ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ދައުލަތުން ދައުވާ ކޮށްގެން ހިންގަމުންދާ ދެ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް، ދިގު މެދުކެނޑުމަކަށް ފަހު، މި މަހު ފަހުކޮޅު ކުރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހަށެވެ. އަދި ވ. އާރަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހު 29 ވަނަ ދުވަހަށެވެ. ޔާމީންގެ މައްޗަށް ދައުވާ ކޮށްގެން ކޯޓު މަރުހަލާގައި ހިނގަމުންދާ ދެ މައްސަލަވެސް ގުޅިފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގިކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައެވެ.

ފުރަތަމަ މައްސަލައަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނަންގަވައި، ލިބިވަޑައިގެންނެވި ފައިސާ ލޯންޑަކުރެއްވިކަމަށް ތުހުމަތުކުރާ މައްސަލައެވެ. ދެވަނަ މައްސަލައަކީ، ހަމަ އެ ކޯޕަރޭޝަން ބޭނުންކޮށްގެން ރ. ފުއްގިރި ކުއްޔަށް ދިނުމުގައިވެސް ރިޝްވަތު ނަންގަވައި، ލިބިވަޑައިގެންނެވި ފައިސާ ލޯންޑަކުރެއްވިކަމަށް ތުހުމަތުކުރާ މައްސަލައެވެ.

އާރަށް މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ހުއްޓިފައި ހުރީ، ދައުލަތުން ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުންވަނީ، ހައި ކޯޓުގެ ހުކުމް ދަމަހައްޓައި، ދައުލަތުން ފަހުން ހުށަހެޅި ހެކިތައް ބަލައިނުގެނެވޭނެކަމަށް، މިދިޔަ ޖުލައި މަހު ހުކުމްކޮށްފައެވެ.

ރ. ފުއްގިރި މައްސަލައިގެވެސް، ފާއިތުވި އަހަރުގެ ފަހުކޮޅު ބައެއް އަޑުއެހުންތައް ބޭއްވި ނަމަވެސް، ދެން ތާވަލެއް ހަދާފައި ނެތި ދިގު މުއްދަތެއް ވަންދެން ހިނގައިދިޔައެވެ. ފުއްގިރި މައްސަލާގައި ކޯޓު މަރުހަލާގައި ދެން ހިނގަމުންދާނީ ހަމައެކަނި ޔާމީންގެ ބައިއެވެ. ސަބަބަކީ، ސަން ސިޔާމްގެ ދެ ކުންފުންޏަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރިން ހުކުމްކޮށްފައިވާތީއެވެ.

އަދި ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުންވަނީ އަނބުރާ ގެންގޮސްފައެވެ.