ރާއްޖޭގައި މިވަގުތު ތިބީ އިންޑިއާގެ 77 ސިފައިން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އިންތިހާބު ތެރޭގައި ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންނެވުމަށް ފަހު ވެސް އެންމެ ބޮޑަށް ފާހަގަކުރައްވަމުން ގެންދެވި އެއް ކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ ކަމަށާއި އެއީ ދިވެހި ރައްޔިތުން ވެސް އޮޅުންފިލުވަން ބޭނުންވި ކަމެއް ކަމަށެވެ.
"އެންމެ މުހިންމު ކަމެއްގެ ގޮތުން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އަދަދު މިހާތަނަށް އެއް ކުރެވުނު މައުލޫމާތުން އަޅުގަނޑުމެންނަށް ސާފުވެފައިވާ މިންވަރު ޔަގީންކުރެވިފައިވާ މިންވަރު އަޅުގަނޑު ދަންނަވާލާނަން. މިހާތަނަށް އަޅުގަނޑުމެންނަށް އެއް ކުރެވިފައިވާ މައުލޫމާތަށް ބަލާ އިރު، އިންޑިއާ ސިފައިންގެ 77 ސިފައިން ދިވެހިރާއްޖޭގައި ގާއިމުވެ ތިބިކަން އަޅުގަނޑު ފާހަގަކުރަން ބޭނުން. މީގެ ތެރޭގައި އެއް ހެލިކޮޕްޓަރު ބެލެހެއްޓުމަށް ނުވަތަ ދުއްވުމަށް 24 ސިފައިން، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން އަދި ދެވަނަ ހެލިކޮޕްޓަރެއް ދުއްވުމަށް 26 ސިފައިން. މި އަދަދުތަކުގެ އިތުރަށް ދެ ސިފައިން މެއިންޓެނަންސް އާއި އިންޖިނިއަރިންގެ މަސައްކަތްތަކުގައި ބައިވެރިވެ އެބައުޅޭ. އެހެންވީމާ އިންޑިއާގެ ޖުމުލަ 77 ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެ މަސައްކަތްކުރަމުން އެބަގެންދޭ،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓުން މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އިވެކުއޭޝަނާއި ސަވޭލަންސްގެ 220 މަސައްކަތް ނުވަތަ އޮޕަރޭޝަނާއި ސާޗް މިޝަންގެ 100 އޮޕަރޭޝަންގެ އިތުރުން އެއާކްރޫ ޓްރާންސްފާ އާއި ކޮވިޑް ސާމްޕަލް ކަލެކްޝަނާއި ވީއައިޕީގެ އެކިއެކި މަސައްކަތްތައް އަދި އެކިއެކި ޑިފެންސާ ގުޅޭ ތަމްރީނުތަކުގެ މަސައްކަތްތައް ވެސް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
"މި މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ވެފައިވޭ، އެހެންނަމަވެސް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން މިއީ އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ދިވެހިރާއްޖޭގައި ގާއިމުވެ ތިބުމެއް. އެހެންވީމާ އެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާނެ. އެއްވެސް ގައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ގާއިމުވެ ނެތްކަން ޔަގީންކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ. އެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ މިނިސްޓާ އޮފް އާތު ސައިންސަސް ކިރެން ރިޖިޖޫއާއެކު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައިވެސް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފައިވެއެވެ. އަދި އެކަމަށް ވެރިކަމުގެ ފުރަތަމަ ދުވަހު މަސައްކަތް ފެށުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު