ދިވެހިރާއްޖޭގެ އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 17 ނޮވެމްބަރު 2023 ވީ ހުކުރުދުވަހު ރައީސްކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފައެވެ. ދިވެހިރާއްޖޭގެ ވެރިކަން ޖުމްހޫރީ ނިޒާމަކަށް ބަދަލުކުރެވުނުފަހުން ޑރ. މުހައްމަދު މުއިއްޒަކީ 8 ވަނަ ރައީސެވެ. މުހައްމަދުގެ ނަންފުޅު ލިބިވަޑައިގެންފައިވާ ހަތަރުވަނަ ރައީސެވެ. މިއީ އިއްތިފާގެއް ނޫނެވެ. ދިވެހިރާއްޖޭގައި ރަސްކަންއޮތް ޒަމާނުގައިވެސް އެންމެ ގިނަ ރަސްރަސްކަލުންގެ ނަންފުޅަކީ މުހައްމަދެވެ. އެންމެ ފުރަތަމަ އިސްލާމް ރަސްގެފާނު މުހައްމަދު ބިން އަބްދު ﷲ އާއި އުތީމު ޣާޒީ މުހައްމަދު ތަކުރުފާނާއި އެންމެފަހު ރަސްގެފާނު މުހައްމަދު ފަރީދުވެސް ހިމެނިވަޑައިގަންނަވާ ގޮތުންނެވެ. ދިވެހިރާއްޖޭގެ އައު ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ދޮންހަސަން ތަކުރުފާނުގެ ޚަތީބު ހުސައިން ތަކުރުފާނުގެ އަލްހާއްޖު އަބްދުއްރަހުމާން ހުސައިން ތަކުރުފާނުގެ އައިޝައިޚު ހުސައިން އަބްދުއްރަހުމާނުގެ ޑރ. މުހައްމަދު މުއިއްޒެވެ.

ޑރ. މުއިއްޒު ނިސްބަތްވެވަޑައިގަންނަވަނީ އުތީމު ރަސް ޚާންދާނަށް

މަތީގައި ބަޔާންކުރެވުނު ލައިނުން އެމަނިކުފާނު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވައެވެ. ތިލަދުންމައްޗަށް ހަމައެކަނި ނިސްބަތްވެވަޑައިގަންނަވަނީއެއް ނޫނެވެ. އެމަނިކުފާނަކީ މުޅި ތިލަދުންމައްޗާއި މުޅި ރާއްޖޭގެވެސް ފަޚުރެއްކަމުގައިވާ އުތީމު ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޕޯޗުގީޒުންގެ އަނިޔާވެރި އިސްތިއުމާރުގެ ވަކިތަކުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި އުތީމު ތިންބެއިންގެ ތެރެއިން ޝަހީދު އަލިތަކުރުފާނުގެ ސީދާ އައުލާދެވެ. އަލިތަކުރުފާނު ޝަހީދުވީ ތަކަންދޫގައެވެ. އެތަކުރުފާނުގެ އައުލާދުގެ ތެރެއިން ދިވެހިރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށްވިޔަސް ޝަހީދު އަލިތަކުރުފާނުގެ އައުލާދުގެ ބޭފުޅުން ދިވެހިރާއްޖޭގެ ރަސްކަން ކުރައްވާފައިވެއެވެ. ސުލްތާން މުހައްމަދު އިމާދުއްދީނު އެއްވަނަ ނުވަތަ ކަޅުތުއްކަލާއެވެ. ސުލްތާން އިބްރާހިމް އިސްކަންދަރު އެއްވަނަ ނުވަތަ މަޝްހޫރު އިސްކަންދަރު މަހާރަދުންނެވެ. މިއީ ހިކުމަތްތެރިކަމާއި އަދުލުވެރިކަމުގައި އެފަދަ ދެވަނައެއްނުވާ ރަދުންނެވެ. ދެން އެރަދުންގެ ދަރިކަލުން ސުލްތާން ކުޑަ މުހައްމަދެވެ.

އުތީމު ތިންބެއިންގެ ތެރެއިން ޣާޒީ މުހައްމަދު ތަކުރުފާނުގެ އައުލާދު ވަނީ ސުލްތާން އިބްރާހިމް ކަލާފާނާ ހަމައިން ނިމިފައެވެ. އުތީމު ޚާންދާނުގެ ތެރެއިން އެންމެފުޅާކޮށް ފެތުރިފައިއޮތީ އުތީމު ތިންބެއިންގެ ތެރެއިން އުތީމު ހަސަން ތަކުރުފާނުގެ އައުލާދެވެ. އެ އައުލާދުގެ އެތައް ބޭފުޅުންވަނީ ދިވެހިރާއްޖޭގެ ރަސްކަން ކުރައްވައިފައެވެ. އިސްދޫ ޚާންދާނާއި ދިޔަމިގިލީ ޚާންދާނުގެ އެންމެހައި ރަސްކަލުންވެސް ހިމެނޭގޮތުންނެވެ. އުތީމު ހަސަން ތަކުރުފާނުގެ އައުލާދުގެ ބޭފުޅުން ދިވެހިރާއްޖޭގެ ރައީސްކަންވެސް ކުރައްވައިފިއެވެ. ރައީސް އަމީނާއި ރައީސް ނާސިރާއި ރައީސް މައުމޫންވެސް ހިމެނިވަޑައިގަންނަވާ ގޮތުންނެވެ. އެހެންވީމާ ކަޅުއަލީ ޚަތީބު ތަކުރުފާނުގެ އުތީމު ހުސައިން ޚަތީބު ތަކުރުފާނުގެ ސީދާ އައުލާދަކީ އޭރުވެސް އަދި މިހާރުވެސް ދިވެހިރާއްޖެ އާއި ދިވެހީންނަށް ޚިދުމަތް ކުރުމުގައި އެންމެކުރީ ސަފުގައި ހިމެނޭ އައުލާދުކަމަށް ބުނެވިދާނެއެވެ. ތާރީޚުގެ ތެރެއިން ހެކިލިބެން ހުރީމައެވެ.

ޖުމްހޫރިއްޔަތުގެ ފެށުމާއި އަމީނާއި ނާސިރުގެ ދައުރު

ދިވެހިރާއްޖޭގައި އެތައް ސަތޭކަ އަހަރަކަށް ދެމިގެންއައި ރަސްކަމުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަވައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ގާއިމް ކުރެއްވީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހު އަތިރީގޭ މުހައްމަދު އަމީނެވެ. އަމީނުގެ ޖުމްހޫރީ ވެރިކަން ދެމިއޮތީ އެއަހަރުގެ އޮގަސްޓް އެކާވީސްވަނަ ދުވަހާ ހަމައަށެވެ. އެ ޖުމްހޫރިއްޔާގެ ރައީސަކީ މުހައްމަދު އަމީނެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ޓައިޓަލް ބޭނުންފުޅެއް ނުކުރައްވައެވެ. ބޭނުންފުޅު ކުރެއްވީ ގައުމުގެ ރައީސް، މި ޓައިޓަލްއެވެ. އަމީނަކީ މުޅި ރާއްޖޭގެ އެންމެން ބައިވެރިވި ވޯޓަކުން އިންތިޚާބު ކުރެވުނު ރައީސެއްވެސް ނޫނެވެ. މާލޭގެ ކުރިއަށްތިބި ބަޔަކާއި އަތޮޅުތެރެއިން މާލެއަށް އަރައިތިބި މީހުންގެ ތެރެއިން ހޮވާލެވުނު ބައެއްގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުން ނިންމި ނިންމުމެކެވެ. އެއީ ވޯޓުގެ ކަންކަން އޭރު އޮންނަ ގޮތެވެ.

އަމީނުގެ ޖުމްހޫރިއްޔާއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއެވެ. މިހާރު ހިނގަމުން މިދަނީ ދެވަނަ ޖުމްހޫރިއްޔާއެވެ. ދެވަނަ ޖުމްހޫރިއްޔާއަކަށްވާ ސަބަބަކީ ފުރަތަމަ ޖުމްހޫރިއްޔާ އުވާލައި އަލުން ރަސްކަމެއް ގާއިމުކޮށް ސާދަ އަހަރު އެގޮތުގައި ދެމިތިބުމަށްފަހު 1968 ވަނަ އަހަރުގެ ނޮވެމްބަރު އެގާރައިގައި އަލުން އަނެއްކާވެސް ޖުމްހޫރީ ނިޒާމެއް ގާއިމްކުރުމުންނެވެ. މި ޖުމްހޫރިއްޔަތެއް ގެންނެވީ ވެލާނާގޭ އިބްރާހިމް ނާސިރެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޓައިޓަލް އެންމެ ފުރަތަމަ ބޭނުންކުރެއްވީވެސް ރައީސް ނާސިރެވެ. ނާސިރަކީ އަމީނުވެސް ހޮވުނު ގޮތަށް ހޮވި ރައީސެކެވެ. މާލޭގައި ވަކިބައެއްގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުން ހޮވި ރައީސެކެވެ. އެހެންނަމަވެސް ރިޔާސަތުގެ ދެވަނަ ދައުރަކަށް 1973 ވަނަ އަހަރު ރައީސް ނާސިރު ހޮވީ މުޅި ރާއްޖޭގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުންނެވެ. މުޅިރާއްޖޭގައި ނެގުނު ފުރަތަމަ ވޯޓަކީ އެއީއެވެ. ކަރުދާސްކޮޅުގައި ނާސިރު ނޫން އެހެން ނަމެއް ނެތެވެ.

ރިޔާސީ ރިފަރެންޑަމާއި މަޖިލީހުގެ ދައުރު

އަމިއްލައަށް ފެނިގެން އަމިއްލައަށް ރައީސްކަމަށް ކުރިމަތިލުމަކީ އޭރު އޮންނަ ކަމެއް ނޫނެވެ. ރައީސްކަމަށް ގެންނަންވީ ބޭފުޅަކު ނިންމަނީ ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓަކުންނެވެ. ކޮންމެ މެންބަރަކުވެސް ކަރުދާސްކޮޅެއްގައި އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ނަމެއް ލިޔުއްވަނީއެވެ. ދެން އޮންނަނީ ނަން ގުނުމެވެ. އެގޮތަށް ގުނާފައި އެންމެ ގިނަ މެންބަރުންނަށް ފެނިވަޑައިގެންނެވި ނަމެއް އިޚުތިޔާރުކޮށް އެބޭފުޅެއްގެ އަރިހަށް ވަޑައިގެން ދަންނަވައެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތް ނިންމައިފީމެވެ. ރުހިވަޑައިގަންނަވަމުތޯއެވެ. ރުހެމޭ ވިދާޅުވީމާ ކެންޑިޑޭޓަކަށްވީއެވެ. ދެން އޮންނަނީ އެބޭފުޅަކާ ރައްޔިތުން ރުހޭތޯ ބެލުމުގެ ވޯޓެވެ. ރައީސް ނާސިރު ތިންވަނަ ދައުރަކަށް ހޮވަންވެސް 1978 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ނިންމިއެވެ. އެގޮތަށް ނިންމާފައި ނާސިރުގެ އަރިހަށް ދިޔުމުން ވިދާޅުވިއެވެ. ނޫނެކެވެ. އައު ދައުރެއް ބޭނުމެއް ނޫނެވެ. އެހެން ބޭފުޅަކާމެދު ވިސްނާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ދެން އިޚުތިޔާރުކުރެއްވީ މައުމޫން އަބްދުލްގައްޔޫމުގެ ނަންފުޅެވެ. ބައެއް މެންބަރުން ސައްތާރު މޫސާދީދީގެ ނަންފުޅުވެސް ލިޔުއްވިއެވެ. ކޮންމެއަކަސް އާނއެކޭ ރައީސްކަމާ ރުހެމޭ މައުމޫން ވިދާޅުވީމާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ހުށައެޅުނީ މައުމޫނުގެ ނަންފުޅެވެ. މިދެންނެވި މަގުން 1978 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މައުމޫން ބަލައިގަތީމާ 2008 ވަނަ އަހަރުގެ ނޮވެމްބަރު އެގާރަޔާ ހަމައަށް ޖުމްލަ ތިރީސް އަހަރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި މައުމޫން ހުންނަވައިފިއެވެ. މުޅިއެކު ހަ ފަހަރު ފެންނަ ނުފެންނަ ވޯޓުން ކުރިހޯއްދަވައިގެންނެވެ. އެއީ 1978، 1983، 1988، 1993، 1998، އަދި 2003 ގައެވެ. މި މުއްދަތުގެ ތެރޭގައި އައު ބައެއް ކަންކަން ހިނގާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުގައި މައުމޫން ކަޓުވައިލުމަށް 1983 ވަނަ އަހަރު މަސައްކަތެެއް ކުރެވުނެވެ. އެކަންވީ ބަޣާވާތަކަށެވެ. ބައެއް މެންބަރުންނަށް އަދަބުވެސް ލިބުނެވެ.

ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރުމަކީ ކުށެއް

މައުމޫނުގެ ބަދަލުގައި ވިޔަފާރިވެރިޔާ ރީކޯ އިބްރާހިމް މަނިކު ރައީސްކަމަށް ގެންނަން އުޅުނުކަމަށްވެގެން ބަޔަކު ކުށްވެރިވެ އިބްރާހިމް މަނިކުވެސް އެތައް އަހަރަކަށް ގައުމުން ބޭރުގައި އަރުވައިލެއްވިގެން ހުންނަވައިފިއެވެ. އިބްރާހިމް މަނިކުގެ ކޮއްކޯފުޅު ރީކޯ މޫސާމަނިކުވެސް އެމަނިކުފާނުގެ ޒުވާން ދައުރުގެ ބޮޑުބައެއް ޖަލުގައި ހޭދަކުރައްވައިފިއެވެ. މިކަން މިމަގުން ހިނގީމާ ރައްޔިތުންގެ މަޖިލީހުގެ ސިއްރުވޯޓު ކާމިޔާބުކުރަން އުޅުމަކީ ބިރުބޮޑު ނުރައްކާތެރި ކަމެއްކަމަށް ފެނިގެން މިކަމާ އުޅޭނެ ބަޔަކު ނެތިއްޖެއެވެ. މިކަން މިގޮތަށް 1998 ވަނަ އަހަރާ ހަމައަށް ދެމިއޮވެއްޖެއެވެ. އެއަހަރު ރައްޔިތުންގެ މަޖިލީހުގައި ސިއްރު ވޯޓެއް ނެގިއިރު އަސްތައަސްތާއެވެ. މައުމޫން ސަލާމަތްވެވަޑައިގަތީ ހަމަކިރިޔާއެވެ. އެމަނިކުފާނުގެ ކެބިނެޓުގެ ތެރެއިން އިލްޔާސް އިބްރާހިމް 18 ވޯޓު ހޯއްދަވައިފިއެވެ. މައުމޫންގެ އެއްބަފައި ކޮއްކޯފުޅު އަބްދު ﷲ ހަމީދުވެސް ވޯޓެއް ހޯއްދަވައިފިއެވެ. މިކަންވެސްވީ މައްސަލައަކަށެވެ.

މިކަންވެސްވީ ބަޣާވާތަކަށެވެ. އިލްޔާސް އިބްރާހިމް ކެބިނެޓުން ވަކިކުރުމާއި ސަރިޔަތެއް ހިންގުމާއި ސިހުރު ހާހޫރައިގެ ތުހުމަތު ކުރެވުމާއި އެންމެފަހުން އައިލެންޑް އެވިއޭޝަނުގެ ފްލައިޓެއްގައި ގައުމު ދޫކުރައްވައި ފުރާވަޑައިގަތުންފަދަ އެތައްކަމެއް ހިނގައިފިއެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާހަމައަށް ގެންދާނެ ނަމެއް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ނަގާ ސިއްރު ވޯޓަށް ނުފޫޒު ފޯރުވަން އުޅުމަކީ ކުށްވެރިވާ ކަމަކަށްނުވެ ހަމަފާޅުގައި ރައީސްކަމަށް ކުރިމަތިލުމަކީ ހުއްދަ ކަމަކަށްވީ 2003 ގައެވެ. އެފަހަރު ނަޒީރު ޖަމާލާއި ވިންޓަރ ޝަރީފުވެސް ކުރިމަތި ލައްވައި ތާރީޚުން ޖާގަ ހޯއްދަވައިފިއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ހޮވުމަކަށްވީ އެފަހަރުވެސް މައުމޫނެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ހުށައެޅުނީ މައުމޫނުގެ ނަންފުޅު އެކަންޏެވެ. އެއީ އެންމެ ބޭފުޅެއްގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮވެގެން ރިފަރެންޑަމެއްގެ ގޮތުގައި ރިޔާސީ އިންތިޚާބު ބޭއްވުނު އެންމެފަހު ފަހަރެވެ.

ރިޔާސީ ނިޒާމުގައި ޑިމޮކްރަސީގެ ކުލަޖެހުން

ދިވެހިރާއްޖޭގައި އައު ގާނޫނުއަސާސީއެއް ލިޔެ ތަސްދީގުކޮށް ޒަމާނީ ޑިމޮކްރަސީއެއް ތައާރަފުކޮށް އޭގެދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބަކީ 2008 ވަނަ އަހަރުގެ އިންތިޚާބެވެ. އެކި ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި އެތައް ބޭފުޅުންނެއް މި އިންތިޚާބުގައި ވާދަކުރެއްވިއެވެ. މައުމޫނާއި މުހައްމަދު ނަޝީދެވެ. ގާސިމް އިބްރާހީމާއި އިބްރާހިމް އިސްމާއީލާއި ޑރ ހަސަން ސައީދާއި އުމަރު ނަސީރެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނީވެސް އެފަހަރުއެވެ. ކޮންމެއަކަސް ދިވެހި ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސްގެ ގޮތުގައި އެފަހަރު ހުވާކުރެއްވީ މުހައްމަދު ނަޝީދެވެ. ދައުރުގެ މެދުތެރެއިން ނަޝީދު އިސްތިއުފާ ދެއްވީމާ ދެން އެމަނިކުފާނުގެ ނާއިބު ޑރ.މުހައްމަދު ވަހީދު ހަސަންމަނިކެވެ. އެއަށްފަހު 2013 ގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމެވެ. ދެން 2018 ގެ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސާލިހެވެ. ދެން 2023 ގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒެވެ.

ޑިމޮކްރަސީ ތައާރަފު ކުރެވުނުފަހުން ދިވެހިން އެއްކަމެއް އެބަ ދަމަހައްޓައެވެ. އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުދެއެވެ. ދެ ކެންޑިޑޭޓުންނަށްވުރެ ގިނަނަމަ އެއްބުރުން ނިންމުމެއްވެސް ނެތެވެ. އެއްބުރުން ނިންމައިލީ އެންމެފަހަރަކުއެވެ. އެއީ 2018 ގައެވެ. އެފަހަރު ދެ ވަނަ ބުރަކަށް ނުދިޔައީ އެންމެ ދެ ކެންޑިޑޭޓުން ތިއްބެވުމުން އެއްބުރުން ނަތީޖާ ކަށަވަރުވީމައެވެ. އެއީ ރައީސް ސާލިހާއި ރައީސް ޔާމީނެވެ. ޑިމޮކްރަސީ އައުމަށްފަހުވެސް ކުރިއާ ތަފާތުނުވެ ހިނގާ އެއްކަމެއް އޮވެއެވެ. އެއީ ކުރީގެ ރައީސް ކުށްވެރިވުމާއި ލައުނަތް ދިނުމެވެ. މުހައްމަދު އަމީނާއި ނާސިރުވެސް ގޯސްވެ ކުށްވެރިވީ ފަދައިންނެވެ. ރައީސް ނަޝީދުގެ ދައުރުގައި ރައީސް މައުމޫން އެކިއެކި ތަހުގީގަށް ގަދަކަމުން ހާޒިރު ކުރިއެވެ. އަދި ރައީސް ޔާމީނުގެ ދައުރުގައި ހައްޔަރުވެސް ކުރިއެވެ. ރައީސް ޔާމީނުގެ ދައުރުގައި ރައީސް ނަޝީދު ހައްޔަރުކޮށް ހުކުމް އިއްވިއެވެ. އަދި ރައީސް ސާލިހުގެ ދައުރުގައި ރައީސް ޔާމީނުގެ މައްޗަށް ސަރިޔަތް ހިންގައި ޖަލަށްވެސް ލެވުނެވެ.