ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރި މައްސަލައިގައި، ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލަ އެ ފަރާތުން އަނބުރާ ގެންގޮސްފިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ އަތޮޅު) ގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ދީބާޖާއާއެކު ސަރުކާރުން ސޮއި ކުރީ އެކެއް ފެބްރުއަރީ، 2010 ގައެވެ. ނަމަވެސް އެއްބަސްވުމުގައި ވާ ގޮތަށް ދީބާޖާއިން ހިދުމަތް ދެމުން ނުދާ ކަމަށްބުނެ 30 މޭ 2013 ގައި އެ އެއްބަސްވުން ދައުލަތުން ބާތިލުކުރިއެވެ.
އެކަމާ ގުޅިގެން އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލާޒިމުވެގެންވާ އިލްތިޒާމުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ދީބާޖާއަށް ލިބުނު ސީދާ މާލީ ގެއްލުމަކީ 2.4 ބިލިއަން ރުފިޔާ ކަމަށާއި، އެ ފައިސާ އެކީ އެއްފަހަރާ ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދި ދީބާޖާއިން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
މި މައްސަލަ ބެލުމަށްފަހު 2014 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ދީބާޖާއިން ނަގައިދިނުމަށް އެދިފައިވާ 2.4 ބިލިއަން ރުފިޔާއަކީ މުސްތަގުބަލުގައި ލިބޭނެކަމަށް ލަފާކޮށް ތައްޔާރު ކޮށްފައިވާ ހިސާބުތަކެއް ކަމަށް ވާތީ އާއި، މި ހިސާބުތައް ތައްޔާރު ކުރިއިރު ހުރި އަގުން މިންކުރާއިރު، ހިސާބުތައް ތައްޔާރު ކުރިއިރު ހުރި އަގަކީ 6.9 މިލިއަން ރުފިޔާ ކަމާއި، މި އަދަދު އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 50 އަހަރަށް ގުނަ ކުރުމުން އަންނަ 348.9 މިލިއަން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން ޖެހޭ މިންވަރު ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ގާނޫނާއި، އަމަލުކުރަމުން އަންނަ އުސޫލުތަކާ ހިލާފުކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގައި 2015 ވަނަ އަހަރު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށެވެ އެހެންކަމުން އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅިއެވެ. އެ މައްސަލަ ހައިކޯޓުގައި ހިނގަމުންދިޔަ އިރު، އެއީ އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން ހައިކޯޓުން ބަލައިގެންފައިވާ މައްސަލައެއް ކަމަށް ދީބާޖާއިން ބުނަމުން ގެންދިޔައެވެ.
އެހެންކަމުން ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ، ދީބާޖާއިން ހައިކޯޓުގެ ހުކުމް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލު ކުރިއެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ އެ ހުކުމް ރިވިއުކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނެވެ. ދައުލަތުން އެދުނު ގޮތަށް ހުކުމް ރިވިއު ކުރުމަށްފަހު، ހައިކޯޓުގެ ހުކުމް ބާތިލު ކުރި ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް 2021 ވަނަ އަހަރު އެ ކޯޓުން ބާތިލުކުރިއެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންނަމަ އެ ފުރުސަތު ދިނުމަށްވެސް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
އެހެންކަމުން ދީބާޖާއިން ދެވަނަ ފަހަރަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ބެއްލެވި މި މައްސަލައިގެ ރިޔާސަތުން ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމުގައި ވަނީ، ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލުކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އެކަމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ދިނުމަށް ހުކުމްކޮށްފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. ނަމަވެސް އެކަމުން ދީބާޖާއަށް ވެފައިވާ ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށް ހުކުމްގައިވެއެވެ. ދީބާޖާއިން ސިވިލް ކޯޓުގައި އެދިފައި ވަނީ ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށާއި، ބަދަލުގެ ގޮތުގައި 348.9 މިލިއަން ދިނުމަށް ހުކުމްކޮށްފައި ވަނީ، މުސްތަގުބަލުގައި ލިބެން އޮތް ގެއްލުން ހިމަނައިގެން ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންކަމުން ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ހުކުމް ބާތިލު ކަމަށްވެސް ހުކުމުގައިވެއެވެ.
އެއާއެކު މި މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މި މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށް ޓަކައި، މައްސަލަ ހައިކޯޓަށް ތަހުވީލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.
އެކަމާ ގުޅިގެން ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު، އެ މައްސަލައަކީ ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް އެ ކޯޓަށް ސުޕްރީމް ކޯޓުން ތަހުވީލްކުރި މައްސަލައެއް ނޫންކަން ފާހަގަކޮށް، އެމައްސަލަ އެކޯޓަށް ތަހުވީލްކޮށްފައި ވަނީ، ސިވިލް ކޯޓަށް ފޮނުވުމަށް ކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބައިގައި ގޮތެއް ނިންމުމަށް މި މައްސަލަ ސިވިލްކޯޓަށް ތަހުވީލު ކުރާ ކަމަށް ހައިކޯޓުން ހުކުމް ކުރިއެވެ.
ސިވިލްކޯޓަށް ތަހުވީލު ކުރި މި މައްސަލައިގައި މިދިޔަ ބުރާސް ފަތި ދުވަހު ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލައިގައި އަޑުއެހުންތައް ބާއްވައި މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލް އެކުލަވާލައި ދެފަރާތުން ބަޔާން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކޮށްފައިވާކަން ހާމަކޮށް، ދައުވާ އަނބުރާ ގެންދަން އެދި ސެޕްޓެމްބަރު މަހު 21 ގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ހުށހަޅާފައިވާ ކަމަށެވެ.
ސިވިލްކޯޓުން ބުނެފައި ވަނީ، ދެ ގޮތަކަށް ދައުވާ އަނބުރާ ގެންދެވޭ ކަމަށެވެ. ފުރަތަމަ ގޮތަކީ އަލުން ހުށަހަނާޅާ ގޮތަށް ދައުވާ އަނބުރާ ގެންދިއުމެވެ. ދެވަނަ ގޮތަކީ އަލުން ހުށަހަޅާނެކަން ބަޔާންކޮށް ދައުވާ އަނބުރާ ގެންދިއުމެވެ. ނަމަވެސް އެ މައްސަލަ ބާތިލު ކުރުމަށް އެދި ދީބާޖާއިން ފޮނުވި ލިއުމުގައި މައްސަލަ އަލުން ހުށަހަޅާނެކަން ފާހަގަ ކޮށްފައި ނުވާ ކަމަށްވެސް ސިވިލްކޯޓުން ބުނެފައިވެއެވެ.
އެހެންކަމުން ދީބާއިން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު މިއީ އިތުރަށް ކުރިއަށް ގެންދެވޭނެ މައްސަލައެއްނޫން ކަމަށް ކަނޑައަޅައި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު