ރާއްޖޭގެ ދަރަނި 119 ބިލިއަނަށް އަރާފައިވާ ކަމަށާއި މިކަމުން އަރައިަގަތުމަށް އިގުތިސޯދަށް އަވަސް ފަރުވާ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާ ކުރައްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި، ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ރައްޔިތުންގެ ކުރިމަތީގައި ހުއްޓި މިއަދު ހުންނެވީ ނިކަން، ހުތޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި ކަމަށެވެ. އެ ވަޅުގަނޑަކީ ދިވެހިރާއްޖޭގެ އިގުތިޞސޯދު މިއަދު ވެއްޓިފައި އޮތް ފުން އަނދަވަޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާ އިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކު ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައިވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަނި. އެހެން ނަމަވެސް، މިކަންކަމުން އަރައިގަތުމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި ކަމަށާއި ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައިވާ ކަމަށެވެ. އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމައި، ޒަމާނީ އާ ޓާމިނަލް ވަރަށް އަވަހަށް ހުޅުއްވާނެ ކަމަށެވެ.

އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ ކަމަށާއި މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް، ފަތުރުވެރީން ރާއްޖެ އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރައްވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށާއި ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތައާރުފު ކުރައްވައި އެ ދާއިރާގައި މަސައްކަތްކުރާ ހިދުމަތްތެރީންނަށްޓަކައި ގެދޮރުވެރިކަން ފަދަ، ދިރިއުޅުމުގެ ލުއިފަސޭހަތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.