އާ ސަރުކާރާއެކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް މި ނިމުނީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާ ކުރައްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި، ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަށަވަރުކޮށްދެން ބޭނުންވަނީ ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަމަށާއި ހާއްސަކޮށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން ކަމަށެވެ.
"މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ހިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި މި ވަގުތަކީ ވަރަށް އުންމީދީ ވަގުތެއް ކަމަށެވެ. އަދި މި މައިދާނަކީ ނަސްރާއި ކާމިޔާބީގެ މައިދާނެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ހާއްސަ ދަތުރަށް ރިޔާ ކޮށާލި ދުވަސް. މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ ގައުމުގެ ފަސްގަނޑު ބިނާކުރުމާއި ގައުމުގެ ސިކުނޑިތައް ބިނާކޮށް، ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން ކަމަށެވެ. އިލްމާއި ހުނަރާއި އަހުލާގާއި ދީނާއި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ. އަދި ރާއްޖޭގެ ބިނާވެއްޓަށް އާދަޔާ ހިލާފު އިންގިލާބީ މުއްސަނދިކަމެއް ގެނައުމާކީވެސް ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު