ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މިންވަރު ކުޑަނުވާނެހެން ކަންކަން ހަމަޖެއްސުމަށް ޕޭ ކޮމިޝަނަށް އަންގަވާފައިވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ހަވަނަ އެޕިސޯޑުގައި ސިއްހީ ދާއިރާގެ މުވައްޒަފަކު ވަނީ، އަލަށް އަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ތެރެއަށް ބައެއް މުވައްޒަފުން ނުފެތޭތީ ހުރި ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

އެކަމާ ގުޅީގެން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުން ކަމަށާއި، މިހާތަނަށް މި މައްސަލައަށް އެދެވޭ ހައްލެއް ނުލިބި ތިބި އެންމެހައި މުވައްޒަފުންނަށް އެކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާތައް ފަދަ ނުރައްކާތެރި ހާލަތްތަކުގައި އެފަދަ ފަރާތްތަކަށް ފަސޭހައިން އިންޒާރު ލިބޭނެ އިންތިޒާމުތައް ސަރުކާރުން ތަރައްގީކުރާ ފްލެޓްތަކުގައި ގާއިމުކުރުމަށާއި، ސްކޫލް މާހައުލުގައި އެކަށީގެންވާ ލުއިފަސޭހަ އެކްސެސްބިލިޓީ ނިޒާމެއް ހަމަޖައްސައިދިނުމަށް އިސްކަން ދެމުންދާ ކަމަށެވެ.