އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު އޭނާގެ ފުރަތަމަ ނިންމެވުން ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިރޭ ބެއްވި ކެބިނެޓް މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޝަހީމް ވަނީ މިނިސްޓަރު މަގާމުގެ ހުވާ ކުރައްވައިފައެވެ.

ހުވާ ކުރެއްވިތާ ގަޑިއިރެއްގެ ތެރޭގައި ޝަހީމް ވަނީ މަގާމުގެ ގޮތުން އޭނާގެ ފުރަތަމަ ނިންމެވުން ނިންމަވައި އެކަން ހާމަ ކުރައްވައިފައެވެ.

"ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ އަންނަ އަންގާރަ ދުވަހު ހަވާލުކުރެވިގެންދާނެ" ޝަހީމް ފޭސްބުކުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ އިލްމު އުނގެނެން ބޭނުންވާ ދަރިވަރުން، އެ ސަރަހައްދުގެ ދަރިވަރުންނަށް، މާލެ ނައިސް އިސްލާމީ އިލްމު ކިޔެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށެވެ. އަދި ތިނަދޫ ކެމްޕަހަކީ އިސްލާމީ ހަލާރަތާއި ސަގާފަތުގެ މަރުކަޒަކަށް ވެގެންދާނެ ކެމްޕަހެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ތިނަދޫ އިސްލާމިކް މަރުކަޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި ތަނެކެވެ.