ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު، ދާދި ދެންމެ ކުރައްވައިފިއެވެ.

އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވީ ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކައި މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައެވެ. މުއިއްޒަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ.

މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ ހުވާ ކުރައްވައިފައެވެ. އެމަނިކުފާނަށް ހުވާ ލައިދެއްވީ ވެސް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ.

މުއިއްޒު، ރައީސް ކަމަށް ވަޑައިގެންނެވި އިރު ހުންނެވީ މާލޭ ސިޓީ މޭޔަރު ކަމުގައެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރައީސް މުއިއްޒު ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރާއްޖޭގެ އަށްވަނަ ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމްއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި އެ ކޯލިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން ވަނީ ނިންމަވައިފައެވެ. އެގޮތަށް ނިންމެވީ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނެތީއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް 3،500 އަށްވުރެ ގިނަ މީހުންނަށް ދައުވަތު ދީފައިވާ އިރު، 46 ގައުމަކުން 120 އަށްވުރެ ގިނަ މަންދޫބުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނައެވެ. އޭގެ ތެރޭގައި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އެގޮތުން ރައީސް މުއިއްޒަށް 128,419 އަށް ލިބިވަޑައިގެންނެވި އިރު ރައީސް ސީލިހަށް ލިބިވަޑައިގެންނެވީ 109,349 ވޯޓެވެ. ރައީސް މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ފަރާތުންނެވެ.