ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަކީ ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަގުބޫލު ތަރިއެކެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނާސްއާ 2018ގައި ކައިވެނި ކުރުމަށްފަހު އޭނާ ވަނީ އެމެރިކާގެ ލޮސް އެންޖެލްސްއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ޕްރިޔަންކާ ވަނީ މުމްބާއީގައި ހުންނަ އޭނަގެ ދެ އެޕާޓްމަންޓް ޑައިރެކްޓަރު އަބީޝޭކް ޗޯބޭއަށް 6 ކްރޯޑް އިންޑިއަން ރުޕީސްއަށް ވިއްކާލާފައެވެ.

އޭގެ ތެރެއިން އެއްތަނަކީ މުމްބާއީގެ ލޯކަންޑްވާލާގައި ހުންނަ ކަރަން އެޕާޓްމަންޓް ޓަވާގެ ނުވަ ވަނަ ބުރީގައި ހުރި 2300އަކަ ފޫޓުގެ ތަނެކެވެ. މި ދެތަންވެސް ވިއްކާލުމުގައި ހަރަކާތްތެރިވެފައިވަނީ ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަން ވަނީ މިދިޔަ މަހު 23 އަދި 25ގައި ނިމިފައެވެ.

މިއަހަރު އޭޕްރިލްގައިވެސް ޕްރިޔަންކާ ވަނީ އޭނާގެ ކޮމާޝަލް ޕްރޮޕަޓީއެއް 7 ކްރޯޑް އިންޑިއަން ރުޕީސްއަށް ވިއްކާލައިފައެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ހޮލީވުޑް ފިލްމު 'ހެޑްސް އޮފް ސްޓޭޓް' އިންނެވެ. މީގެ އިތުރުން ހޮލީވުޑްގެ މަގުބޫލު ސީރީޒް 'ސިޓަޑެލް 2' ގެ މަސައްކަތްވެސް ކުރިއަށް އެބައޮތެވެ. އޭނާގެ ބޮލީވުޑްގެ މަސައްކަތްވެސް ކުރިއަށް އެބަހުއްޓެވެ. އެގޮތުން ފަރްހާން އަޚްތަރުގެ 'ޖީލޭ ޒަރާ' ކުޅުމަށް ޕްރިޔަންކާ ވަނީ އެއްބަސްވެފައެވެ. އެ ފިލްމުގައި އޭނައާއެކު އާލިއާ ބަޓް އަދި ކެޓްރީނާ ކައިފް ފެނިގެންދާނެ އެވެ.