ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މަގާމުގެ ގާނޫނީ ހުވާ އިއްޔެ ކުރެއްވުމަށްފަހު، އެމަނިކުފާނުގެ ދެކަނބަލުން އަދިވެސް އުޅުއްވަމުން ގެންދަވަނީ މ. ދިމްޔާތުގައި ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސް މުއިއްޒު އިއްޔެ ހުވައިކުރެއްވި ނަމަވެސް ރިޔާސީ ގަނޑުވަރު، މުލީއާގެއަށް އަދި ދިރިއުޅުއްވުން ބަދަލު ނުކުރައްވާ ކަމަށެެވެ. އެއީ މުލިއާގޭގެ މަރާމާތުތަކެއް ކުރިއަށްދާތީއެވެ.
އެކަމާ ބެހޭ މައުލޫމާތު "ވަން"އަށް ދެއްވަމުން މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް އިބްރާހީމް ހަލީލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން ދިމްޔާތުގައި ދިރިއުޅުއްވަނީ މުލިއާގޭގެ މަރާމާތުތައް ކުރިއަށްދާތީ ކަމަށެވެ. އަދި އެ މަރާމާތުތައް ނިމުނީމަ އެމަނިކުފާނުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވިޔަސް ރައީސްގެ ރަސްމީ ބައްދަލުވުންތައް ކުރިއަށްދާނީ މުލިއާގޭގައި ކަމަށެވެ.
މިދިޔަ ހުކުރު ދުވަހަށް ރިޔާސީ ދައުރު ހަމަކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު, މުލިއާގެ ދޫކުރައްވައި ނުކުމެވަޑައިގެންފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން މިހާރު ދިރިއުޅުއްވަނީ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އާއިލީ ބޭފުޅުން ދިރިއުޅުއްވާ މ. ސަނީ ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު