ބޮއިންގ 787 މަރުކާގެ ފްލައިޓެއް ފުރަތަމަ ފަހަރަށް އެންޓާކްޓިކާއަށް ޖައްސައިފިއެވެ.

45 ފަސިންޖަރުންނާއި 12 ޓަނުގެ މުދަލާއެކު އެންޓާކްޓިކާގެ ކުއީން މައުޑް ލޭންޑަށް ފްލައިޓު ޖައްސާފައިވަނީ އެތަނުގައި ހުންނަ ކުޑަ ރަންވޭއަކަށެވެ.

އެންޓާކްޓިކާގައި ހުންނަ އެ ރަންވޭއަށް ފްލައިޓެއް ޖެއްސެނީ ހަމައެކަނި އޮކްޓޫބަރާއި މާޗް މަހާއި ދެމެދުގައެވެ. އެއީ އެދުވަސްތަކުގައި އިރުގެ އަލި އެސަރަހައްދަށް ސާފުކޮށް ލިބޭނެތީއެވެ.

ކޮންމެ އަހަރެއްގައިވެސް އެކި ފަހަރުމަތިން ދިރާސާ ކުރާ ފަރާތްތަކުން އެންޓާކްޓިކާއަށް ގިނަ ސާމާނާއެކު ދަތުރު ކުރެއެވެ. ނަމަވެސް ބޮއިންގ 787 ގެ ފްލައިޓެއް މިގޮތަށް ދަތުރު ކުރެވޭނަމަ ކުރިން ކުރާ ކުދި އަދި ގިނަ ދަތުރުތައް ހުއްޓާލެވޭނެ އެވެ.

އެންޓާކްޓިކާ އަށް ފުރަތަމަ ޖައްސާފައިވާ ބޮއިންގް 787 މަރުކާގެ ފްލައިޓަކީ ނޯސް އެޓްލާންޓިކް އެއާވޭސް ގެ ބޯޓެކެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ވަނީ އެއީ އެއެއާލައިނަށް ލިބިގެންދިޔަ ޝަރަފެއް ކަމުގައި ފާހަގަކޮށްފައެވެ.