ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތަރައްގީކުރަން ނިންމާފައިވާ ފުށިދިއްގަރުފަޅަކީ ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލު ކަމަށާއި އެ ރަށުން މާލެއާއި ހުޅުމާލެއިން ނުލިބޭ ހިދުމަތްތައްވެސް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އަދި އެ ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ 66،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އުފެއްދުން ކަމަށާއި ނަމަވެސް މިހާރު އިތުރު ބިން ލިބިފައިވާތީ އެ އަދަދު 75،000 އަށް އަރާނެ ކަމަށެވެ. އެއީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ލިބޭ ބިމާވެސް އެކުގައެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ، ފުށިދިއްގަރުފަޅަށް ބުރިޖަކުން ގުޅައިނުލެވުނު ނަމަވެސް އެ ފަޅަކީ ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ސަރަހައްދަކަށްވާތީ އެތަން ތަރައްގީކުރާނީ މާލެއާއި ހުޅުމާލެއިން ނުލިބޭ އެތައް ހިދުމަތަކާއެކުގައި ކަމަށެވެ.
"އެތަނަކީ ބުރިޖު އެޅޭ ވަރަށް ވުރެ ފުން ސަރަހައްދެއް. އެހެން ނަމަވެސް ފުށި ދިއްގަރުފަޅުގެ ބޮޑު މިނަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ބޮޑުމިނުގެ ތިން ގުނަވާ ސަރަހައްދެކޭ. އެތާނގައި ގޯތި ގެދޮރާއި އެހެނިހެން ހުރިހާ ހިދުމަތްތަކެއް، މާލެއިން ނުލިބޭނެ ހިދުމަތްތައްވެސް ލިބެން ހުންނާނެ،" ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ، ފުށިދިއްގަރުފަޅު ތަރައްގީކޮށް ނިމުމުން އެތަނުގައި ގޯތި ގެދޮރުގެ އިތުރުން އިގުތިސޯދީ މަސައްކަތްތައް ކުރާނެ ސަރަހައްދުތަކާއި ޔުނިވާސިޓީތައް ހިންގާނެ ސަރަހައްދުތަކާއި މަތީ ފަންތީގެ ހޮސްޕިޓަލުތައް ހިންގާނެ ސަރަހައްދުތަކާއި ޓްރާންސްފޯޓު ޕްލޭންއަކާއި ކުނި މެނޭޖުކުރާނެ ސަރަހައްދުތަކާއި ކުރިއޭޓިވް އާޓްސްއަށް ހާއްސަ ސަރަހައްދުތަކާއި އެކިއެކި ކުޅިވަރު އެރީނާތަކާއި ވަޒީފާ އަދާކުރުމަށް ހާއްސަ ސަރަހައްދުތަކާއި މުނިފޫހިފިލުމަށް ހާއްސަ ސަރަހައްދުތައްވެސް ހިމެނޭނެ ކަމަށެވެ.
ފުށިދިއްގަރުފަޅުން 1،280 ހެކްޓަރު ހިއްކާނެއެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅަކީ ފުށިދިއްގަރު ހިއްކައިގެން 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓު ދޫކުރުމެވެ. އެއީ ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ ހައުސިން ޔުނިޓުތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު