޯއްޗެވެ.