ފަސްގަނޑެއް ނެތް ތަނަކުން ގެވަޅު ދޫކޮށް ރަޖިސްޓްރީ ދުލެއް ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ބައެއް މީހުންނަށް ގޯތި ލިބޭނެ ކަމަށް ކަނޑައަޅައި ރަޖިސްޓްރީ ދޫކޮށްފައި އޮތީ ބިމެއްވެސް ނެތް ތަނަކުން ކަމަށެވެ. ނަމަވެސް ގެވަޅެއް ދޫކުރެވެނީ ފަސްގަނޑެއް އޮތް ތަނަކުން ކަމަށް ގާނޫނު ބުނާތީ އެ ރަޖިސްޓްރީތަކުގެ ސައްހަކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

"އެގްރީމެންްޓްތައްވެސް ބަލާނަން ވެލިޑް އެގްރީމެންޓެއްތޯ ގާނޫނީގޮތުން. ބަލާފައި އަޅުގަނޑުމެން ރިވިއު ކުރަން ޖެހޭ ނަމަ ރިވިއު ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން ޕްލޭންތަކާއި އާބަން ޑިވެލޮޕްމެންޓް ޕްލޭންތައް ތަރައްގީކުރުމަށް ފަހު އެ ގޯތި ލިބުނު ކަމަށް މިހާރު ރަޖިސްޓްރީގައި އިން ތަން ބަދަލުކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ގޯއްޗާ އެއްވަރުގެ ގޯއްޗެއް އެހެން ބަދަލުކުރާ އިރުވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"އެވަރުގެ ގޯތި އެތަނުން ދޫކުރި ވަރުގެ ގޯތިތައް އަޅުގަނޑުމެން ދޭނަން، ފަހަރެއްގައި ލޮކޭޝަން ބަދަލުކުރަން ޖެހިދާނެ، ޕްލޭންތައް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެ ބިންތަކުން ގޯތި ދޫކުރާ ޕްލޭންތަކުގައި ހުރީ ހަމައެކަނި ގޯތިތައް ހުންނާނެ ތަންތަނުގައި ގޮޅި ޖަހާފައި ކަމަށާއި އިތުރު އެއްވެސް ހިދުމަތެއް ދޭނެ ތަން ވަކިކޮށްފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ބަހައްޓައިގެން ގޯތި ދޫކޮށްފި ނަމަވެސް ރައްޔިތުންނަށްވެސް ދަތި ވާނެ ކަމަށް ވިދާޅުވިއެވެ.